ލައިފްސްޓައިލް

ދެ އަހަރުގައި ލިޔަންކިޔަން ދަަސްކޮށްފައިވާ ވިސްނުންތޫނު ކުއްޖެއް

އައިކިއު ލެވެލް 139ގައި ހުރި ދެ އަހަރުގެ ޖީނިއަސްއެއް ދުނިޔޭގެ އެންމެ ވިސްނުން ތޫނު ގްރޫޕްގައި ހިމެނިއްޖެ އެވެ. އިނގިރޭސި ވިލާތުގެ އެންމެ ހަގު މެންސާ މެންބަރަކަށް މިހާރު ހުރީ މި ކުއްޖާ އެވެ.

އުމުރުން ދެ އަހަރުގައި ޓެޑީ ހޮބް އަށް ހެރީ ޕޮޓާ ވާހަކަފޮތެއް ކިޔާލުމަކީ އެއްވެސް ކަމެއް ނޫނެވެ. އަދި މެންޑަރިން، ވެލްޝް، ފްރެންޗް، ސްޕެނިޝް، ޖާމަން ބަހުން އެކަކުން 100 އަށް ގުނަ އެވެ.

މި ކުޑަ ކުއްޖާ އުފަންވީ އައިވީއެފް މެދުވެރިކޮށެވެ. އުމުރުން ތިން އަހަރާއި ނުވަ މަހުގައި މިހާރު އޭނާ މެންސާ ނަމަކަށް ކިޔާ އެލީޓް ގްރޫޕްގެ މެންބަރަކަށް ވެއެވެ. މިއީ ދުނިޔޭގައި ތިބި އެންމެ ވިސްނުން ތޫނު މީހުން ހިމެނޭ ވަރަށް ގަދަރުވެރި ގްރޫޕެކެވެ.

އެމެރިކާގެ ޕޯޓިޝްހެޑްގެ ސަމަސެޓްގައި ދިރިއުޅޭ ބެތު އާއި ވިލް ހޮބްސް އަށް އެމީހުންގެ ދަރިފުޅަކީ އާދަޔާޚިލާފު ތޫނު ވިސްނުމެއް ލިބިފައިވާ ޖީނިއަސް އެއް ކަމެއް ކުރިއަކުން ނޭނގެ އެވެ. އެމީހުންނަށް މިކަން އެނގުނީ ސްކޫލަށް ވައްދަންވެގެން އިމްތިހާނެއްގައި ބައިވެރި ކުރުމުންނެވެ.

ބެތު، 31، ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ ޖީނިއަސް ކަމާ ގުޅިފައިވާ ވަރަށް ގިނަ ގޮންޖެހުންތައް ވެސް އެބަހުއްޓެވެ. އެއީ ޓެޑީ އަކީ އެއްގޮތަކަށް ވެސް ޓީވީ ނުވަތަ ގޭމް އަށް ޝައުގުވެރިވާ ކުއްޖަކަށް ނުވުމެވެ.

އުމުރުން އެންމެ ދެ އަހަރުގައި އިނގިރޭސިން ލިޔެ ކިޔަން ދަސްކުރުމުގެ އިތުރުން ޓައިމްސް ޓޭބަލްތައް ވެސް ޓެޑީ ހިތުދަހެވެ. އޭނާގެ އުމުރަށް ވުރެ މާ ބޮޑެތި ހިސާބުތައް އޭނާ ފަސޭހައިން ހަދާލަ އެވެ.

ޓެޑީ ދިރިއުޅެނީ އޭނާގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮ ޕިއްޕާއާ އެކުގަ އެވެ. ޓެޑީއަށް މި އާދަޔާޚިލާފު ހުނަރުތައް ލިބުނީ ކިހިނެއް ކަމެއް ބުނާކަށް އޭނާގެ މައިންބަފައިންނަކަށް ނޭނގެ އެވެ. ސަބަބަކީ އެމީހުންނަކީ ވެސް މާމައްޗަށް ކިޔަވައިގެން ތިބި ބަޔަކަށް ނުވާތީ އެވެ.

ޓެޑީ ޓައިމްސް ޓޭބަލްތައް ދަސްކޮށް އެކި ބަސްބަހުން 1ން 100 އަށް ގުނަން ދަސްކުރީ އެކަނިމާ އެކަންޏެވެ. އޭނާއަށް ހޯދައިދީފައިވާ އެޕްތަކުގެ ބޭނުންކޮށްގެންނެވެ.