އެމްޓީސީސީ

ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ ބޮޑު ޕްރޮޖްކެޓް އެމްޓީސީސީއާ ހަވާލުކޮށް ޑިޒައިން ދައްކާލައިފި

Jan 25, 2016
4

ސްނޯ ފައިބާ ސަރަހައްދަކާއި އެކު ޒަމާނީ ފެންވަރަށް ސަލްޓަންޕާކު ތަރައްގީ ކުރުމުގެ ބިޔަ ޕްރޮޖެކްޓެއް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ) އަށް ހަވާލުކޮށްފި އެވެ.

އެކަމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި އެމްޓީސީސީން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އަބްދުއް ރައްޒާގު ހަލީމެވެ. ހައުސިން މިނިސްޓްރީން ސޮއި ކުރެއްވީ މިިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. މީގެ އިތުރުން މި ޕްރޮޖެްޓްގެ ޑިސައިންނާއި ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ އެހެން މަސައްކަތް މަސީއާއި އެކުވެސް ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފަ އެވެ. އެހެން ނަމަވެސް މި ޕްރޮޖެކްޓަށް ހޭދަވާ ވަރަށް އަދި ހާމައެއް ނުކުރެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސަލްޓަން ޕާކު ތަރައްގީ ކުރުމަށް މިރޭ އެމްޓީސީސީ އާ ހަވާލު ކުރެވުނީ ރާއްޖޭގައި މިއަދާއި ހަމަޔަށް ހަދައިފަ ނުވާ ފެންވަރުގެ ތަފާތު ހިއްގައިމު ފެންވަރަކަށް ސަލްޓަން ޕާކު ތަރައްގީ ކުރުމަށް ކަމަށާއި އަދި އެތަން މި ސަރަހައްދުގައި ވެސް ނެތް ފެންވަރަކަށް ބަދަލު ކުރުމަށް ރައީސް ޔާމިން ލަފައި ދެއްވާފައިވާ ކަމަށެވެ.

"އެހެން ކަމުން އަޅުގަނޑު އެމަސައްކަތް ފަށާއި ރައީސްގެލަފާޔާއި އެކު ހޮލްސް އެންޑް ރިސޯޓްސްގެ ފުރިހަމަ ބައިވެރި ވުމާއި އެކު، ޑިސައިން ކޮންސެޕްޓަށް ވަރަށް ގިނަ ވަގުތު ހޭދަ ކޮށްގެން އެމްޓީސީސީ އަށް މި ހަވާލު ކުރީ. އަޅުގަނޑުމެން މަސައްކަތް ކުރާނީ ރާއްޖޭގެ އިޖްތިމާއީ ދުޅަހެޔޮ ކަމަށްޓަކައި ވަރަށް ފުރިހަމަ ކަމާއި ބާރު ސްޕީޑެއްގައި މިމަސައްކަތް ނިންމަން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ސަލްޓަން ޕާކު ތަރައްގީ ކުރުމަށް ރާވައިފަވާ ޕްލޭންތަކުގެ ތަރެއިން 100 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އުސްގެކޮޅު ތާރީހް ކުޑަކުދިންނަށް ދަސްވާނެ ފަދަ ގޮތަކަށް ކުރިން ހުރި ގޮތަށް ބަދަލު ކުރާނެ ކަމަށާއި އަދި ތާރީހީ އަދި ސަގާފީ ކަންތައްތައް އެތަނުގައި އުނގަންނާ ދެވޭނެ ކަމަށެވެ. މީގެ އިތުރުން ޕާކު އިތުރަށް ފުރިހަމަކޮށް ވިންޓާ ކޯނާއެއް ހެދުމަށް ނިންމައިފަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ބައެއް މީހުން ސުވާލު އުފައްދާނެ ރާއްޖޭގައި ކިހިނެތްހޭ އެފަދަ ތަނެއް [ވިންޓާ ކޯނާއެއް] ގާއިމް ކުރާނީ. ނަމަވެސް ހޫނު ބައެއް ގައުމު ތަކުން އެކަން މިހާރުވެސް ކޮށްފައި އެބަހުރި އެގޮތަށް އަޅުގަނޑުމެން މިތަނުގައި ވެސް މިފަދަ ތަނެއް ހަދައިނަން. އިރާދަ ކުރެއްވީއާ ވިންޓާ ކޯނަރަށް ތަރައްގީ ކުރެވޭނީ ފިނި ގައުމެއްގައި ސްނޯވެހޭ މޫސުމުގައި ކުރެވޭނެ އިހުސާސްތައް ލިބޭ ގޮތަށް އަދި އަދި ސްނޯވެސް ފައިބާނެހެން،" މުއިއްޒު ވިދާޅުވި އެވެ.

ސަލްޓަން ޕާކް މަޝްރޫއުގައި ހިމެނޭ ބައިތައް

1- ސަލްޓަން ޕާކުގައި މިހާރު ހުންނަ ތާރީހީ ބިނާ "އުސްގެކޮޅު"ގެ އާބާތުރަ ފިލުވައި ކުޑަކުދިންނަށް ތާރީހް ދަސްކުރެވޭ ފަދަ ތަނަކަށް ހެދުން.
2- ޕާކުތެރޭގައި ފިނިފެންމާ ބަގީޗާއެއް ހެދުން
3- ގްރީން ޓަނަލް ވޯކްވޭއެއް ހެދުން
4- ކުޑަކުދިންނަށް އެރެވޭނެ ފަދަ ފައްވާރެއް ހެދުން
5- ޕާކުގައި ހުންނަ ލައިޓުތައް ހަދައިނީ ތާރީހީ މައުލޫމާތޫ ލިޔެވިފައި ހުންނަ ގޮތަށް.
6- ވިންޓާ އޭރިއާގައި އިގްލޫއެއް
7- އައިސް ސްކޭޓިން އޭރިއާ އެއް

ސަލްޓަން ޕާކު ތަރައްގީ ކުޑަކުދިންނަށް ހާއްސަކޮށް ސަރުކާރުން ތަރައްގީ ކުރަން ނިންމައިފަވާ އިރު މީގެ ކުރިން ވަނީ "މޯލްޑިވްސް ސްޓޯރީ" ގެ ނަން މި ޕާކަށްދީ ރާއްޖޭގެ ތާރީހު ދައްކުވައިދޭ ގޮތަށް ތަރައްގީ ކުރަން ނިންމައިފަ އެވެ. އަދި ިނިވަން 50 ހާއި ގުޅުވައިގެން ވަނީ ލެޑް ޕާކެއް ގޮތަށް ވެސް ތަރައްގީ ކޮށްފަ އެވެ.

މިއަދު އެމްޓީސީސީއާ ހަވާލު ކުރެވިގެން ދިޔަ ޕްރޮޖެކްޓު މިއަހަރުގެ ނިޔަލަށް ނިންމަން ރާވައިފަވާ ކަމަށް ހައުސިން މިނިސްޓްރީ އިން މައުލޫމާތު ދެއްވަ އެވެ.