ސަރުކާރުން ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވާނަމަ އެކަމެއް ކުރެވޭނެ ކަމަށާއި ކަންކަން ނުވީމާ ސަބަބުތައް ދެއްކުން ހުއްޓާލަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މިރޭ މަރަދޫއަށް ވަޑައިގެން ސަޕޯޓަރުންނާއެކު ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ އައްޑޫ ސިޓީއަށް އިގްތިސާދީ ހަރަކާތްތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮންމެ ސަރުކާރެއްގައިވެސް ހާއްސަ އިސްކަމެއް ދީގެން ކުރަންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ތިބޭފުޅުން ގާތަށް އަނެއްކާވެސް އައިސް މިހުރީ އެކަން އެހެން ނުދިޔައީތީ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ނިންމީ އައްޑޫ ސިޓީއާއި ރާއްޖޭގެ ރަށްތައްވެސް ކުޑަކުޑަ މަސައްކަތަކާ އެކީ ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"މިތަނުގައި ގެސްޓްހައުސްގެ ވިޔަފާރި ކުރުމަށް ދެނެއް މާގިނަ މަސައްކަތްތަކެއް ހަގީގަތުގައި ކުރާކަށް ނުޖެހޭނެ. އަޅުގަނޑަށް ފެންނަ ގޮތުގައި ގެސްޓްހައުސްތައް ހެދުމަށް ސަރުކާރުން ހަރަދުކުރުން އެއީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް ތަނަވަސްކަން ލިބެން އޮތީ ވަޒީފާގެ ފުރުސަތުތައް އައްޑޫގައި އިތުރުކޮށްގެން ކަމަށެވެ.
"މިކަމަކީ އޭރުގައިވެސް އަދި މިހާރުވެސް އަޅުގަނޑުމެން އެކަކަށްވެސް އޮޅިފައި އޮތް ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް އެމްޑީޕީން ފާހަގަކުރީ ގެސްޓްހައުސްގެ ފިޔަފާރި ރައްރަށުގައި ހިންގުމާއި ޓޫރިޒަމުން ފައިދާވާނެ ގޮތަކަށް އެ ސިނާއަތް އައްޑޫގައި ހިންގުން ކަމަށެވެ. ނަމަވެސް 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު ދެމި އޮތީ ކުޑަދުވަސް ކޮޅަކަށް ކަމަށާއި އެއައްފަހު އައްޑޫގައި އެފަދަ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން އޮތީ މަޑުޖެހިފައި ކަމުގައި ވިދާޅުވި އެވެ.
"ކުރީގައި ހުރި ބައެއް މަސައްކަތްތައްވެސް ހުއްޓޭ ގޮތަށް ކަންކަން ވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީގެ އަމާޒަކަށް ވެފައި އޮތީ ކޮންވެންޝަން ސެންޓަރު ނިންމާ އެއާ ގުޅުވައިގެން ކޮންވެންޝަން ޓޫރިޒަމް އައްޑޫގައި ތައާރަފްކުރުން. ހަމައެއާއެކު ގެސްޓްހައުސްގެ ފިޔަފާރި ކުރިއަށް ގެންދިޔުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން ހަމަ އެ ސިޔާސަތުތައް ހިންގަން އުޅުނު ކަމަށެވެ. ނަމަވެސް މާއެދެވޭ ގޮތަކަށް ކަންކަން ކުރެވިގެން ދިޔަ ކަމަކަށް ނަޝީދު ގަބޫލެއް ނުކުރައްވަ އެވެ.
"ނަަމަވެސް މިފަހަރުވެސް ދިމާވީ ވަރަށް ބަދުނަސީބު ގޮތަކަށް. ސަރުކާރުން ގަސްދު ކުރީ އެމްޑީޕީގެ ސިޔާސަތުތަކަށް އިސްކަންދިނުމުގެ ބަދަލުގައި ކޯލިޝަންގެ ސިޔާސަތުތައް ހިންގުމަށް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގައި އެއާޕޯޓު ތަރައްގީކުރުމުގެ ވާހަކައަކީ ޒަމާންވެފައިވާ ވާހަކައެއް ކަމަށާއި ޒަމާނުއްސުރެ ރާއްޖޭގައި އޮތް ހަމައެކަނި އިންޓަނޭޝަނަލް އެއާޕޯޓު ގަމުގައި ވަރަށް ފަހާޖެހެންދެން އޮތް ކަމަށެވެ. އެހެންނަމަވެސް އެ އެއާޕޯޓުގެ ފުރިހަމަ ބޭނުން މިއަދާ ހަމައަށްވެސް މިއޮތީ ނުކުރެވި ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ބޭފުޅަކުވެސް ވަރަށް ބައިވަރު ޕްލޭން ތަކުގެ ވާހަކައާއި ދެން ހަދާނެ ގޮތުގެ ވާހަކައާ މިހާރު އޮތް މަރުހަލާއާ އަންނަން އޮތް މަރުހަލާއާ މި ހުރިހާ ބާވަތުގެ ވާހަކަތަކެއް ދައްކާ. ނަމަވެސް ކަން ވެގެން އެތަނަށް މަތިންދާބޯޓު ޖެއްސޭތަން ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.
"ކޮންމެ ފަހަރަކު އަޅުގަނޑާ އިނގިރޭސި ވަޒީރަކާ ދިމާވި ނަމަވެސް، ކިރިޔާވެސް ރާއްޖެ އެނގޭ ވިޔަފާރިވެރިއަކާ ދިމާވި ނަމަވެސް ގަން އެއާޕޯޓުގެ ވާހަކައާ އައްޑޫގެ ވާހަކަ އެބޭފުޅުން އޮޅުންފިލުވާ،" ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ގަން އެއާޕޯޓު ތަރައްގީކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށާއި ބައިނަލްއަގުވާމީ ތަޖުރިބާކާރު ފަރާތްތަކާ ގުޅިގެން އެކަން ކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
"އައްޑޫ އެއާޕޯޓުގެ ފަސްދޮޅަސް ޕަސެންޓަށް ވުރެ ބޮޑުކޮށް އޮތް ހިއްސާ އަދިވެސް އޮތީ ސަރުކާރުގައި،" ގަން އެއާޕޯޓް ހިންގާ ކުންފުނީގައި ސަރުކާރު ހިއްސާ އޮންނާތީ އެކަމަަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި ގަން އެއާޕޯޓްގައި އޮތް ސަރުކާރު ހިއްސާ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ރައްޔިތުންނަށް ބަދަލުކުރެވޭނެ ގޮތަކަށް ސިޔާސަތުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"ހާއްސަކޮށް ސިޓީ ކައުންސިލަށް ފިނޭންސް މިނިސްޓްރީގައި އޮތް ހިއްސާގެ ބޮޑު ބައެއް ސިޓީ ކައުންސިލަށް ފުރޮޅާލުމަކީ އަޅުގަނޑަށް ފެންނަަ ގޮތުގައި މި އެއާޕޯޓު ހަދާ ކުރިއަށް ގެންދަން އޮތް އެންމެ ފަސޭހަ މަގު،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާ ކަނޑުގެ ދެކުނުގައިވާ ކަނޑު ދަތުރުކުރާ މަގުތަކުން ވަރަށް ގިނައިން ދަތުރުކުރަނީ އަައްޑޫއާ ގާތުން ކަމަށާއި އެހެންކަމުން އިންޑާ ކަނޑުގެ ދެކުނުގައި އޮންނަ ބޮޑު ހަބަކަށް އައްޑޫއަށް ނުވެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެމްޑީޕީގެ ސަރުކާރެއްގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރާނަމަ މިކަން ފަސޭހައިން ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ނަޝީދު ވަނީ ޕްރައިމަރީ އިން އެމަނިކުފާނު ބަލިވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ތަކުރާރުކޮށް މިރޭވެސް ވިދާޅުވި އެވެ.