ޓޫރިޒަމް

ފަތުރުވެރިކަން 22 ޕަސެންޓް ކުރި އަރައިފި

ރާއްޖޭގެ ފަތުރުވެރިކަން 22.8 ޕަސެންޓް ކުރި އަރައި، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 97،873އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަދަދަކީ މިމަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދެވެ.

މިއީ 2022ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 22.8 ޕަސެންޓް އިތުރުވުމެކެވެ. 2022ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 79،718 ފަތުރުވެރިންނެވެ. އަދި 2021ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 52،943 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގައުމުން 15،218 ފަތުރުވެރިން ރާއްޖެ އައިއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 15.5 ޕަސެންޓެވެ.

އިޓަލީއަކީ މިހާރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގައުމުން 10،660 ފަތުރުވެރިން އައިއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 10.9 ޕަސެންޓެވެ.

އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ތިންވަނައިގައި މިވަގުތު އޮތް އިންޑިއާއިން މިއަހަރު 9،242 ފަތުރުވެރިން އައިސްފައިވެ އެވެ.

އިނގިރޭސިވިލާތުން 7،982 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ޖަރުމަމުން އައި ފަތުރުވެރިންގެ އަދަދު 5،980އަށް އަރަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ އެމެރިކާ، ފްރާންސް، ކަޒަކިސްތާންގެ އިތުރުން އޮސްޓްރޭލިއާ އަދި ސްވިޓްޒަލޭންޑެވެ.

ކޮވިޑް-19އާ ގުޅިގެން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޗައިނާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުތައް ފެށީ މިމަހުގެ 18ވަނަ ދުވަހު އެވެ. ޗައިނާއަކީ ކޮވިޑް-19ގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖޭގައި ފަތުރުވެރިކަމަށް 1،212 ތަނެއް ދަނީ ހިންގަމުންނެވެ.

އޭގެ ތެރޭގައި 168 ރިސޯޓާއި 874 ގެސްޓްހައުސްގެ އިތުރުން 157 ސަފާރީ އުޅަނދާއި 13 ހޮޓާ ހިމެނެ އެވެ. މިތަންތަނުގައި ފަތުވެރިކަމަށް ބޭނުންކުރާ އެނދުގެ އަދަދަކީ 59،734 އެވެ.