ބޮލީވުޑް

43 އަހަރުގައި އައިވީއެފް ހަދައިގެން ދަރިން ހޯދުނީތީ ފަހުރުވެރިވަން: ފަރާ

ބޮލީވުޑް ފިލްމު ބަލާ މީހުންނަށް ފަރާ ޚާން އަކީ ކާކުކަމެއް ނޯޅޭނެ އެވެ. ފަރާ އަކީ ކޯރިއޯގްރާފަރެކެވެ. ނުވަތަ ފިލްމީ ތަރިން ލައްވާ ނައްޓުވާ މޭސްތިރިއެކެވެ. ފިލްމު ޑައިރެކްޓަރެކެވެ. އަދި މީގެ އިތުރުން މަދުން ނަމަވެސް ފިލްމުތަކުގައި އެކްޓްކުރުމާއި ޓީވީ ޝޯތަކުގެ ފަނޑިޔާރުކަން ވެސް ފަރާ ކުރެ އެވެ.

މި ހުރިހާ ކަމެއްގެ އިތުރުން ފަރާ އަކީ ތިން ދަރިންގެ 'ސުޕަ މޮމް' އެކެވެ.

ފަރާ 2004ގައި ކައިވެނިކުރީ އޭނާއަށް ވުރެ މާ ހަގު ޝިރިޝް ކުންދަރް އާއެވެ. އަދި އައިވީއެފް ހަދައިގެން އުމުރުން 43 އަހަރުގައި އޭނާއަށް އެއްމާބަނޑު ތިން ދަރިން ލިބުނެވެ. ދީވާ އާއި އަންޔާ ނަމަކަށް ކިޔާ ދެ އަންހެންކުދިންނާއި ފިރިހެން ދަރިފުޅު ސިޒާ އެވެ.

ފަރާ ބުނި ގޮތުގައި އެހާ އުމުރުން ދުވަސްވުމުން ދަރިން ހޯދުމުން ވަރަށް ގިނަ ބަޔަކު އޭނާއަށް ފާޑު ކިޔަ އެވެ. އަދި އައިވީއެފް ހަދައިގެން ދަރިން ހޯދީމަ ވެސް ފާޑު ކިޔަ އެވެ.

"އަހަރެން ވަރަށް ފަހުރުވެރިކަމާއެކު ބުނަން އަހަރެން ދަރިން ހޯދީ އައިވީއެފް ހަދައިގެންނޭ. ޕިއްޒާ ޑެލިވަރީ ކުރާ މީހަކު ގެނެސްދިން ކުދިން ތަކެއް ނޫނޭ މިއީ. އަހަރެން ވިހޭ ކުދިންނޭ. އަހަރެންނަކީ ބަތަލާއެއް ނޫނަސް ބައެއް ފަހަރަށް ކެރިއަރެއް ބިނާ ކުރުމުގައި މާ ބިޒީކޮށް އުޅެން ހަދައިގެން ކައިވެންޏާއި ދަރިން ހޯދުމުގެ ކަންކަން ފަހަށް ބޭއްވޭ. އެހެންވެ 43 އަހަރުގައި ދަރިން ހޯދަން ޖެހުނީ،" ފަރާ ބުންޏެވެ.

ފަރާ އާއި ސިރިޝްގެ އެއްމާބަނޑު ތިން ބޭން އުފަންވީ ފެބްރުއަރީ 11، 2008 ގައެވެ. މިހާރު 15 އަހަރު ފުރެން ކައިރިވެފައިވާ މި ތިން ބެއިންނަށް ފަރާ އާއި ޝިރިޝް ވަރަށް ގިނަ ވަގުތު ދެއެވެ. އެމީހުންގެ ބިޒީ ޝެޑިއުލް އެއްފަރާތްކޮށް ދަރިންނަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅާފައި އޮވެ އެވެ.

ފިރިހެން ދަރިފުޅަކީ ފުޓުބޯޅަ ފޭނެއް ކަމުން ގަތަރުގައި އޮތް ވޯލްޑްކަޕް ފައިނަލް މެޗު ބަލާލަން ދަރިފުޅު ގޮވައިގެން ފަރާ ދިޔަ އެވެ. މިއީވެސް އޭނާގެ ކުދިންގެ އުފަލަށް ފަރާ ދޭ ސަމާލުކަން ހާމަވާ ކަމެކެވެ. އަދި އުމުރުން ދުވަސްވުމުން އައިވީއެފް ހަދައިގެން ދަރިން ހޯދަން ފަސްޖެހޭ މީހުންނަށް ފަރާ އަކީ ހިތްވަރެކެވެ.