ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުވެ ކުރިއަށް އޮތް އެހެން އިންތިހާބުތައް ކާމިޔާބު ކުރުން އެމްޑީޕީއަށް ދަތިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގައި ފުވައްމުލަކަށް ވަޑައިގެން ސަޕޯޓަރުންނާއެކު މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލާއި ތަރައްގީ ގެނެވޭނީ އެމްޑީޕީ ވެރިކަމުގައި އޮވެގެން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
"ވެރިކަމަށް އާދެވޭނެ ގޮތާއި އެމަގު ވަރަށް ސާފުކޮށް މިއަދު އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ. އެހެންވީމާ އެމްޑީޕީގެ މެމްބަރުން އެކަމަށް ވިސްނަވާފައި ވެރިކަމަށް އެމްޑީޕީއަށް އާދެވޭނެ ގޮތް ހިޔާރުކުރެއްވުމަކީ އަޅުގަނޑު މިއަދު އެދޭ ކަމެއް. އަޅުގަނޑު މިހުރީ ތިބޭފުޅުންނާއެކު މިކަމުގައި ކުރިއަށް ދާން" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އެމަނިކުފާނު ބޮޑުތަނުން ކާމިޔާބުކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ބައެއް ދާއިރާތަކުގެ މަޖިލިސް މެންބަރުންނަށް 2023 އަށް ވުރެ 2024 މުހިންމުވާނެ ކަމަށާއި އެހެންކަމުން ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރަންޖެހޭ ކަމަށެވެ.
"ވޭތުވެދިޔަ ތަނުގައި ކަންތައްތައް ވެފައިވާ ގޮތާމެދު ވިސްނަން ވާނެ. ރައްޔިތުންގެ މަޖިލީހަށް ވިޔަސް ކައުންސިލް އިންތިހާބަށް ވިޔަސް ކަންވެފައި އޮތްގޮތް ވިސްނަންވާނެ. ވެރިކަމުގައި ތިބި ބަޔަކަށް ނޫނިއްޔާ ރައްޔިތުން މަޖިލިސް ވެސް ވިން ކުރެވިފައެއް ނެތް" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 2008، 2013 އަދި 2018 ގައިވެސް ކަންވީ އެގޮތަށް ކަމަށެވެ. އެހެންކަމުން 2023 ކާމިޔާބު ނުކޮށް ކުރިއަށް އޮތް ތިންތިހާބުތައް ކާމިޔާބު ކުރުމަކީ ދަތި އުނދަގޫ ކަމެއްކަން ގަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ތިހުރިހާ ބޭފުޅުންވެސް އަދި ސީނިއާ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންވެސް މިކަމާމެދު ވިސްނަވާ ފިކުރުކުރެއްވުން އަޅުގަނޑު އެދެން" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ފުވައްމުލަކަށް ވަރަށް ބޮޑު އިސްކަމެއް މިސަރުކާރުގައި ދީފައިވާނެ ކަމަށެވެ. ވެރިކަމަށް ވަޑައިގަތުމަށް އެންމެ ފުރަތަމަ ކުރަންފެށި ކަންކަން ފުވައްމުލަކު ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
"ކޮންމެ ސަރުކާރަކުންވެސް ފުވައްމުލަކު ސިޓީގައި މަސައްކަތްތަކެއް ކުރަން ފަށާ. ކޮއްފައިވެސް އެބަހުރި ކޮންމެވެސް ވަރަކަށް. އެހެންނަމަވެސް 2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހު ފުރަތަމަ މިސިޓީގައި ކުރަންޖެހުނު ކަމަކީ ރޭވުންތެރިކަމެއް ނެތި ކުރަންފެށި ކަންތައްތަކެއްގެ ސަބަބުން އެކަންކަން އިސްލާހުކޮށް އަލުން އެ މަސައްކަތް ކުރަންޖެހުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޮޑު ހަރަަދެއް ކޮށްގެން ކުރީ ވެރިކަމެއްގައި ފުވައްމުލަކުގައި އަޅާފައި އޮތް ނަރުދަމާގެ ނިޒާމު އަނެއްކާވެސް ބޮޑު ހަރަދެއް ކޮށްގެން މިވެރިކަމުގައި ރަނގަޅުކުރަން ޖެހުނު ކަމަށެވެ. ރަށުގެ މަގުތައްވެސް ރައްޔިތުން ބޭނުންވާ ގޮތަށް މިހާރު ހެދެމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ފުވައްމުލަކުގެ ގިރާ ސަރަހައްދުގެ މަސައްކަތްވެސް މިހާރު ބާރަށް ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.
"ތައުލީމީ ދާއިރާގައި މިރަށުގެ ސްކޫލްތަކަށް ބޮޑެތި ބަދަލުތަކެއް އެބަ ގެނެވޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައޔްިތުން ބޭނުންވާ ފަދައިން ފުވައްމުލަކު ހޮސްޕިޓަލުން ސީޓީ ސްކޭން ހެދޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އެއަށްފަހު ފުވައްމުލަކުގައި ދެން އޮންނާނީ އާ ހޮސްޕިޓަލެއް އެޅުން ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެބޭފުޅުން ތިއްބެވީ ތަރައްގީގެ ރޮނގުގައިި ރައްޔިތުން ދާން ބޭނުންވާ މަގުން ކުރިއަށް ދިޔުމަށް މަގު ފަހިކޮށްދިނުމަށް ކަމަށެވެ.
"ބޭނުންވަނީ ވެރިކަމުގައި ތިބުން. ވެރިކަމުގައި ނެތިއެއް މިކަމެއް ނުކުރެވޭނެ. މަގުމަތީގައި ތިބެގެން މިކަމެއް ނުކުރެވޭނެ" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން މި މަހު 28 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި މަގުމަތި ނުވާނެ ގޮތަށް ތަރައްގީގެ މަޝްރޫއުތަކާއެކު ކުރިއަށް ދެވޭނެ ގޮތަށް، ފުންކޮށް ވިސްނުމަށްފަހު ވޯޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.