ރައީސް މުހައްމަދު ނަޝީދު

ޕްރައިމަރީގެ ކަންކަމުގައި ނަޝީދުގެ އިތުބާރު ފައްޔާޒަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ކަންކަމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް އިތުބާރު އެބައޮތް ކަމަށް ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންސާފުވެރިކަމާއި އެކު ޕާޓީގެ ޕްރައިމަރީގެ ކަންކަން ކުރިއަށްދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މިކަމުގައި އެމްޑީޕީގެ ޗެއާޕަސަންއަށާއި އިންތިޒާމު ކޮމިޓީއަށް އިތުބާރު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އިތުބާރު އެބައޮތް ޗެއާޕާސަންގެ މައްޗަށް އަދި އިންތިޒާމު ކޮމިޓީއަށް. އެ ބޭފުޅުން މިކަންކަން ރަނގަޅަށް ބަލަހައްޓަދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ފައްޔާޒަށް އޮތް ނަމަވެސް މީގެ ކުރިން އެމަނިކުފާނު ވަނީ ފައްޔާޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މިގޮތުން ފައްޔާޒު އަކީ ކޮރަޕްޓް ބޭފުޅެއް ކަމަށްވެސް ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ދަފްތަރުން 39،000 އަށް ވުރެ ގިނަ މީހުން ވަކި ކުރި މައްސަލައިގައި ވެސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ފައްޔާޒަށް ފާޑު ވިދާޅުވެ، އެމްޑީޕީގެ ލީޑަޝިޕްގައި މިހާރު ތިއްބެވި ބޭފުޅުން ގެންދަނީ އިންތިހާބު އޮޅުވާލުމަށް މަސައްކަތް ކުރަމުން ކަމަށް ތުހުމަތުކޮށްފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00ގެ ނިޔަލަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް އެ ޕާޓީން ވަނީ އާންމުކޮށްފަ އެވެ.

ދާއިމީ ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެ އެވެ.