ރައީސް މުހައްމަދު ނަޝީދު

ކަންބޮޑުވަނީ މޮޅުވާން ބޭނުންކުރާ ފޯމިއުލާ ނޭނގޭތީ: ނަޝީދު

ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ފޯމިއުލާއަކީ ވައްކަންކުރުމާއި އޮޅުވާލުން ފަދަ ފޯމިއުލާއެއް ކަން ޔަގީންނުވާތީ ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި ގއ. ދާންދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހްގެ ފޯމިއުލާ އެނގިވަޑައިނުގަންނަވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މޮޅުވުމުގެ ފޯމިއުލާ އަކީ ވައްކަންކުރުންތޯ ނުވަތަ އޮޅުވާލުންތޯ ނުވަތަ އެއީ މަކަރުހެދުމުގެ ފޯމިއުލާއެއް ޔަގީންނުވާ ކަމަށް ނަޝިދު ވިދާޅުވި އެވެ.

"އެފޯމިއުލާއަކީ ރައްޔިތުންނަށް މައުލޫމާތު ދީގެން ރައްޔިތުން ބަލައިގަންނަ ސިޔާސަތަކީ ކޮބައިތޯ ދެނެގަނެގެން ހުރިހާ މީހުންނަށް އަމިއްލަ ޒަމީރުގެ މިނިވަންކަން ލިބިގެން އޭނާ ބޭނުން ގޮތަކަށް އޭނާ ވޯޓު ދޭން ދާދިޔުމަށް ދޫކޮށްލުން ކަމުގަ ވާންޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ޕްރޮގްރާމަކީ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމެވެ.

"ދާންދޫގައި މިހާތަނަށް ކިހާ ފައިސާއެއް ދައުލަތުން ހަރަދުކޮށްފައި އެބަހުރިތޯ އެހަރަދު ކުރީ ކޮން ކަމަކަށްތޯ ތިބޭފުޅުން ބައްލަވާ. ޝައްކެއްވެސް ނެތް ގޮތުގައި އެއީ އިޖުތިމާއީ ރައްކާތެރި ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ވަޒީރު ބޭފުޅެއްގެ ގޭދޮށުގައި މުގޯލި އަޅައިގެން ރައްޔިތުން ހޯދި އެއްޗެއް ނޫން ކަމަށާއި އެއީ ރައްޔިތުން ވަކާލާތުކޮށް ކުރި އިހުތިޖާޖުންނާއި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"ޑިމަކްރޮސީ އަކީ ދެފުންފެންނަ ސާދާ ވެރިކަން. ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރެވޭ ރައްޔިތުންގެ ވެރިކަން،" ނަޝީދު ވިދާޅުވި އެވެ.

ޑިމަކްރޮސީއަށް ބުރޫ އަރާ އެއްވެސް ކަމެއް ކުރަން އުޅެފިނަމަ އެކަމުން ލިބޭނީ ގެއްލުން ކަމަށާއި ތަރައްގީއަށް ހުރަސް އެޅޭނެ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ. ތަރައްގީއަށް ހުރަސް ނޭޅި ކުރިއަށް ދިޔުމުގެ ފުރުސަތު އޮތީ އެމްޑީޕީގެ ސިޔާސަތު ތަންފީޒުކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ސިޔާސަތުތައް ސަރުކާރުން ތަންފީޒު ނުކުރާ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ނަޝީދު ވަނީ ތަކުރާރު ކުރައްވާފަ އެވެ. އަދި ރާއްޖެއިން އަނެއްކާވެސް ހުދުމުހުތާރު ސިފަތައް ފެންނަން ފަށާފައިވާ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަށައިގަތް ދަތުރަކީ ރާއްޖެ ބަދަލުކުރުމުގެ ދަތުރު. ރާއްޖެއަށް ހެޔޮ ގޮތް ގޮތް ހޯދައި ދިނުމަށް މަސައްކަތްކުރުމުގެ ދަތުރު،" އެމަނިކުފާން ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދެއްވާ ވޯޓެއް ބާކީ ނުވާނެ ކަމަށާއި ހަރާބުވެސް ނުކުރާނެ ކަމަށެވެ. އަދި ރައްޔިތުންގެ އާމްދަނީ އިތުރުކޮށް އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.