ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްޕޭނަށް ރައީސް ފުވައްމުލަކަށް ވަޑައިގަންނަވަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ޏ. ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު އިރު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އަހްމަދު ވިދާޅުވީ ރައީސް ސޯލިހު މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ފުވައްމުލަކުގެ ކެމްޕޭން ޓީމުތަކާއި މެމްބަރުންނާއި ރައީސް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާއެއް ރޭ މާލެ އާޓިފިޝަލް ބީޗުގައި އޮތެވެ. މި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ އެވެ.

ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް ފުރަތަމަ ވަޑައިގެންނެވީ ރ. އަލިފުށްޓަށެވެ. އެއީ ޖެނުއަރީ ފަސްވަނަ ދުވަހު އެވެ.

ކެމްޕޭންގައި ރައީސް ސޯލިހް ވަނީ ރ. އަތޮޅާއި، ނ. އަތޮޅާއި، ލ. އަތޮޅާއި، ހދ. އަތޮޅުގެ، އިތުރުން ހއ. އަތޮޅު، ޅ. އަތޮޅު އަދި ބ. އަތޮޅާއި އައްޑޫއަށް ޒިޔާރަތްކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.