ޕީޕީއެމް

ޤުރުއާން އެންދުން ޕީޕީއެމް އިން ކުށްވެރިކޮށްފި

Jan 22, 2023

ކީރިތި ޤުރުއާން އެންދުމަށް ސްވިޑަން ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލައާއި ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.

ޕީޕީއެމް އިން ބުނީ މުސްލިމުންނާ ދެކޮޅަށް ހިންގޭ މިފަދަ ލާދީނީ އަދި ލާއިންސާނީ ހަރަކާތްތަކަކީ އެއްގޮތަކަށްވެސް އިދިކޮޅު ކޯލިޝަނުން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ.

ސްވިޑަންގައި ކުރަން އުޅޭ ކަންތަކުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި އެހެން ދީންތަކުގެ މީހުންގެ މެދުގައިވެސް ނަފްރަތާއި ރުޅިވެރިކަން އުފެދި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ފުރުސަތު ތަނަވަސްވެގެން ހިނގައިދާނޭ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ.

"އެހެންކަމުން ސްވިޑަން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމަށް ދީފައިވާ ހުއްދަ ބާތިލްކޮށް ނަފްރަތާއި ރުޅިވެރިކަމަށް ޖާގަ ލިބޭ މިފަދަ އަމަލުތަކުން ދުރުވުމަށް އެންމެހާ ޤައުމުތަކަށް ގޮވާލަމެވެ. އަދި ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި މިކަމާއި އިދިކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ސަރުކާރަށް ގޮވާލަމެވެ." އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީގެ ބޭރުގައި ގުރުއާން އަންދަން ނިންމާފައިވަނީ އެ ގައުމުގެ ހަރުކަށި ކަނާތު ފިޔައިގެ ސިޔާސީ ޕާޓީއަކުން ރާވައިގެންނެވެ.