ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީ މަގުމައްޗެއް ނުވާނެ: ނަޝީދު

އެމްޑީޕީ ދުވަހަކުވެސް މަގުމަތި ނުވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފި އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ދޭއިރު އަލުން އެމްޑީޕީ މަގުމަތިވާން ނުޖެހޭނެ ގޮތަކަށް ވޯޓު ދެއްވުމަށް ނަޝީދާއިއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް، ރައީސް ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާތަކުގައި ގެންދަވަނީ އެމްޑީޕީ މަގުމަތި ނުވާނެ ފަދަ ނިންމުމެއް ނިންމުމަށް ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.

"ބޭނުންވަނީ ވެރިކަމުގައި ތިބުން. ވެރިކަމުގައި ނެތިއެއް މިކަމެއް ނުކުރެވޭނެ. މަގުމަތީގައި ތިބެގެން މިކަމެއް ނުކުރެވޭނެ" ރައީސް ވިދާޅުވި އެވެ.

ރައީސައަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ މަދު މީހުންކޮޅެއްގެ އިއްޒަތާއި މަގާމަށްޓަކައި އެމްޑީޕީ ގުރުބާން ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް ޓިކެޓް ލިބިވަޑައިނުގެންފިނަމަ އެ ޕާޓީ މަގުމަތި ވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވާ ވާހަކަފުޅުތަކަކީ ކޮންފަދަ ވާހަކަތަކެއްތޯ ވެސް ސުވާލުކުރެއްވި އެވެ.

"މި ޕާޓީ އެއް މަގުމައްޗެއް ނުވާނެ. އެއީ ކޮންފަދަ ވާހަކައެއްތޯ؟ ހާހެއްހާ މީހުން ސަރުކާރު ވަޒީފާގައި މި އުޅެނީ. އަޅުގަނޑުމެންނަކީ 100،000 މެންބަރުންގެ ޕާޓީއެއް. ސަރުކާރު ވަޒީފާގައި އުޅޭ 1،000 މީހުންނަށްޓަކައެއް އަޅުގަނޑުމެންނަކަށް މި އުއްމީދެއް ނަގައެއް ނުލެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ކުރިން ވެރިކަމަށް ވަޑައިގައިން ފެއްޓެވި މަސައްކަތުން ހާސިލްކުރަން ބޭނުންފުޅިވި އަމާޒުތަކަށް ވާސިލް ނުވެވެނީސް ދަތުރު ނިންމާލެވެން ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00ގެ ނިޔަލަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް އެ ޕާޓީން ވަނީ އާންމުކޮށްފަ އެވެ. ދާއިމީ ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެ އެވެ.