މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އާއި އެމްއެންޑީއެފް ކޯސްޓްގާޑް އަދި އިންޑިއާގެ ހައިޑްރޯގްރަފިކް އޮފީސް ގުޅިގެން ކުރިއަށް ގެންދާ ޖޮއިންޓް ހައިޑްރޯގްރަފިކް ސާވޭ އިހަވަންދިއްޕޮޅު އަތޮޅުގައި މިއަދު ފަށައިފި އެވެ.
މި ސާވޭ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ސާވޭގައި ކުދި ބޯޓުފަހަރު ބޭނުންކޮށްގެން މި ސަރަހައްދުގައި ހަރަކާތްތެރިވާނެ އެވެ. އޭގެ އިތުރުން ރަށްތަކުގެ ކޯސްޓްލައިން ކުރެހުމަށްޓަކައި ޖީޕީއެސް ރިސީވަރާއިއެކު ރަށްރަށުގެ އައްސޭރި ސަރަހައްދުގައިވެސް ހަރަކާތްތެރިވާނެ އެވެ. މިސާވޭ ޓީމުގައި އެމްއެންޑީއެފް ކޯސްޓްގާޑު އުޅަނދުފަހަރުތަކާއި ސިފައިން ބައިވެރިވާނެ އެވެ.
ހައިޑްރޮގްރެފިކް ސާވޭއަށް އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް ވަނީ ރާއްޖެ އައިސްފަ އެވެ. ސާވޭއަށް ރާއްޖެ އައީ އިންޑިއާ ނޭވީގެ މަނަވަރު "އައިއެންއެސް އިންވެސްޓިގޭޓާ"އެވެ.
މިއީ ރާއްޖެ އާއި އިންޑިއާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ ތިންވަނަ ހައިޑްރޮގްރެފިކް ސާވޭ އެވެ.
މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އިން ބުނި ގޮތުގައި ރާއްޖޭގައި މިހާރު ބޭނުންކުރާ ޗާޓުތަކަކީ ބްރިޓިޝް އެޑްމިރަލްޓީއިން އަހަރުތަކެއް ކުރިން ސާވޭކޮށް ކުރަހާފައިވާ ޗާޓުތަކެކެވެ. މި ޗާޓުތަކުގައި ޖީޕީއެސް ޕޮޒިޝަނުން ދިމާނުވާ ވަރަށް ގިނަ ސަރަހައްދު ހުރިކަން ފާހަގަކުރެވޭ ހައިޑްރޯގްރަފިކް ސާވިސް އިން ވަނީ ބުނެފަ އެވެ.
ކަނޑުދަތުރުކުރާ އުޅަނދުފަހަރު ޗާޓުން ދައްކާ މަގުން ދަތުރުކުރުމުގެ ސަބަބުން އުޅަނދު ފަރަށް އެރުންފަދަ ހާދިސާތައް ކުރިމަތިވާ ކަމަށް އެ ސާވިސް އިން ވަނީ ބުނެފަ އެވެ.
"ބްރިޓިޝް އެޑްމިއަލްޓީއިން އުފައްދާފައިވާ އިހަވަންދިއްޕޮޅުގެ "ލާޖް ސްކޭލް" ޗާޓަކީ މީގެ ސަތޭކަ އަހަރުކުރިން ސާވޭކޮށް އުފައްދާފައިވާ ޗާޓަކަށްވާތީވެ، އެ އަތޮޅު މިހާރުގެ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އަލުން ސާވޭކޮށް އާ ޗާޓެއް އުފެއްދުމަކީ މި ސާވޭގެ މައިގަނޑު މަގުސަދު" ކަމަށް ހައިޑްރޯގްރަފިކް ސާވިސް އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިހާރު ރާއްޖޭގައި ބޭނުންކުރާ ނިޔަމިކަމުގެ ޗާޓު އަޕްޑޭޓްކޮށް އާ ޗާޓުތައް އުފެއްދުމުގެ މަސައްކަތް މުސްތަގުބަލުގައި ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖޭގައި ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ދަރްޝަކް އިން 2021 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާޗްގަ އެވެ. ދެވަނަ ޖޮއިންޓް ސާވޭގެ ނިންމާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ދެވަނަ ޖޮއިންޓް ސާވޭގެ ތެރޭގައި 6500 ނެނޮމީޓަރުގެ ސައުންޑިން ވަނީ ހަދާފަ އެވެ. އޭގެތެރޭގައި އުތުރުގައި 4750 ނެނޮމީޓަރުގެ ސައުންޑިން އަދި މާލެ ސަރަހައްދުގައި 1730 ނެނޮމީޓަރުގެ ސައުންޑިން ވަނީ ހަދައިފަ އެވެ.