އެމްއޭސީއެލް

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވަނީ

އިނގިރޭސިވިލާތުގެ ވާޖިން އެޓްލާންޓިކް އެއާލައިންގެ ދަތުރުތައް މިއަހަރު ރާއްޖެއަށް ފަށަން ހަމަޖެހިއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ ފިނި މޫސުން ނިމުމަށްފަހު ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިގޮތުން އަންނަ އޮކްޓޯބަރު މަހު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ވަކި ތާރީހެއް އަދި އެ އެއާލައިނުން ހާމަކޮށްފައި ނުވާ ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.

"ވިންޓާ ސީޒަން ނިމި ސަމާ ސީޒަންގައި ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ފެށޭނެ ކަމަށް ލަފާކުރެވޭ،" އަރީފް ވިދާޅުވި އެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ހީތުރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.

ބިލިއަނަރު ރިޗަޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކް އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޯއިން 787 މަރުކާގެ ބޯޓު ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ވާޖިން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް މީގެ ކުރީގެ ސަރުކާރުތަކުން ވެސް މަޝްވަރާތަކެއް ކޮށްފައިވެ އެވެ.