ކެމްޕޭޓް ޓީމާއި އެމްޑީޕީ އޮތީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ "މޯޑުގައި" ގިއަރަށް ލާފައި ކަމަށްވާތީ ދެން ނުހުއްޓުވޭނެ ކަމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެންޑިޑޭޓް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މާލޭގައި މިރޭ ކެމްޕޭން ޓީމުތަކާއި އަލަށް ވޯޓުލާ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރާނީ އެމަނިކުފާނު ކަމަށެވެ. އެހެންވެ ކެމްޕޭން ޓީމުތަކުގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތީ މިއަހަރު ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭ ގޮތަށް މަސައްކަތްތައް ރޭވުމަށެވެ.
"ދެން އަޅުގަނޑު ދެކެނީ އިރާދަކުރެއްވިއްޔާ ޕްރައިމަރީ މިއޮތީ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވިފައި. އަޅުގަނޑު މިހާރު ވިސްނަނީ ސެޕްޓެމްބަރު ނުވައެއްގައި އަޅުގަނޑުމެން މަސައްކަތް ކުރާނެ ގޮތް. އެކަމަށް ރަނގަޅު ވިސްނުމެއް ބަހައްޓައިގެން ނޫނިއްޔާ ކުރިއަށް މިއޮތް ހަފްތާތަކުގައިވެސް އަޅުގަނޑުމެން މަސައްކަތްކޮށްގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީން ނޫން އެހެން ޕާޓީއެއް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒުވެސް ހިފާފައެއް ނުވެ އެވެ. އެހެންވީމާ ރިޔާސީ އިންތިހާބު އެމްޑީޕީން އެކަނި ނިކުމެ ކާމިޔާބު ކުރެވިދާނެ ކަމަށް ދޭހަވާ ގޮތަށް ނަޝީދު ވާހަކަދެއްކެވި އެވެ. އަދި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ފަސޭހަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެން އެއްވެސް ޕާޓީއެއް ތައްޔާރެއްވެސް ނުވޭ. އިންތިހާބަކާ ދިމާލަށް އަމާޒެއް ހިފާފަކާވެސް ނެތް. އަޅުގަނޑުމެންގެ ޕާޓީ މިއޮތީ ވަރަށް ބޮޑަށް އިންތިހާބުގެ މޯޑަށް އިންތިހާބުގެ ގިއަރަށް އައިސްފައި. ދެން މިހުއްޓުވޭނެ ގޮތެއް އަޅުގަނޑަކަށެއް ނުފެނޭ. ހާއްސަކޮށް ބައެއް ރަށްރަށުން ދެނެއް ނުހުއްޓުވޭނެ އެމްޑީޕީ ދިދަ ނެގުމެއްވެސް އެހެންކަމެއް ކުރުމެއްވެސް. ވަރަށް ބާރަށް އެބަދޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އާންމު އުސޫލުން މިރޭވެސް ސަރުކާރުގެ ސިޔާސަތުތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ބައެއް އަމަލުތަކަށް ފާޑުވިދާޅުވި އެވެ. އެގޮތުން ކުނި ނައްތާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނާ މެދު ކަންވެގެންދާ ގޮތް ކަމަށް ވިދާޅުވެ ކަންތައްތަކެއް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ފެނުމުން ކުރިން ރުޅިއައިސްގެން ދަތް ވެއްޓޭ ވަރަށް ދެދަތް ފިއްތާ ބާރުކޮށްލާ މީހުންވެސް މިހާރު އެމަނިކުފާނު ދެކެ އެހާ ރުޅި ނާންނަ ކަމަށެވެ. އަދި އެފަދަ ބައެއް މީހުން އެމަނިކުފާނަށް މިހާރު ސައިތަށި ފަދަ ބުއިންތައް ދިއްކޮށްލާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވާ އެމްޑީޕީގެ ސިޔާސަތުތައް އިދިކޮޅު މީހުންނަށް ވަރަށް ބޮޑަށް މިހާރު ކަމުދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު އޮޅުވާލައި މަކަރު ހެދުމަށް އެެއްވެސް ފުރުސަތެއް ނުދިނުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.