މާފުށި

ހަވާ އެރުވުމާއެކު ޗައިނީސް އާ އަހަރު ފާހަގަ ކުރުން މާފުށީގައި

Jan 26, 2016

ހަވާ އެރުވުމާއެކު ޗައިނީޒް އާ އަހަރު މާފުށީގައި ފާހަގަ ކުރަން ޓޫރިޒަމް މިނިސްޓްރީން ތައްޔާރުވަމުން އެބަދެ އެވެ.

ޗައިނީޒް އާ އަހަރު ނުވަތަ ޗައިނާ މީހުންނަށް އަންނަ އެންމެ ބޮޑު ޗުއްޓީ ފެށެނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެވެ. މި ދުވަސް ރާއްޖޭގައި ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރު) އިން އިސް ނަގައިގެން މާފުށީގައި ވަނީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފަ އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި "ޗައިނީޒް އާ އަހަރު" ފާހަގަ ކުރުމުގެ ގޮތުން އަންނަ މަހުގެ އަށްވަނަ ދުވަހާއި، އެ ރޭ ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ. އެގޮތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ކެނޯ ރޭހެއް ބޭއްވުމާއި ވޯޓާ ޕޯލޯ ކުޅުން އަދި ޖެޓް ސްކީ ދުއްވުމާއި ބަނާނާ ދުއްވުން ހިމެނެ އެވެ. މީގެ އިތުރުން އަށްވަނަ ދުވަހުގެ ރޭ ދައުވަތު ދީފައިވާ ފަރާތްތަކާއެކު ބާއްވާ ހާއްސަ ޑިނާއަކާއި ޗައިނާ އާއި ރާއްޖޭގެ ސަގާފީ ކުޅިވަރުތައް ދައްކާލުން ވެސް އޮންނާނެ ކަމަށެވެ. މީގެ އިތުން ބޮޑު ބެރު ޖެހުމާއި ހަވާ އެރުވުމުގެ އިތުރުން ހާއްސަ ލަކީ ޑްރޯއެއް ނެގުންވެސް މާފުށީގައި ބާއްވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ޗައިނާ މާކެޓުން އަންނަ ޓޫރިސްޓުން އިތުރު ކުރަން ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވަމުންނެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 441،017 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.