ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރިން އޮތީ ބިރުވެރިކަމުން ފުރިފައިވާ ވެރިކަމެއް: ރައީސް

ކުރީ ވެރިކަމުގެ ފަސް އަހަރަކީ ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވާ ވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އދ. ދަނގެއްޗަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ވެރިމަކަކީ ހަމަޖެހުން ގެނެސްދިން ވެރިކަމެއް ކަމަށާއި ނަމަވެސް ކުރީގެ ވެރިކަމަކީ ބިރުވެރި އަދި ނާމާން ވެރިކަމެއް ކަމަށެވެ.

"ވަރަށް ސާފު. މި ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ރާއްޖެއަށް މި ގެނެވުނު ހަމަޖެހުމާއި އާންމު ރައްޔިތުންނަށް މި ގެނެސް ދެވުނު ހިތްހަމަޖެހުމާއި މިނިވަންކަން މިއީ އޭގެ ކުރީގެ ފަސް އަހަރު ތިބޭފުޅުން ތަހައްމަލު ކުރި ދަތި އުނދަގޫތަކުން އަރައިގަތުމަށް ކުރެވުނު ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގެ އެއްވެސް ރައްޔިތަކު ދެން އަނިޔާވެރި ދުވަސްތައް ދެކެން ބޭނުން ނުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެ ބިރުވެރިކަން ތަހައްމަލު ކުރަން ބޭނުންވާނެ މީހަކު ނުހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައްޔިތުން މިހާރު ބޭނުން ވަނީ ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލިބުމާއި ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރަށުގައި ތިބެގެން ރަނގަޅު ސިއްހީ ފަރުވާ ލިބުމާ ދަރިންނަށް ރަނގަޅު ތައުލީމެއް ލިބުމަކީވެސް ރައްޔިތުން ބޭނުންވާ ކަމެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

"އެ އުންމީދު މިއަދު ހަމަގައިމުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެބަފެނޭ. ކަންތައްތަކެއް ވަމުންދާތަން އެބަ ފެނޭ. ރައްޔިތުންނަށް ޔަގީންކަން ލިބިއްޖެ މި ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރާކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މިހާރުވެސް ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކޮށްދިނުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަސައްކަތްތަކެއް ކުރިއަށްދާ ކަމަށާއި ވަރަށް ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ.