ރައީސް މުހައްމަދު ނަޝީދު

ރައީސް އަޅުގަނޑަށް ނުގުޅުއްވާތާ އަހަރެއް ވެއްޖެ: ނަޝީދު

އެމަނިކުފާނާއި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ރައީސް ނުގުޅުއްވާތާ އަހަރެއް ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއަށްފަހު ފަރުވާ ހޯއްދެވުމުގެ ގޮތުން ޖަރުމަނުގެ އިތުރުން އިނގިރޭސިވިލާތުގައި ހުންނެވި ދުވަސްވަރު ވެސް ހާލު ބައްލަވާލެއްވުމަށް ރައީސް ސޯލިހު އެމަނިކުފާނަށް ގުޅުއްވީ އެންމެ ފަހަރަކު ކަމަށެވެ.

"ރައީސް އަޅުގަނޑާ ނުގުޅުއްވާތާ މިހާރު އަހަރެއްހާ ދުވަސް ވަނީ. ބޮމުގެ ހާދިސާގައި ވެސް އަޅުގަނޑު ޖަރުމަނުގައި އޮތްހާ ދުވަހު ވެސް އިނގިރޭސިވިލާތުގައި އޮތް ހާ ދުވަހު ވެސް ރައީސުލްޖުމްހޫރިއްޔާ ގުޅުއްވީ އެއް ދުވަހު،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިން ސަރުކާރުގެ ކަންކަމުގައި ރައީސް ސޯލިހު އެމަނިކުފާނާ މަޝްވަރާ ކުރެއްވި ނަމަވެސް މިހާރު އެފަދަ މަޝްވަރާތައް ވެސް ކުރުން ހުއްޓާލާފައިވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި އެމަނިކުފާނާ މަޝްވަރާ ކުރުން ހުއްޓާލީ ރައީސް "ޝައިން" ވާލެއް ކުޑަވެގެންދާނެ ކަމަށް ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުން ދެކެވަޑައިގަންނަވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާއާއި ކައިރީގައި ތިއްބެވި ބޭފުޅުން ދެކިވަޑައިގަންނަވަނީ އަޅުގަނޑާ މަޝްވަރާ ކޮށްފި ނަމަ، ރައީސުލްޖުމްހޫރިއްޔާ ޝައިން [ވިދުން]ވާ މިންވަރު ކުޑަވެގެންދާނެ އޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދެ ރައީސުންގެ މެދުގައި އޮތް ގުޅުން ހީނަރުވެފައި އޮތް ނަމަވެސް، މަޖިލިސް ހުޅުވުމުގައި އަދި މަޖިލިސް ކުރިއަށް ގެންދިއުމުގައި ވެސް އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މާލޭގައި ނުރައްކާތެރި ބޮމުގެ ހަމަލާއެއް ދިނީ 2021 ވަނަ އަހަރުގެ މެއި ހަވަނަ ދުވަހު އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ކުޑައިރުގެ ރަހުމަތްތެރިންނެވެ. ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދަކީ ރައީސް ނަޝީދާއި ދެބެންގެ ދެ ދަރި ބޭކަނބަލެކެވެ. ނަމަވެސް ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ނަޝީދު އަންނަނީ ސަރުކާރަށާއި އެމަނިކުފާނަށް ވެސް ފާޑު ވިދާޅުވަމުންނެވެ. އަދި އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވެސް މި ދެބޭފުޅުން ވަނީ ކުރިމަތިލައްވާފަ އެވެ.