"ޖަވާނި ޖާނެމަން، ހަސީން ދިލް ރުބާ" އަށް ޕަރްވީން ބާބީ ވަރަށް ފަރިތަކަމާއެކު ނަށަމުން ދިޔައީ ރަން ކުލައިގެ ޖަމްޕްސޫޓެއްގަ އެވެ. މިއީ ހިންދީ ސިނަމާއަށް ލޯބިކުރާ ގިނަ ބަޔަކު އަދިވެސް ޕަރްވީން މަތިން ހަނދާން ހުންނާނެ ސިފަ އެވެ.
ޕަރްވީން މި ދުނިޔެއަށް އަލްވަދާއުކީ ފަހުން 18 އަހަރު ވެއްޖެ އެވެ. ނަމަވެސް މިއަދާ ހަމައަށް އައިރުވެސް އޭނާގެ ހަނދާންތައް ހިންދީ ފިލްމު ބަލާ މީހުންގެ ހިތަކުން ނުފިލަ އެވެ. އޭނާގެ ކުރު ނަމަވެސް ކާމިޔާބު ފިލްމީ ކެރިއަރުގައި ކުޅެފައިވާ މޮޅު ފިލްމުތަކުގެ ސަބަބުންނެވެ. އަދި އޭނާގެ ރީތިކަމާއި ފަރިކަމުގެ ސަބަބުންނެވެ.
ނަމަވެސް ޕަރްވީންގެ ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރީ ނަފްސާނީ ބަލިމަޑުކަމެއްގައި ޚުދް އޭނާއަށް ވެސް ވާނުވާ ނޭނގޭ ހާލުގަ އެވެ. އޭނާއަށް ފިލްމު ކުޅެގެން ލިބުނު ހުރިހާ ކާމިޔާބެއް އޭރު އޮތީ މާޒީގެ ތެރެއަށް ގޮސް ގެއްލިފަ އެވެ. އޭނާގެ ރީތިކަމުގެ ޖާދޫގައި ޖެހުނު މީހުންނަށް ފަހުން ޕަރްވީން އަކީ އުޅޭ މީހެއް ކަމެއް ވެސް ނޭނގުނެވެ.
ޕަރްވީން އުފަންވީ އިންޑިޔާގެ ޖުނާގަޅްގެ ނަވާބް އާއިލާއަކަށެވެ. މައިންބަފައިންގެ މުއްސަނދިކަން އިންތިހާއަށް ހުއްޓަސް ޕަރްވީންގެ ކުޑައިރުގެ ހަޔާތް ވެސް ވަރަށް އެކަނިވެރިއެވެ. އެއްބަނޑު އެއްބަފާ ކުއްޖަކު ނެތުމާއި މައިންބަފައިންނަށް އޭނާ ލިބުނީ އެމީހުންގެ އުމުރުން ވަރަށް ދުވަސްވީފަހުން ކަމަށްވާތީ އުމުރުގެ ތަފާތު ބޮޑުކަމުން މައިންބަފައިންނާ އޭނާގެ ގުޅުން ރަނގަޅެއް ނޫނެވެ.
އެހެންވެ މަތީ ތައުލީމު ހާސިލުކުރުމުގެ ނަމުގައި އޭނާ މައިންބަފައިންގެ ގެއިން ނުކުމެގެން އެހެން ޝަހަރަކަށް ދިރިއުޅުން ބަދަލުކުރި އެވެ. ކުރިން ވަރަށް ލަދުވެތިކޮށް އުޅުނު ޕަރްވީން ކުއްލިއަކަށް ފިޔަފަޅާ އުދުހިގަތީ އެހެން ޝަހަރެއްގައި ދިރިއުޅެން ފެށުނީމަ އެވެ.
ހިންދީ ސިނަމާއަށް ތައާރަފްވުމާއެކު އިސާހިތަކު ބޮޑު ކާމިޔާބެއް ޕަރްވީން އަށް ލިބުނެވެ. އޭރު އެންމެ ކުރީގައި އުޅުނު ރީނާ ރޯއީ، ރޭކާ، ނީތޫ ސިންގް އަދި ހެމާ މާލިނީ އާ ތަފާތު ގޮތް ތަކެއް އޭނާގެ ހުރީމަ އެވެ. ގިނަ ބަޔަކު އެ ދުވަސްވަރު ޕަރްވީން ސިފަ ކުރީ "ބޯލްޑް އެންޑް ބިއުޓިފުލް" ބަތަލާއެއްގެ ގޮތުގަ އެވެ.
އަމީތާބު ބައްޗަން އާއެކު 1974 ގައި ކުޅުނު "މަޖްބޫރު" އާއެކު ބޮޑު މަޝްހޫރުކަމެއް ޕަރްވީން އަށް ލިބުނެވެ. އޭގެ ފަހުން އަމީތާބާއެކު އޭނާ "އަމަރް އަކްބަރް އެންތަނީ" އާއި "ޝާން" ކުޅުނެވެ. އަދި އޭނާގެ ކާމިޔާބީގެ ސިލްސިލާ 1991 އާ ހަމައަށް ކުރިއަށް ދިޔަ އެވެ.
ދެން އޭނާ ބޭނުންވީ ލޯބިވާ މީހަކު ހޯދައިގެން ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފަށާށެވެ. އަމިއްލަ މައިންބަފައިންނާއެކު ކުރަން ޖެހުނު ހިތްދަތި ތަޖުރިބާތަކަށް ފަހުގަ އެވެ. ނަމަވެސް ޕަރްވީން ވެގެން ދިޔައީ އޭނާ އާ ރައްޓެހިވީ އެންމެންނަށް ވެސް ބިރުވެރި ހުވަފެނެއް ފަދަ މީހަކަށެވެ. އޭނާގެ ހަސަދަވެރިކަމާއި އަމިއްލަ މުދާގަނޑެއް ގޮތަށް ލޯބިވެރިޔާ އާ މެދު ދުށުން ފަދަ ކަންކަމުގެ ސަބަބުން އޭނާގެ ހަޔާތަށް އައި އެންމެން ކަހަލަ ގޮތަކަށް ސަލާމަތްވެގެން ދިޔައީ އެވެ.
ޕަރްވީން ލޯބިވީ އެކްޓަރުންގެ ތެރޭގައި ޑެނީ ޑެންޒޮޕާ އާއި ކަބީރް ބޭދީ ހިމެނެ އެވެ. އަދި ޑައިރެކްޓަރު މަހޭޝް ބަޓް އާ ވެސް އޭނާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އަދި އަމީތާބާއި ޕަރްވީން އާ ވެސް ރައްޓެހިވީ ކަމަށް އެ ދުވަސްވަރު ވާހަކަ ދެކެވުނެވެ. މީގެން ކޮންމެ ލޯބިވެރިޔަކާއެކު ޕަރްވީންގެ ނަފްސާނީ މައްސަލަތައް އިތުރުވެ އަނދިރި ފުން ވަޅުގަނޑަކަށް އޭނާގެ ނަފްސު ވެއްޓެމުން ދިޔަ އެވެ. އަދި މިކަމުގެ ސަބަބުން އިތުރަށް ފިލްމީ ރޮނގުން ކުރިޔަށް ނުދެވި 1983ގައި އޭނާ ފިލްމު ކުޅުމާ ދުރުވި އެވެ.
ކުއްލިއަކަށް ފިލްމު ނުކުޅެން ނިންމި ނިންމުމުގެ ސަބަބުން ވަރަށް ގިނަ ޑައިރެކްޓަރުންނަށް ބޮޑެތި ގެއްލުންތައް ޕަރްވީންގެ ސަބަބުން ލިބުނުވެސް މެއެވެ. ނަމަވެސް އޭރު އޭނާ ހުރީ މިފަދަ ކަމަކަށް ވިސްނޭ ވަރަށް ވުރެ ނަފްސާނީ ގޮތުން ބަލިކަށީވެފަ އެވެ.
ދުވަސްގަނޑަކަށް ބޮލީވުޑުން ގެއްލިފައި ދިއުމަށްފަހު 1989 ގައި އަނެއްކާވެސް ޕަރްވީން މުމްބައި އަށް އައިސް މީހުންނަށް ފެންނަ ގޮތަށް އުޅެން ފެށި އެވެ. ނަމަވެސް އޭރު އޭނާގެ ސިފަ ވަނީ މުޅިން ބަދަލުވެފަ އެވެ. އާދަޔާހިލާފަށް ފަލަވެ މީހާއަށް ބޮޑު ބަދަލެއް އައިސްފަ އެވެ.
ޕަރްވީން އޭރު ތުހުމަތުކުރީ އޭނާގެ ދުވަސް ދުއްވާލަން ފިލްމު އިންޑަސްޓްރީން ރާވާއިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި ތުހުމަތުތަކާއެކު އިންޑަސްޓްރީގެ އެކުވެރިންނާއި އެކުގައި މަސައްކަތްކުރި މީހުންނާއި އަދި އާއިލާގެ މެމްބަރުންނާ ވެސް ޕަރްވީން މުޅިން ގުޅުން ކަނޑާލި އެވެ.
ޕަރްވީން މަރުވީ ނަފްސާނީ މައްސަލަތައް ބޮޑުވެ އެކަނި މާއެކަނި ދިރިއުޅެނިކޮށެވެ. އޭނާ މަރުވިއިރު ކައިރީގައި އެކަކުވެސް ނެތެވެ. އަދި މަރުވީ ކޮން އިރަކު ކަމެއް ވެސް އެނގޭ މީހަކު ވެސް ނެތެވެ. އާއްމުކޮށް އޭނާއަށް ހެނދުނު ގަޑީގައި ކިރު ގެނެސްދޭ މީހާ އާއި ނޫސް ބަހާ މީހާ އޭނާގެ ގޭގެ ދޮރު މަތީގައި ބަހައްޓާ ނޫހާއި ކިރު ނުނަގާ ހުންނަތާ ތިން ދުވަސް ވީފަހުން އަވަށްޓެރިޔަކަށް އެކަން ފާހަގަ ކުރެވިގެން ފުލުހުންނަށް ގުޅައިގެން ފުލުހުން އައިސް ބެލިއިރު ޕަރްވީން އޮތީ މަރުވެފަ އެވެ.
ކޫޕާ ހޮސްޕިޓަލަށް ގެންގޮސް ޕަރްވީންގެ ޕޯސްޓް މޯޓަމް ހެދުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޕަރްވީން މަރުވެފައިވަނީ ކާއެއްޗެއް ނުކައި އޮވެ ބަނޑަށެވެ. ނަމަވެސް އޭރު އަޑު ފެތުރިފައި އޮތީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ.
ޕަރްވީން މަރުވިއިރުވެސް އޭނާގެ އަތުގައި މުދާ ހުއްޓެވެ. އޭގެ ތެރެއިން 80 ޕަސެންޓް މުދާވެރިކަން ފަގީރު އަންހެނުންނާއި ކުޑަކުދިންނަށް ހަރަދުކުރާ ފަންޑަކަށް ދިޔައިރު 20 ޕަސެންޓް ލިބުނީ އޭނާގެ ބޮޑުބޭބެއަކަށެވެ.