އިއުލާނު ނުކޮށް ސްޓެލްކޯ އިން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާގެ ފުރުސަތު ދީފައިވާ ކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން ދޮގު ކޮށްފިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރިއާއި ދިމާކޮށް ސްޓެލްކޯއިން އިން އިއުލާނުކުރުމަކާ ނުލައި އަލަށް ކ. އަތޮޅުން ގިނަ ބަޔަކަށް ވަނީ ވަޒީފާގެ ފުރުސަތު ދީފަ އެވެ. އަދި ވަޒީފާތަކަށް ހޮވާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ އެ ޕާޓީގެ މެމްބަރުން ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.
މިކަމާ ގުޅިގެން އެ ކުންފުނިން ބުނީ އިއުލާނު ނުކޮށް ނުވަތަ ކުންފުނީގެ އެޗްއާރް ޕޮލިސީއާއި ހިލާފަށް އެއްވެސް ވަޒީފާއަކަށް މީހުން ނަގާފައި ނުވާނެ ކަމަށެވެ. އަދި ބައެއް މީޑިއާތަކުން ފަތުރަމުން ގެންދަނީ ދޮގު މައުލޫމާތެއް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް ހިމެނޭހެން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން އެ ކުންފުނީގެ މުވައްޒަފުންނަށް އެމްޑީޕީގެ ޕްރައިމަރީގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓުލުމަށް އަންގަމުން ގެންދާ ކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ނަމަވެސް، ސަރުކާރުން އެއްވެސް މުއައްޒަފަކަށް ނުފޫޒު ފޯރުވައި ވަޒީފާގެ ބިރު ދައްކާފައި ނުވާނެ ކަމަށް ރައީސް އޮފީހުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.