މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ހުޅުމާލޭގެ ސަރުކާރު އޮފީސް އިމާރާތް ހުޅުވުން ފަސްކޮށްފި

Jan 22, 2023
1

ހުޅުމާލޭގައި ހަދާފައިވާ ސަރުކާރުގެ އޮފީސް އިމާރާތް ހުޅުވުމަށް އަނެއްކާވެސް އާ ތާރީހެއް ދީފި އެވެ.

މި އިމާރާތް ހުޅުވުމަށް ޕްލޭނިން މިނިސްޓްރީން މީގެކުރިންވެސް އެކި ތާރީހްތައް ދީފައިވެ އެވެ. އެންމެ ފަހުން ދިން ތާރީހަކީ މިމަހު 15ގައި އެ އިމާރާތް ހުޅުވުމެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން މިއަދު އެ އިމާރާތް ހުޅުވުމަށް މިހާރު މަސައްކަތް ކުރަނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

"ބައެއް އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ލަސްވާތީ އިމާރާތް ނުހުޅުވި ލަސްވަނީ،" އޮފިޝަލް ވިދާޅުވި އެެވެ.

ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް އެޅުމަށް ނިންމީ ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 2019 ވަނަ އަހަރު ނިންމެވުމާ ގުޅިގެންނެވެ.

މި އިމާރާތް ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެކުރިން މައުލޫމާތު ދީފައިވެ އެެވެ.

ހުޅުމާލޭގެ އޮފީސް އިމާރާތް ބެހިފައިވާ ގޮތް:

  • ގުރައުންޑް އަދި ފުރަތަމަ ފަންގިފިލާ - ޕާކިން އަށް ހާއްސަ
  • ދެވަނަ ފަންގިފިލާ - ޖެންޑާ މިނިސްޓްރީ
  • ތިންވަނަ ފަންގިފިލާ - ޓްރާންސްޕޯޓް މިނިސްޓްރީ
  • ހަތަރުވަނަ ފަންގިފިލާ - އެމެރިކާ އެމްބަސީ
  • ފަސްވަނަ ފަންގިފިލާ - ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
  • ހަވަނަ ފަންގިފިލާ - މީޓިން ރޫމާއި ސެމިނާ ރޫމް އަދި ޓެރަސް

މާލޭގައި ސަރުކާރުގެ އޮފީސްތައް ހިންގަން އަމިއްލަ އިމާރާތްތަކެއް ހޯދަންޖެހުނީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން ގެންދިޔަ ހުރަވީ ބިލްޑިން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ގުޅޭ ފަންނީ ބޭފުޅުން ލަފާ ދިނުމާ ގުޅިގެން އެ އިމާރާތް ހުސްކުރުމުންނެވެ.