ދުނިޔެ

ގުރުއާން އެންދުމަކީ ލަދުކުޑަ، ގޮތެއް ނެތް ޖާހިލު އަމަލެއް: ސައޫދީގެ މުފުތީ

ސައޫދީ އަރަބިއްޔާގެ އިސް މުފްތީ އަދި އިލްމުވެރިންގެ މަޖިލީހުގެ ވެރިޔާ ޝައިޚް އަބްދުލްއަޒީޒް ބިން އަބްދުﷲ އާލް ޝައިޚް ވިދާޅުވި ގޮތުގައި ގުރުއާން އެންދުމަކީ ލަދުކުޑަ، ގޮތެއް ނެތް އަދި ޖާހިލު އަމަލެކެވެ.

ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ކައިރީގައި -- އެމްބަސީގައި ތިބި މީހުންނަށް ފެންނަ ގޮތަށް -- ސްވިޑަންގެ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީއަކުން ވަނީ ޤުރުއާންގެ ކޮޕީއެއް އަންދާފަ އެވެ.

މި ހާދިސާއަށް އިޝާރާތްކުރައްވައި މުފުތީ ވިދާޅުވީ ބަޔަކު ނާތަހުޒީބު ވާނީ މިހާވަރަށް ކަމަށެވެ.

މުފްތީ ވަނީ މި ނާތަހުޒީބު އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ.

ޝައިޚް ވިދާޅުވި ގޮތުގައި މިއީ ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ދޮޅު ބިލިއަން މުސްލިމުންނާ ދެކޮޅަށް ހިންގި ހަޔާތްކުޑަ އަމަލެކެވެ.

މިކަމުގެ ނަތީޖާ ހިތިވާނެ ކަމަށާއި ފިތުނަ އާއި ފަސާދަ އަދި ފަނާކުރަނިވި ހަރަކާތްތައް އުފަންވުން ނޫން ކަމެއް މިކަމުގެ ސަބަބުން ނުވާނެ ކަމަށްވެސް މުފްތީ ވިދާޅުވި އެވެ.

ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި ޤުރުއާން އެންދުމަށް ސްވިޑަންގެ ސަރުކާރުން ހުއްދަދިނުން ސައޫދީ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

ޝައިޚް ވިދާޅުވީ ގޮތުގައި މިފަދަ ޖާހިލު އަމަލުތައް ކުށްވެރިކުރުމަކީ އިސްލާމުން ދޫކޮށްލައިގެންވާނެ ކަމެއް ނޫނެވެ.

ޝައިޚް ވަނީ ސައޫދީގެ ޚާރިޖީ ވުޒާރާއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ އެވެ.

ސައޫދީ ޚާރިޖީ ވުޒާރާއިން ވަނީ ނުތަނަވަސްކަމާއި ރުޅިވެރިކަމުގައިވެސް މަޝްވަރާއަށް އޮތް ފުރުސަތު ދޫކޮށްނުލުމަށް ގޮވާލާފަ އެވެ. ނަސްލީ ގޮތުން ތަފާތު އަދި ދީނީ ގޮތުން ތަފާތު ފިކުރުތަކުގެ މީހުންނާ އެކު ދިރިއުޅުމުގައި ރުޅިވެރިކަމަށް ތަން ނުދިނުމަށް ވެސް ސައޫދީގެ ޚާރިޖީ ވުޒާރާއިން ވަނީ ގޮވާލާފަ އެވެ.

ސައޫދީގެ ސިޔާސަތަކީ މަޝްވަރާކުރުން ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ސްވިޑަންގައި ޤުރުއާން އެންދުމާ ދެކޮޅަށް މުސްލިމު ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ޤުރުއާން އެންދުމަށް ސްވިޑަންގެ ސަރުކާރުން ހުއްދަދިނުން ވަނީ އިސްލާމީ އުންމަތުން ކުށްވެރިކޮށްފަ އެވެ.

ޤުރުއާން އަންދަމުން ދިޔައިރު އަމަން ބެލެހެއްޓުމަށް ފުލުހުން ތިބުމަކީ ހައިރާންވެ އަންތަރީސްވާ ވަރުގެ ކަމެއް ކަމަށް މަޣުރިބްކަރައިން ވަނީ ބުނެފަ އެވެ.

މިއަމަލު ކުށްވެރިކޮށް ގަލްފް ކޯޕަރޭޝަން ކައުންސިލާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ އިތުރުން އިންޑޮނޭޝިއާ، ކުވައިތު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ވެސް ވަނީ ބަޔާންތައް ނެރެފަ އެވެ.

އިސްލާމީ މުގައްދަސް ފޮތް -- ޤުރުއާން އެންދުމަކީ އިންސާނިއްޔަތު ނުދަންނަވަރުގެ ގޮތްކުޑަ އަމަލެކެވެ.

ޤުރުއާން އެންދުން ކުށްވެރިކުރައްވައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ބަސް ވިދާޅުވެފައިވެ އެވެ.

ވަޒީރު ވިދާޅުވީ ސްވިޑަންގައި ކީރިތި ޤުރުއާން އެންދުމަކީ ހުތުރުކަން ބޮޑު ޖާހިލު އަމަލެއް ކަމަށެވެ.