ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 19 ޖެނުއަރީ 2023 އާ ގުޅޭ )

ދަރަކްގެ ބީހިލުމާއެކު އޭނާ އަރިއަޅާލައިފިއެވެ. ސިހުން ލިބުނު ދަރަކްގެ ހަރަކާތްތައް ނިކަން އަވަހެވެ. ލައިލީ އެކީ ވެއްޓުމުގެ ކުރީން ދަރަކް އަނބިމީހާގެ ގައިގާ ހިފެހެއްޓިއެވެ. އެންމެން ހާސްވެގެން އެ ދިމާއަށް އަތުވެއްޖެއެވެ. ދަރަކްގެ މޭގައި އަތް އަޅައި ލައިލާއާ ދުރަށް ކޮށްޕާލެވުނީ ބޭއިޚްތިޔާރުގައެވެ. ދަރަކްއަށް ލިބުނު ހައިރާންކަން އެ މޫނުން ފެންނަން ހުއްޓެވެ. ދެ ކަކޫ މަތީ ފިރުކިފައި ލައިލީ ޖެހިލީ ދަރަކްއާ ދުރަށެވެ. ހަރަކާތެއް ކުރާން ނޭނގިފައި ދަރަކް އިނެވެ. ދަރަކްގެ މަންމަ ގާތްވެލައި ލައިލީ އަތުލަފިކޮށްލައިގެން ގެނެސް ސޯފާގައި ބެއިންދިއެވެ. އެހިނދު ދަރަކްގެ ބައްޕަ ފެންތަށްޓެއް ހިފައިގެން އައިސް ދަރަކްގެ މަންމައަށް ދިއްކޮށްލިއެވެ. އެ ފެންތަށި ލައިލީއަށް ދެމުން ގާތުގައި ދަރަކްގެ މަންމަ އިށީނެވެ.

"ކިހިނެއްވީ؟. އެނބުރުން އެރީތަ؟." ލައިލީގެ ކޮނޑުގައި ފިރުމަމުން ދަރަކްގެ މަންމަ ވާހަކަދެއްކިއެވެ.

ލައިލީއަށް ޖަވާބެއްދޭކަށް ނޭނގުނެވެ. އިސްއޮބާލައިގެން ދެއަތުން ހިފަހައްޓާލެވިފައިވާ ފެންތަށްޓަށް ނަޒަރު ހުއްޓާލައިގެން ލައިލީ އިނެވެ.

"އެ މަންޖެ ގޮވައިގެން ކާން އަރަންވީނު. މާބޮޑަށް ބަނޑުހައިވީ." ދަރަކްގެ ބައްޕަ ބުންޏެވެ.

"ތެދެއް ހިނގާ އަވަހަށް. އާދޭ އެންމެން." ލައިލީގެ އަތުގައި ހިފާލަމުން އޭނާ ކޮޅަށް ނަގަމުން ދަރަކްގެ މަންމަ ބުންޏެވެ.

އެންމެން ކާމޭޒުދޮށުގައި އިށީނެވެ. ލައިލީއާ ޖެހިގެން ދަރަކް އިނެވެ. ކެއުމުގައި އެންމެން ޝާމިލްވަމުންދިޔައެވެ. ކެއުމުގައި ލައިލީ ކުރިޔަކަށް ނުދެއެވެ. ހިތްވަރަށް ގަދަކަމުން އެތެރެކުރާ އެތިކޮޅު ބޭރަށް އަންނަން އުޅެނީއެވެ. އެހެންވެ މާބޮޑަށް ހަފާކަށް ވެސް އޭނާ ނުހަދައެވެ. ފެންފޮދަކާއެކީ ދިރުވާލަނީއެވެ. ދަރަކްގެ މަންމަގެ ލޮލުގައި ލައިލީގެ ހަރަކާތްތައް އަޅައިގަތެވެ.

"ނިންމާލީތަ؟. އެކަމަކުވާ... ހާދަ ކުޑައެތިކޮޅެކޭ ތިކެއީ. ކިހިނެއް ދެން ގައިގަ ވަރު ހުންނާނީ." ދަރަކް މަންމަ ބުނެލިއެވެ.

"ސޮރީ މަންމާ. ކާން ބޭނުންވިޔަސް ހަމަ ނުކެވެނީ." ލައިލީ ބުންޏެވެ. ފަރުވާތެރިކަމާއެކު ލައިލީއަށް ބަލަން އިނދެފައި ދަރަކްގެ މަންމަ ހީނލައިފިއެވެ.

"ހޮޑުލަވާފަ އިނދެގެން ދޯ ތިކެއީ. މަންމައަށް ހާދަ ހީވޭ ލައިގެ ފަރާތުން އުފާވެރި ޚަބަރެއް ލިބެން އުޅެނިއްޔޭ." ދަރަކްގެ މަންމަ ބުނެލިއެވެ. އެއާއެކު ލައިލީގެ މޫނުން ފާޅުވީ ހައިރާންކަމެވެ. ދަރަކް ވެސް އޭނާގެ މަންމައަށް ބަލާލައިފިއެވެ.

"ޚަބަރެކޭ..." ދަރަކްގެ ބައްޕަ އަހާލިއެވެ.

"ހޫމް... އަހަރެމެންގެ ލައި ބަނޑުބޮޑީހެން ވަރަށް ހީވޭ. ޓެސްޓުކޮށްފިންތަ؟. ނުކުރަންޏާ އަވަހަށް ބަލަން އުޅޭ." ދަރަކްގެ މަންމަ ވާހަކަދެއްކިއެވެ. ލައިލީއަށް ލިބުނު ސިހުން އެ މޫނުން ފާޅުވޭވޭ ހުއްޓެވެ. އެންމެންގެ ތެރޭ އެކަހަލަ ވާހަކައެއް ދަރަކްގެ މަންމަ ބުނީތީ ލައިލީ ހިސާބަކަށް ލަދު ވެސް ގަތެވެ. ނަމަވެސް ހަމަ އެހިނދު ދަރަކް ވާހަކަދެއްކިއެވެ.

"ލައި ބަނޑުބޮޑެއްނޫން. އަރާމުކުރަނިކޮށް ބަލި ރަނގަޅުވެދާނެ." ދަރަކް ބުންޏެވެ.

"އެކަމަކު ޔަގީންނުކޮށް ތިބޭކަށް ނުވާނެ. ދޯ ޝަހީދާ." ދަރަކްގެ ބައްޕަ ޚިޔާލު ފާޅުކުރިއެވެ.

"ކަލީމް... އެކުދީންނަށް މާބޮޑަށް ޔަގީންވާނެއެއްނު. ދަރަކް އެބުނީނު ލައި ބަނޑުބޮޑެއް ނޫނޭ. ދަރަކް. ދަރިފުޅު ދާންވީނު ލައި ގޮވައިގެން މަންމަމެން ކޮޓަރިއަށް. އެންމެން ކައި ނިމެންދެން ލައި އޮށޯވެލަނިކޮށް ބޯއެނބުރުން ކުޑަވާނެ." ދަރަކްގެ މަންމަ ބުންޏެވެ.

ދަރަކްއާއެކު ލައިލީ ތެދުވިއެވެ. ދަރަކްގެ މަންމަގެ ކޮޓަރިއަށް އޭގެ ދެމަފިރިން އައިސް ވަނެވެ. އޭރު ލައިލީއަށް ވިސްނެމުންދިޔައީ ދަރަކްގެ މަންމަ ދެއްކި ވާހަކައެވެ. ދަރަކްއާއެކު ގުޅުމެއް ނުހިގާތާ ދެ މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ކޮންމެ މަހަކު އޭނާ ޕީރިއަޑް ވެސް ވެއެވެ. ވީއިރު ލައިލީ ބަނޑުވުމުގެ ފުރުޞަތެއްނެތްކަން ޚުދު އޭނާއަށް އެނގެއެވެ. ލައިލީ އިސް ނުނަގާއިރު ދަރަކް ވެސް އަނބިމީހާއަށް ބޭނުންވެގެން އިސްނަގާފައެއް ނުވެއެވެ.

"ސަމައިރާގެ ފަރާތުން ހިތްހަމަޖެހޭވަރު ވަންޏާ ދަރަކް ހުންނާނީ ފުދިގެންނު. ދެމަފިރިކަމުގެ ގުޅުމެއް ނުހިނގާ ކައިވެންޏަކަށް ދަރީން ލިބޭނީ ކިހިނެއް؟. ދަރަކްގެ މަންމައާއި ބައްޕަ އެ ތިބެނީ މާމަކާފަ ކިޔާނޭ ކުއްޖަކު ބޭނުންވެފައި. އެކަމަކު އެ ނަސީބު އެމީހުންނަށް ލިބެންނެތީ އެމީހުންގެ ދަރިފުޅާ ހެދިކަން އެނގޭނަމަ އެމީހުން އަހަރެންގެ ވާހަކަ ޤަބޫލުކުރާނެތަ؟. އަހަންނާ އިނދެގެން ހުރެ އެހެން އަންހެނަކާ ދަރަކް ގުޅުމެއް އުފައްދައިފިކަން އެނގުނީމަ އެމީހުން ގޯސް ކުރާނީ ކާކު؟. އަހަރެންތަ! ނޫނީ ދަރަކްތަ!... އަހަރެން ވަރިކޮށްލާފައި އެހެން އަންހެނަކާ ދަރަކް އިނަސް އެމީހުން އުޅޭނީ މިހާރު ވެސް އެއުޅޭ ގޮތަށް ކަންނޭނގެ." ލައިލީގެ ހިތާއި ސިކުނޑީގައި ވިއެވެ.

"ކުޑަކޮށް ނިދާލަންވީނު. އަހަރެން އިންނާނަން ލައިއަށް ނިދެންދެން." މަންމަގެ އެނދުގައި ލައިލީ އޮށޯވެ ގައިމަތީ ރަޖާއަޅާލުމުން މަގަތުން ދަރަކް އިށީނދެ ވާހަކަދެއްކިއެވެ. އަދި އޯގާތެރިކަމާއެކު ލައިލީގެ ބޮލުގައި ފިރުމާލިއެވެ.

"ދަރަކް ކައި ނުނިމެއެއްނު. ކުއްލިއަކަށް ދެމީހުން މިގޮތަށް ކޮޓަރިއަށް އައިމަ ކަމަކުނުދާނެ. ދަރަކްގެ ފެމެލީ ހީކުރާނީ ކީކޭ. ދޭ ފެމެލީ ކައިރިއަށް... އަހަރެން މިހެން އޮވެ ނިދާލެވޭތޯ ބަލާނަން." ލައިލީ ބުންޏެވެ.

"ލައިއަކީ ވެސް އަހަރެންގެ ފެމެލީ. ލައިއަށް ކަމެއްވީމަ އަހަރެންނަށް ކަންތައް ބޮޑުވާނެ ދޯ." ލައިލީގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން ދަރަކް ވާހަކަދެއްކިއެވެ.

ފިރިމީހާގެ އޯގާތެރި ބަސްތަކުން ލައިލީގެ ހިތަށް އަސަރު ކުރިއެވެ. އޭނާ ރަޖާ ގެނެސް މޫނާއެކު އަޅާލިއެވެ. ރޮވިދާނޭހެން ހީވީއެވެ. ދަރަކް ފުންނޭވާއެއް ދޫކޮށްލިއެވެ. ދެން މަޑުމަޑުން ތެދުވެފައި މަންމަމެން ކައިރިޔަށް ދަނީކަން ބުނެ އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އިރުކޮޅަކު ހަރަކާތެއްނުކޮށް އޮވެފައި ލައިލީގެ މޫނުމަތިން ރަޖާ ތިރިކޮށްލިއެވެ. ކޮޓަރީގައި ދަރަކް ނެތްކަން ލައިލީއަށް ޔަގީންވިއެވެ. އެއީ ލައިލީ ބޭނުންވީ ގޮތަށް ވިޔަސް ނިކަން އަވަހަށް އޭނާއަށް ތުންފިއްތާލައިފިއެވެ.

"ފެމެލީ... މީ ދަރަކްގެ ޢާއިލާ. މިތަނުގައި އަހަންނަކީ ބީރައްޓެއްސެއް. ދަރަކްގެ މަންމައަކީ އަހަރެންގެ އަސްލު މަންމައެއްނޫން. މިގުޅުން ކޮންމެ ވަގުތަކު ވެސް ކެނޑިދާނެ. އެހިސާބުން ދަރަކް ވެސް މި ޢާއިލާ ވެސް އަހަންނަށް ވާނީ ލޭގެ ގުޅުމެއްނެތް ދުރު ހިލޭ ބަޔަކަށް. އެކަމަކު ދަރިއެއް... އާން!... ދަރިއަކު ހުރެއްޖަނަމަ އެކުއްޖާ އަހަރެމެން ދެ މީހުން ގުޅުވައި ދޭނެ. އެ ދަރިފުޅުގެ ގައިގާ ހިނގާނީ އަހަންނާއި ދަރަކްގެ ލޭ. އޭރުން އަހަރެމެންނަކީ ޢާއިލާއެއްކަމުގައި ވާނެ.... އަހަންނަށް... އަހަންނަށް ދަރިއަކު ލިބިއްޖެނަމަ މި ހާލަތު ބަދަލުވެދާނެތަ؟. އޭރުން ސަމައިރާއަށްވުރެ ދަރަކްއަށް އަހަރެން މުހިންމުވާނެ. އަނތްބެއްގެ ގޮތުގައި އަހަރެން އިނުމުގެ އިތުރުން އޭނާގެ އަލަތު ދަރިފުޅުގެ މަންމައަށް ވާނެތީ. އޭރުން އަހަރެންގެ ކޮޅު މޮޅުވީ." ޚިޔާލުތަކުގެ ތެރެއިން ލައިލީއަށް އެންމެ ޖުމްލަ ދުލުން ބޭރުކޮށްލެވުނެވެ. ނަމަވެސް އެހާމެ އަވަހަށް އޭނާ މޫނުގައި ދެއަތް އަޅައި ބޯހޫރާން ފެށިއެވެ. އޭނާގެ ވިސްނުން އަދި ރަނގަޅުނޫންކަން ލައިލީ ޟަމީރު ވިސްނައިދޭން މަސައްކަތް ކުރަނީއެވެ. ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރާން އޮތް ހަތިޔާރަކަށް ދަރީންވެގެން ނުވާނޭކަން އެ ޟަމީރު ނަޞޭޙަތްތެރިވެއެވެ.

"ލައި..." ދަރަކް ގޮވާލިއެވެ.

ދެ ލޯ މަރާލައިގެން ފުން ޚީޔާލުގައި އޮތް ލައިލީ ލޯ ހުޅުވާލިއެވެ. އޭނާގެ މަގަތުން އެނދުގައި ދަރަކް އިށީނެވެ. އޭނާގެ އަތުގައި ޖޫސްތަށްޓެއް އޮތެވެ.

"މަންމަ ބުނީ ރޯގާއަށް ވެސް ރަނގަޅުވާނޭ ދިޔާ އެއްޗެހި ބުއީމަ. ތެދުވެލަންވީނު." ދަރަކް ބުންޏެވެ.

ލައިލީ ތެދުވެ އިށީނެވެ. ޖޫސްތަށި ބޯލުން ލައިލީއަށް އުނދަގުލެއް ނުވިއެވެ. އޭނާ ޖޫސްތަށި ހުސްކޮށްލުމުން ފެންފޮދެއް ބޭނުންތޯ ދަރަކް އަހާލިއެވެ. ލައިލީ ނޫނެކޭ ބުނުމަށް ބޯހޫރާލިއެވެ. ދަރަކްއާއި ލައިލީގެ ނަޒަރު ސީދާވެލި ހިނދު ދަރަކްގެ މޫނުން ފާޅުވީ ލޯތްބާއި އޯގާތެރިކަމުގެ ލުއި ހިނިތުންވުމެކެވެ. އޭނާ ލައިލީގެ ތުން ފުހެލަދިނެވެ. އެ މޫނަށް ބަލަން ލައިލީއަށް އިނދެވުނެވެ. އެހާ ފަރުވާތެރިކަމާއެކު ދަރަކްގެ މޫނަށް އޭނާ ބަލާނުލާތާ ދުވަސްތަކެއް ވެއްޖެކަން ގައިމެވެ.

"ދަރަކް ހިކިއްޖެހެން ހީވޭ. އޮފީހުގައި މާބޮޑަށް ބުރައީތަ؟. ދަރަކް އެހާ ލޯބިން ބަލަނީ ކީއްވެ؟. އަހަންނަށް ހަޤީޤަތް އެނގިއްޖެކަން އެނގުނީމަ ވެސް އެހެން ބަލާނެތަ؟." ލައިލީގެ ހިތަށް އަރަމުންދިޔައެވެ.

"ލައި... އައި އޭމް ސޮރީ." ދަރަކް ކުއްލިއަކަށް ވާހަކަދެއްކިއެވެ.

"ކީއްވެ؟." ލައިލީ ކުއްލިއަކަށް ހާސްވިއެވެ. ދަރަކް އެ އުޅެނީ އަނެއްކާ ސަމައިރާގެ ވާހަކަ ދައްކަންބާއޭ ލައިލީ ހިތަށް އެރިއެވެ. ލައިލީއާއި ސަމައިރާއާ ދެ މީހުންކުރެ އެކަކު ދަރަކް ޚިޔާރުކުރީބާއެވެ. ލައިލީގެ ހިތް އަވަސްވިއެވެ. އޭނާއާ ދަރަކް ވަކިވާކަށް ލައިލީ ނޭދެއެވެ.

"ދަރަކް." ލައިލީއަށް ގޮވާލެވުނެވެ. އެނދުމައްޗަށް އަރުވާލެފައިވާ ފައިމަތީ އޮތް ދަރަކްގެ އަތްތިލަ މަތީ ލައިލީގެ ކަނާއަތް ބާއްވާލެވުނެވެ. އިރުކޮޅެއް ކުރީން ދަރަކްގެ ކުޑަ ބީހުމަކަށް ވެސް ކެތްނުކުރެވިގެން ލައިލީ އުޅުނު ހަނދާން އޭނާ ރަނގަޅަށް އެބަހުއްޓެވެ. އެހެންވިޔަސް ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބަބުން އޭނާއަށް ދަރަކްއާ ދިމާއަށް ދެވުނީއެވެ. ދަރަކްގެ އަތުގައި އަތް ބާއްވާލެވުނީއެވެ.

"އެނިވަރސަރީގަ ކަންތައްވީ ގޮތުން އަދިވެސް އަހަރެންދެކެ ރުޅިއައިސްފަތަ ލައި ތިހުންނަނީ." ދަރަކްގެ އަތްމަތީ އޮތް ލައިލީގެ އަތްތިލަ ހިއްލާލައި ދެ އަތުން ލައިލީގެ އެ އަތްތިލައިގަ ހިފަހައްޓާލައިގެން އިނދެ ދަރަކް އަހާލިއެވެ. ލައިލީއަށް ޖަވާބެއްދޭން އުނދަގޫވެ އެއްޗެއް ނުބުނެވިފައި އިންދާ އަނެއްކާ ވެސް ދަރަކް ވާހަކަދެއްކިއެވެ.

"އަދިވެސް ތި އަޅަނީ ކުރީގެ ގަޑި." ލައިލީގެ އަތުކުރީގައި އޮތް ގަޑިއަށް ބަލަން އިނދެ ދަރަކް ބުންޏެވެ. ލައިލީއަށް އަތް ދަމައިގަނެވުމާއެކު ގަޑި އޮތް ހިސާބުގައި އަނެއް އަތުން ހިފަހައްޓާލެވުނެވެ.

"މެޓަލްއަށް އެލާޖިކްވަނީހެން ހީވަނީ. އެ ގަޑި އެޅީމަ އަތް ކަހާ ކަހަލަ ގޮތެއްވާތީ." ލައިލީއަށް ދޮގު ހަދަންވީމާ ދަރަކްއާ ނަޒަރު ސީދާކޮށްލާކަށް ނުކެރުނެވެ.

"އެހެންތަ؟. އަހަރެން ހީކުރީ އެއީ ޓައިޓޭނިއަމް ކަމަށް. ލައި. އަހަރެން ވަޢުދުވެފައި އެ ވަޢުދު އުވާލެވުނީތީ އަހަންނަށް މަޢާފުކުރޭ. ލައި ދެރަކުރާން ކުރިކަމެއްނޫން އެއީ. ޕްލީޒް. އަހަންނަށް މަޢާފްކުރޭ." ދެއަތް ޖޯޑުކޮށްލަމުން ދަރަކް އިސްޖަހާލައިގެން އިން ގޮތުން އޭނާ އާދޭސް ކުރާ ފަދައެވެ.

"ދަރަކް. އެނިވަރސަރީގެ ވީކަންތައް އެކަނިތަ؟. އެ ދުވަހަށް އެކަނިތަ މަޢާފުކުރަންވީ. އެކަމަކު އެ ދުވަހުގެ ފަހުން ކިހާކަމެއް ބަދަލުވެއްޖެކަން ނޭނގޭތަ؟. އެހެންވީމަ އެކަމަށް ހަމައެކަނި މަޢާފުކޮށްގެން މިޖެހިގެން އުޅޭ ހުރިހާކަމެއް ހައްލުވާނެތަ؟. ނޫން... ނުވާނެ ހައްލެއް. ދަރަކް މަޢާފްކުރާށޭ ބުންޏަސް ދަރަކް ކުރި ކަންތައްތައް އެއީ ނުކުރާ ކަންކަމަކަށް ނުހެދޭނެ. އަހަރެންގެ ހިތުގައި ހަސަދައާއި ޝައްކު އުފެއްދީ ޚުދު ދަރަކް." ބޭރުފުށުން ލައިލީ ހިމޭންވެފައި ވިޔަސް އޭނާގެ ސިކުނޑީގައި އަމިއްލަ އަޑު ގުގުމަމުން ދިޔައެވެ.

"ލައި. މިގޮތުގައި ކުރިޔަށްދާނީ ކިހިނެއް؟. އެހެންވީމަ ބުނޭ... އަހަރެން ކީއްކުރިއްޔާ ލައި އޯކޭވާނީ." ދަރަކް ބުންޏެވެ.

"ދަރަކް... އަހަރެންދެކެ އަދިވެސް ލޯބިވޭތަ؟." އިސްއޮބާލައިގެން އިނދެފައި ލައިލީ އަހާލިއެވެ. އެ ސުވާލުން ދަރަކް ދިޔައީ ސިއްސައިގެންނެވެ.

"ޔަގީންތާ. ވަރަށް ލޯބިވޭ." ދަރަކް ވަގުތުން ބުންޏެވެ. ލައިލީ އިސްއުފުލާލައި ދަރަކްއަށް ބަލާލިއެވެ. ދަރަކްގެ ދެ ލޯ ފެނި ލައިލީއަށް ޤަބޫލުކުރަންވީ ގޮތް އޮޅުނެވެ. އެ ދެ ލޯ ބުނަނީ ދަރަކް އަދިވެސް ލޯބިވާކަމެވެ.

"އެއްވެސް މީހަކަށްވުރެ... އެއްވެސް ކަމަކަށްވުރެ ބޮޑަށް." ލައިލީ އަހާލިއެވެ.

"އާން. ލައިދެކެ ވަރަށް ލޯބިވޭ." ދަރަކް އަނެއްކާ ވެސް ބަސްތައް ތަކުރާރުކޮށްލިއެވެ.

"އެހެންވީރު... އެހެންވީރު ހިނގާ ބޭބީއެއް ހޯދަން." ލައިލީ ބުންޏެވެ.

"ކުއްޖެއް ހޯދަން... މަންމަމެން އެ ވާހަކަދެއްކީމަތަ؟. އެކަމާ އަޅާނުލާ... ވަގުތު ޖެހުނީމަ ދަރީން ވެސް ލިބޭނެ." ދަރަކް ބުންޏެވެ.

"ދުވަސްތަކެއް މަޑުކުރާކަށް ބޭނުމެއްނޫން. އަހަރެން ބޭނުމީ ވީހާ ވެސް އަވަހަކަށް ކުއްޖެއް ހޯދަން." ލައިލީއަށް ބުނެވުނެވެ.

"މިދުވަސްކޮޅުތަ؟." ދަރަކްއަށް އަހާލެވުނެވެ.

"އާން. އަހަރެން ހޮސްޕިޓަލުން އެޕޮއިންމެންޓެއް ހައްދާނަން. ދެ މީހުންގެ މައްސަލައެއް ހުރިއްޔާ ވެސް އެނގޭނީ އޭރުން ދޯ. ދަރިމައިވުމުގައި މައްސަލައެއް އުޅޭނަމަ ވީހާ ވެސް އަވަހަކަށް ޓްރީމެންޓު ފެށޭނީ އޭރުން. ޑަކްޓަރަކާ މަޝްވަރާކުރީމަ ދޯ އެނގޭނީ ހުރި އޮޕްޝަންތައް." ލައިލީ ބުންޏެވެ.

"އެކަމަކު ލައި ބުނީމެންނު އިހަށް އަހަރެމެން ދެ މީހުން އެކަނި އުޅޭށޭ ބޭނުމީ. ތަންކޮޅެއް ފަހުންނޭ ދަރިއެއް ހޯދާނީ." ދަރަކް ބުންޏެވެ.

"ކައިވެންޏަށް ތިން އަހަރުވީނު. އެހެންވީމަ އަވަހެއްނޫނެއްނު. ފިރިހެނަކަށްވުރެ އަންހެނުންނަށް އުމުރު ވެސް މުހިންމު ޕްރެގްވާން. އަހަންނަށް ތިރީސް އަހަރު ވާން މިއުޅެނީ. އުމުރުން މައްޗަށް ދާ ވަރަކަށް މާބަނޑުވުމާއި ވިހެއުމުގައި ދިމާވާ ހިރާސްތައް ގިނަކަން ޑަކްޓަރުން ބުނޭ." ލައިލީ ބުންޏެވެ. ނަމަވެސް އެ ޚިޔާލާ ދަރަކް ގަޔާވާހެން ފެނުނު އަސަރުތަކުން ހިޔެއް ނުވެއެވެ. ދަރަކް އަނގައިން ނުބުނެ އިންނަން ފެށުމުން ލައިލީ ވާހަކަދެއްކިއެވެ.

"އަހަރެންނާ ވަކިވާން ދަރަކް ވިސްނާފައި އޮތީތަ؟." ލައިލީ އަހާލިއެވެ.

"ކީކޭ... ކީއްވެ އަހަރެން ލައިއާ ވަކިވާންވީ." ދަރަކްގެ ފަރާތުން ފެނުނީ ކަންބޮޑުވުމެވެ.

"ދަރަކް ހިޔެއްނުވޭ ކުއްޖެއް ހޯދަން ބޭނުންވާހެނެއް. އެއީ ކުއްޖެއް ހުރިއްޔާ ދެ މީހުން ވަކިވާން ބޭނުންވިޔަސް އެކަން ފަސޭހަކަމަކަށް ނުވާނެ." ލައިލީގެ ވާހަކަ ނުނިމެނީސް ދަރަކް ވާހަކަދެއްކިއެވެ.

"ތީ ތެދެއް ނޫން. ޤަބޫލުކުރެވޭނެ ވާހަކައެއް ވެސް ނޫން. އަހަރެން ދަރިއަކު ހޯދިއްޔާ ހޯދާނީ ލައިއާއެކީ. އަހަރެމެންގެ ދެ މީހުންގެ ދަރިއެއް." ދަރަކް އަޑަށް ބާރުލާފައި ބުންޏެވެ.

ލައިލީގެ ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުން ކިރިކިރިޔާ ފާޅުވެލިކަމެވެ. އެހެންވިޔަސް އޭނާއަށް އިވުނު ބަސްތަކާމެދު ވިސްނާލެވުނެވެ. އެހެންވީމަ ސަމައިރާއާ ގުޅުން އޮތް ކަމުގައި ވިޔަސް ދަރަކް އޭނާއާއެކީ ދަރިއެއް ހޯދަން ބޭނުންނުވަނީތާއޭ ލައިލީ ހިތަށް އެރިއެވެ. އެހެންވެއްޖެއްޔާ ދަރަކްގެ ހަމައެކަނި އަނތްބެއްގެ ގޮތުގައި ވެސް އިންނާނީ ލައިލީބާއެވެ. ދަރަކްއާއެކީ ޢާއިލާއެއް ބިނާކުރުމުގެ ފުރުޞަތު ހަމައެކަނި އެދިނީ ލައިލީއަށެވެ.

"އެހެންވީރު އެކަމާ އުޅެމާ. ދަރަކް އެއްބާރުލުން ދޭނަންތަ؟." ލައިލީ އަހާލިއެވެ.

"އާން. އެއީ އަހަރެމެން ދެމީހުންގެ ކަމެއްތާ... އަހަންނަށް ޔަގީން ލައި ކަހަލަ ބޭބެއެއްކަން ލިބޭނީ." ލައިލީގެ ކޯތާފަތުގައި ދަރަކްގެ ކަނާއަތްތިލަ ގެނެސް ޖައްސާލުމާއެކު ދަރަކް ހިނިތުންވެލިއެވެ.

"އަހަރެމެންގެ ދަރިއެއް ވައްތަރުވާނީ އަހަރެމެން ދެމީހުންކުރެ އެކަކާއެއްނު." ލައިލީ ވެސް ހިނިތުންވުމެއް ދިނެވެ.

ލައިލީގެ މުލައްދަނޑީގައި ހިފައި ދަރަކްއާ ގާތަށް ދަމާލިއެވެ. ފިރިމީހާއަށް ލައިލީ މިފަހަރު ފުރުޞަތު ދިނެވެ. އޭނާގެ ގައިގާ ދަރަކް ބައްދާލިއެވެ. ދެ ޒުވާނުންގެ ނަޒަރު ވަކިވުމާއެކު ދެ މީހުންގެ މޫނުގައިވީ ހިނިތުންވުން ގެއްލިއްޖެއެވެ. އެ ގާތްކަމުގައި ވެސް ދުރުކަން ވާފަދައެވެ. އުފާވެރިކަމުގެ އަސަރެއް ދެމަފިރިންކުރެ އެކަކުގެ މޫނުން ވެސް ފާޅެއްނުވެއެވެ.

(ނުނިމޭ)