ޝައުނާ ރާއެ ލީސިކްގެ ބަރުދަނުގައި ހުންނަނީ 50 ޕައުންޑެވެ. އޭނާގެ އުމުރުން މިހާރު 23 އަހަރެވެ. އެކަމަކު ބަލާ ބެލުމަށް ހީވާނީ އަށް އަހަރުގެ ކުޑަ ކުއްޖެއް ހެންނެވެ.
ޝައުނާ އަށް މި މައްސަލަ ދިމާވީ ކެންސަރު ޖެހިގެން ކުރި ވަރުގަދަ ހަނގުރާމައިގެ ސަބަބުންނެވެ. އުމުރުން އެންމެ ހަ މަހުގައި ޝައުނާގެ ސިކުނޑީގައި ކެންސަރު ޓިއުމަރެއް އުފެދުނެވެ. އޭގެ ފަހުން ސާޖަރީ ހަދައި ޝައުނާގެ އުމުރުގެ ފުރަތަމަ ތިން އަހަރު އޭނާ އުޅެން ޖެހުނީ ކީމޯތެރަޕީގެ ފަރުވާ ނެގުމުގަ އެވެ. ކީމޯތެރަޕީގެ ސަބަބުން ޝައުނާގެ ޕިޓިއުޓަރީ ގްލޭންޑް މަސައްކަތް ކުރުން ހުއްޓުނެވެ.
ނަތީޖާއެއްގެ ގޮތުން އޭނާގެ ހެދިބޮޑުވުމަށް ހުރަސްއެޅި ޕިޓިއުޓަރީ ޑުވޯފިޒަމް ކިޔާ މައްސަލައެއް ކުރިމަތިވި އެވެ. ޕިޓުއޭޓަރީ ގްލޭންޑްއަކީ ހޯމޯން އުފެއްދުމަށް މުހިއްމު ބަޔަކަށް ވެފައި އެ ބައިގެ މަސައްކަތް ހުއްޓުމުން ހެދިބޮޑުވުމަށް ބޭނުންވާ ހޯމޯން ވެސް ޝައުނާގެ ގައިގައި އުފެދުން ހުއްޓުނެވެ. އޭގެ ފަހުން އޭނާ ދިގުވެފައިވަނީ އެންމެ އަށް އިންޗި އެވެ.
އުމުރުން 16 އަހަރުގައި ޑޮކްޓަރުން ޝައުނާގެ މައިންބަފައިން ކައިރީގައި ބުނީ އޭނާގެ ހެދިބޮޑުވުން މުޅިން ހުއްޓިފައިވާ ކަމަށާއި އިތުރަށް ދެން ދިގު ނުވާނެ ކަމަށެވެ.
އުމުރުން 23 އަހަރު ފުރުނުއިރުވެސް ޝައުނާ ހީވަނީ ކުޑަ ކުއްޖެއް ހެންނެވެ. އޭނާއަށް ދުވަހަކުވެސް ލޯބިވެރިޔަކުވެސް ނުލިބޭނެކަމަށް ޝައުނާ އާއި އޭނާގެ މައިންބަފައިންނަށް ވެސް ގަބޫލު ކުރެވުނެވެ. ޝައުނާގެ މައިންބަފައިންނަށް އިތުރު އެހެން ބިރެއް ވެސް އޮތެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރަން ޝައުގުވެރިވާ ފިޑޮފައިލްއެއްގެ ޝިކާރައަކަށް އޭނާ ވެދާނެތީ އެވެ.
އެމެރިކާގެ ނިއު ޔޯކްގެ ލޯންގް އައިލެންޑްގެ ދިރިއުޅޭ ޝައުނާގެ ހަޔާތުގެ ވާހަކަތައް މީހުންނަށް އެނގުނީ ރިއަލިޓީ ޝޯއެއްގައި އޭނާ ބައިވެރިވުމުންނެވެ.
އިންސްޓަގްރާމް މެސެޖެއްގެ ޒަރިއްޔާއިން ޑޭން ސްވައިގާޓް ކިޔާ 26 އަހަރުގެ ޒުވާނަކު ޝައުނާ އަށް ގުޅީ މި ޓީވީ ޝޯ ބަލާފަ އެވެ. އޭގެ ފަހުން ސްވައިގާޓް ފޮނުވި މާބޮނޑިއެއް ޝައުނާއަށް ލިބުނެވެ. އިސާހިތަކު ދެ މީހުންގެ މެދުގައި ވަރުގަދަ ލޯބީގެ ގުޅުމެއް އުފެދުނެވެ.
ޝައުނާ ގަބޫލުކުރާ ގޮތުގައި އޭނާ އާއި ސްވައިގާޓްގެ ގުޅުން އެހާ ކުޑަ ދުވަސްކޮޅެއް ތެރޭ ބަދަހީ ދެ މީހުން ޝައުގުވެރިވާ ކަންތައްތައް ވެސް ވަރަށް އެއްގޮތް ވީމަ އެވެ.
"ސްވައިގާޓް އަކީ ވަރަށް ދަތުރުފަތުރުކުރަން ލޯބިކުރާ މީހެއް. ދުރު ރަށްރަށަށް ޒިޔާރަތްކޮށް އެޑްވެންޗާ އަށް ލޯބިކުރާ މީހެއް. އަހަރެންގެ ޝައުގުވެރިކަން ވެސް ހުންނަނީ އެފަދަ ކަންކަމަށް،" ޝައުނާ ބުންޏެވެ.
ޝައުނާ އާއި އޭނާގެ މައިންބަފައިން އުންމީދުކުރަނީ އެމީހުން ހީކުރާ ކަހަލަ ރަނގަޅު މީހަކަށް ސްވައިގާޓް ވުމަށެވެ.