ރައީސް މުހައްމަދު ނަޝީދު

ސަރުކާރަށް ކަމެއް ނުވަނީ އިއްތިހާދާ ހެދި: ނަޝީދު

Jan 23, 2023

މިދިޔަ ހަތަރު އަހަރު ތެރޭގައި ސަރުކާރުން އެމްޑީޕީގެ އެއްވެސް ސިޔާސަތެއް ތަންފީޒު ނުކުރަބީ ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަނާ ހެދި ނުވަތަ އިއްތިހާދުގެ ސިޔާސަތާ ހެދި ކަމަށް އެމްޑީޕީގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ދަތުރުފަތުރާއި ޓެކްސް ނެގުން ފަދަ މަދުކަމެއް ސަރުކާރުން ތަންފީޒުކުރާ ކަމަށެވެ. ނަމަވެސް ފެނާއި ކަރަންޓް އަގުހެޔޮކުރުން، ގެސްޓްހައުސް ވިޔަފާރި ފުޅާކުރުން، އެގްރިވިޔަފާރި ކުރުން، ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުން، މަސްވެރިންނަށް ނަފާ ހޯދައިދިނުން ފަދަ އެތައް ކަމެއް ސަރުކާރުން ނުކުރަނީ އިއްތިހާދުގެ ސިޔާސަތާ ހެދިގެން ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަށްރަށަށް އިގްތިސޯދީ ދިރުމެއް ގެނެވިފައި ނެތް ކަމަށާއި އެހެންވެ ރަށްތަކުގެ ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށެވެ.

"އެކަންކަން އެނގެނީ އަޅުގަނޑު ރައްޔިތުންނާ ގާތަށް ގޮސް ގޭގެއަށް ވަދެ ސައިބޯލާ ހަދާލާ ގަޑީގައި. އެހެންވެ އެމްޑީޕީގެ އެއްވެސް ސިޔާސަތެއް ތަންފީޒު ނުވާ ކަމީ ކަންބޮޑުވާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަކީ ސެންޓާ ރައިޓް ޕާޓީއެއް ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ވިޔަފާރިއަށް ފަހި މާކެޓް ގާއިމުކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. ޕީޕީއެމާ އެމްޑީޕީއާ ތަފާތު ވަނީ ގައުމިއްޔަތާ ނުވަތަ ގައުމީ ރޫހާ މެދު ޕީޕީއެމް ދެކޭގޮތާއި އެމްޑީޕީން ދެކޭގޮތާ ދެމެދު އޮތް ތަފާތެއް ކަމަށްވެސް ވިދާޅުވި އެވެ.

"ޕީޕީއެމް އާއި އެމްޑީޕީއާ ދެމެދު އިގްތިސޯދީ އަދި ވިޔަފާރީގެ ގޮތުން އޮތް ފިކުރުތަކުގައި މާކަ ބޮޑު ތަފާތެއް ނެތް. އެހެންނަމަވެސް [ވެރިކަން ކުރާ] އިއްތިހާދުގެ ސިޔާސަތު މާބޮޑަށްވެސް ތަފާތު. އިއްތިހާދުގެ ސިޔާސަތާ ހެދި ސަރުކާރަށް އުދަނގޫވޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ "އިއްތިހާދަކީ ރާއްޖޭގެ ސިޔާސީ ހަގީގަތެއް ނޫން" ކަމަށާއި "ގާނޫނު އަސާސީވެސް ދަންނަ ކަމެއް ނޫން" ކަމަށެވެ. އިއްތިހާދާ ހެދި ސިޔާސީ ބޮޑެތި ޕާޓީތައް ނުވަތަ އާބާދީގެ ބޮޑު ބައެއް އެކެހެރިވުމަކީ މައްސަލައެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެމްޑީޕީ އަދި ޕީޕީއެމް އެކުވެ ވޯޓިން އާބާދީގެ 90 ވަރަކަށް ޕަސެންޓް ނަގާ ކަމަށާއި ބާކީ އޮތް ޕަސެންޓަކީ ކުދި ޕާޓީތައް ކަމަށެވެ. އެހެންނަމަވެސް އިއްތިހާދުވުމުން 60 ޕަސެންޓް ވަރު ބޮޑެތި ޕާޓީތަކަށް ހާއްސަކޮށް އެމްޑީޕީއަށް ގެއްލިގެންދާތީ އެމްޑީޕީގެ މެނިފެސްޓޯ ސަރުކާރުގެ ތެރެއިން ތަންފީޒު ވެގެން ނުދާ ކަމަށެވެ. އެހެންވެ ވެރިކަމަށް ވަޑައިގަތުމަށްޓަކައި އިއްތިހާދެއް ނުހަދާނެ ކަމަށް ދޭހަވާ ގޮތަށްވެސް ނަޝީދު ވާހަކަދެއްކެވި އެވެ.