ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 22 ޖެނުއަރީ 2023 އާ ގުޅޭ )

ލައިލީގެ މުލައްދަނޑީގައި ހިފައި ދަރަކްއާ ގާތަށް ދަމާލިއެވެ. ފިރިމީހާއަށް ލައިލީ މިފަހަރު ފުރުޞަތު ދިނެވެ. އޭނާގެ ގައިގާ ދަރަކް ބައްދާލިއެވެ. ދެ ޒުވާނުންގެ ނަޒަރު ވަކިވުމާއެކު ދެ މީހުންގެ މޫނުގައިވީ ހިނިތުންވުން ގެއްލިއްޖެއެވެ. އެ ގާތްކަމުގައި ވެސް ދުރުކަން ވާފަދައެވެ. އުފާވެރިކަމުގެ އަސަރެއް ދެމަފިރިންކުރެ އެކަކުގެ މޫނުން ވެސް ފާޅެއްނުވެއެވެ.

* * * * *

ދެ ދުވަސް ފަހެވެ. ލޮބީ ހުރަސްކޮށް ސްޓާފުންގެ ލޮކަރުތައް ހުންނަ ބަޔަށް ވަންނަން އައި އަކިޔަލް މަޑުކޮށްލިއެވެ. ޑިއުޓީ މެނޭޖަރާއި ވާހަކަދައްކަން ހުރި ލައިލީ އަކިޔަލްއަށް ފެނުނީއެވެ. އެ ދެ މީހުން ތިބީ އޮފީސް ކައިރީގައި ކަމަށްވާތީ ދައްކާ ވާހަކައެއް އަކިޔަލްއާ ހަމައަށް ނީވެއެވެ. ލައިލީއާއި މެނޭޖަރަށް ބަލަން އިރުކޮޅަކު ހުރެފައި އޭނާ އެތެރެއަށް ވަނެވެ. ބުރަކަށީގައި އަޅުވާފައި އޮތް ދަބަސް ނަގައި އަކިޔަލްގެ ލޮކަރަށް ލައިފިއެވެ. އޭނާ އައިސް ޑިއުޓީއާ ހަވާލުވީއިރު ވެސް ލައިލީ ރިސެޕްޝަނަށް ނާދެއެވެ.

"ކަމެއް ގޯސްވީތަ؟." ލައިލީ ރިސެޕްޝަނަށް އައުމާއެކު އަކިޔަލް އަހާލިއެވެ.

"ނޫން. ކީއްވީ؟." ލައިލީ ހައިރާންވިއެވެ.

"ނުފެންނަ މަންޒަރެއްވީމަ." އަކިޔަލްގެ އާންމު ވާހަކަދެއްކުން ހުންނަ ރާގުގައި ބުންޏެވެ.

"ކޮބާ؟." ލައިލީއަށް ދެން ވެސް އަކިޔަލް ދައްކާ ވާހަކަ ފަހުމެއް ނުވިއެވެ.

"އަނަސްއާއެކީ." އަކިޔަލް ބުންޏެވެ.

"އެއީ ޑިއުޓީ ޗޭންޖު ކުރަންވެގެން. ކުރީބައިގަ ބުނަން އަންގާފައެއްނު އޮތީ." ލައިލީ ބުނެލިއެވެ.

"ކިހިނެއްވީ ޑިއުޓީ ޗޭންޖު ކުރަން ޖެހުނީ." އަކިޔަލް އަހާލިއެވެ.

"ޑަކްޓަރަށް ދައްކަން." ލައިލީ ބުންޏެވެ.

"ލައި ބަލީތަ؟." އަކިޔަލް އަހާލިއެވެ. ނަމަވެސް އޭނާއަށް ލައިލީގެ ފުށުން ބަލިކަމުގެ އަސަރެއް ނުފެނެއެވެ. މިދޭތެރެއަކުން ލައިލީ ރޯގާޖެހި ހުން އައިސްގެން އުޅުނުކަން އަކިޔަލް ދެނަހުއްޓެވެ. ރޯގާގެ އަސަރެއް ވެސް މިހާރަކު ލައިލީގެ ނެތެވެ.

ހަޤީޤަތް ހާމަކުރާމެދު ލައިލީ އިނީ ދެ ޚިޔާލެއްގައެވެ. އެހެންވެ އޭނާއަށް އަކިޔަލްގެ ސުވާލަށް ޖަވާބެއްދޭން ވަގުތު ނެގީއެވެ. އަކިޔަލް ވެސް ޖަވާބެއް ދޭކަށް ލައިލީއަށް މަޖުބޫރެއް ނުކުރިއެވެ. އޭނާ އިތުރު ވާހަކައެއް ނުދައްކާ އަމިއްލަ ކަންކަމަށް ސަމާލުވެލީއެވެ. ފޯނާ ކުޅެން އިނދެފައި އަކިޔަލް ފެންފުޅި ނެގިއެވެ. ޑިއުޓީގައި ތިބޭ ކުދީންނަށް އަބަދުވެސް ކައުންޓަރުގައި ފެންފުޅި ބަހައްޓާފައި ހުރެއެވެ. މަތި ކަނޑާލަފައި އަކިޔަލް އަނގަޔަށް ފެންފުޅި އަރިކޮށްލިއެވެ. ފުންނޭވާއެއް ދޫކޮށްލި ލައިލީ ވާހަކަދެއްކީ އެވަގުތެވެ. އިވުނު ވާހަކައިން އަކިޔަލް ކޮށިއެރީއެވެ. ލައިލީ އަވަސް އަވަހަށް ކައުންޓަރުގައި ހުރި ޓިޝޫ ފޮށިން ޓިޝޫ ނަގައި އަކިޔަލްއަށް ދިއްކޮށްލިއެވެ.

"ޕްރެގްވާންށޭ..." އަނގަމަތި ފުހެލާފައި އަކިޔަލްއަށް ބުނެވުނެވެ. އޭރު ލައިލީއަށް އޭނާ ބަލަން އިނީ އަޖައިބުވެފައިވާ މީހަކު ފަދައިންނެވެ.

"ތި ކުރެވެނީ މަޖުބޫރު. ގަދަބާރުން ކަންކަން ކުރާން ލައި ތިއުޅެނީ." އަކިޔަލްއަށް ޤަބޫލުނުކުރެވިފައި އިނދެ ވާހަކަދެއްކިއެވެ.

"ކޮން މަޖުބޫރެއް. ކީކޭ ކިޔަން އާކި ތިއުޅެނީ... ދަރީންނަކީ ކައިވެނީގެ ބައެއްނު އެއީ." ލައިލީ ބުންޏެވެ.

"ތީގެ މާނައަކީ ދަރަކްއާމެދު ކުރި ޝައްކުތައް ފިލީއޭތަ؟. އޭނާ ކަމެއްނުކުރާކަމަށް ނިންމާ އެގޮތަށް ލައިލީ ޤަބޫލު ވެސް ކުރީ." އަކިޔަލް ބުންޏެވެ.

"އަހަރެން... އާކިއަކަށް ނުވިސްނޭނެ. ދަރަކްއާ ވަކިވާކަށް އަހަރެން ބޭނުމެއްނޫން. އެހެންވީމަ ހުރިހާ ނެގެޓިވް ޚިޔާލުތަކެއް ދޫކޮށްލައި ޕޮޒިޓިވްކޮށް ވިސްނަންވެއްޖެ." ލައިލީ ބުންޏެވެ. އޭނާއަށް އަކިޔަލްގެ ވާހަކައިން އުނދަގޫވިއެވެ. ދަރަކްއާމެދު އޮތް ޝައްކުތައް ހިތުން ފިލައިގެނެއް ނުދެއެވެ. ނަމަވެސް ވިސްނުން މިހާރު ހުރީ ދަރަކްގެ ކައިރިން ބާކީވާން ޖެހޭ މީހަކަށް ލައިލީ ނުވުމަށެވެ. އޭނާއަކީ އަދިވެސް ދަރަކްގެ އަނބިމީހާއެވެ. އެހެންވީމަ ހިލޭ އަންހެނަކަށް ނުލިބޭނެ ފުރުޞަތުތަކާއި ބާރު އަނބިމީހާއަށް ލިބިފައި ވެއެވެ.

"ޕޮޒިޓިވްވާން... ތީ ލައިލީގެ ނިންމުން. ތިގޮތުގައި ލައިލީއަށް ހިތްހަމަޖެހިގެން އުޅެވެންޏާ އެއްވެސް މައްސަލައެއްނެތް." އަކިޔަލް ބުންޏެވެ. ނަމަވެސް އޭނާއަށް ލައިލީގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުމެއް ނުފެނެއެވެ.

* * * * *

ދަރިމައިވުމުގެ ހުރިހާކަމަކަށް ޚާއްޞަ ކުލިނިކުން އެޕޮއިންމެންޓު ލިބުނީ ހެނދުނު އެގާރަ ޖަހާއިރަށެވެ. ދަރަކް އޮފީހުގައި ހުރެފައި އެގަޑިއަށް އައެވެ. ކުލިނިކަށް އައީ ދެމަފިރިން އެކީގައެވެ. ޑަކްޓަރަށް ދައްކަން އައިސްތިބި މީހުންނާއިގެން ވެއިޓިން އޭރިޔާ އޮތީ ފުރިފައެވެ. އިށީންނާނޭ ތަންކޮޅެއް ލިބުނީ ވެސް އިރުކޮޅަކު ލައިލީއާއި ދަރަކް މަޑުކޮށްގެން ތިބިފަހުންނެވެ. އެގާރަ ޖަހާއިރަށް އައެއް ކަމަކު ޑަކްޓަރަށް ދެއްކޭވަރުވީ ގަޑިއެއްހާއިރު ފަހުންނެވެ. ޑަކްޓަރާ ހަމައަށް ދެވެންދެން ވެސް ލައިލީއާއި ދަރަކްއާ ދެމެދު އެއްވެސް ވާހަކައެއް ނުދައްކައެވެ. ދެމަފިރިން އެމީހެއްގެ އަމިއްލަ ޚިޔާލީ ދުނިޔޭގައި ވާ ފަދައެވެ.

"އެއީ އަހަރެމެން." ކައުންޓަރުގައި އިން ކުއްޖާ ނަންބަރަށް ގޮވާލި އަޑު އިވިފައި ލައިލީ ބުނެލިއެވެ.

ޑަކްޓަރު ބަލާ ކޮޓަރިއަށް ދެމަފިރިން އެކުގައި ވަނެވެ. ޑަކްޓަރާއި ހުރިހާ ވާހަކައެއް ދެއްކީ ލައިލީއެވެ. ޓެސްޓްތައް ހަދަން ޑަކްޓަރު ދިނެވެ. ލޭ ނަގަން ލެބޯޓްރީއަށް ލައިލީއަށް ދާން ޖެހުނުއިރު ނަރުސް ކުއްޖަކު އައިސް ދަރަކްއަށް ދިއްކޮށްލީ ޓިޝޫކޮޅެއް އޮޅާލާފައިވާ ޕްލާސްޓިކް ކުޑަ ދަޅެކެވެ. ދަރަކްގެ ދަރިފަނި މެރަނާތޯ ބަލަން ޑަކްޓަރު ބޭނުންވާތީއެވެ.

"މިވަގުތުތަ؟." ދަރަކްއަށް އެ ޕްލާސްޓިކް ދަޅަކީ ކީއްކުރަން ދިން އެއްޗެއްކަން އެނގުނު ހިނދު ނަރުސް ކުއްޖާ ގާތު އަހާލެވުނެވެ. އޭނާގެ މޫނުން ފެންނަން ހުރީ ހާސްކަމެވެ. ނަރުސް ކުއްޖާ ދިން ޖަވާބު އަހާފައި ފާޚާނާއާ ދިމާއަށް ދަރަކް ދިޔައީ އެކަމާ އެއްވެސް ވަރަކަށް ގަޔާނުވެ ހުރެއެވެ. އޭނާގެ މޫނުން އެ ފޫހިކަން ފާޅުވޭވޭ ހުއްޓެވެ. ނަރުސް ކުއްޖާއަށް ވެސް އެކަން ފާހަގަވިއެވެ.

ދެން އަންނަން ލައިލީ ކައިރީ ޑަކްޓަރު ބުނެފައި އޮތީ އޭނާގެ މައްސަރު ކަންތައް ޖެހޭތާ ތިންވަނަ ދުވަހުއެވެ. ލައިލީގެ ހޯމޯން ޓެސްޓެއް އެ ދުވަހު ހަދާނޭކަން ޑަކްޓަރު ބުންޏެވެ. އަދި ހަތްވަނަ ދުވަހު ހަދާ ޓެސްޓުގެ ފަހުން ދެމަފިރިން ކަންތައް ކުރަންވީ ކިހިނެއްކަން ލަފާދޭން ޑަކްޓަރަށް އެނގޭނެކަން ބުންޏެވެ.

ކުލިނިކުން ނުކުމެވުމާއެކު ދަރަކް ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ލައިލީގެ މޫނުން ވެސް ފެންނަން ހުރީ ހިސާބެއްގެ ވަރުބަލިކަމެވެ. ދަރަކްގެ ފަހަތަށް ސައިކަލަށް ލައިލީ އެރިއެވެ. ސައިކަލު ދުއްވާލި އިރު ވެސް ލައިލީ އިނީ އަމިއްލަ ދުނިޔެއެއްގައެވެ. އޭނާ ވިސްނަމުން ދިޔައީ ޑަކްޓަރުގެ ވާހަކަތާމެދުއެވެ. ބަނޑުބޮޑުވާން ބޭނުންވިޔަސް އެކަމުގައި އަންހެނުންނަށް ހުރި ތަކުލީފުތައް ގިނައެވެ. ފިރިހެން މީހާގެ ދަރިފަނި ނެގުމުން އޭނާއަށް އެހިސާބުން ނިމުނެއްކަމަކު އަންހެން މީހާ އެތައް ފަހަރަކު އެތައް ޓެސްޓެއް ހަދަން ޖެހެއެވެ. އެތައް ބޭހެއް ކާން ޖެހެއެވެ.

"މުޅި ދުވަސް މިދިޔައީ މިކަމުގައި. ބޮލުގައި ރިއްސާހެން ވެސް ހީވޭ." ދަރަކް ބުންޏެވެ.

"މައްސަލައެއް ހުރިއްޔާ އެނގޭނީ ކުރީބައިގަ ދެއްކީމައެއްނު." ލައިލީ ބުންޏެވެ.

"ސްޕާމް ނަގަން ޖެހޭނެކަމެއް ނޭނގޭވިއްޔާ. އެންމެ ފާޚާނާއެއް އެތަނުގައި ހުރީ... އެ ނަރުސް ކުއްޖާ ވެސް ފާޑަކަށް ވާހަކަދެއްކީ. ދެން ނޭނގެ. ބޮލުގަ ރިއްސާ އެބަ... ހީވަނީ ގަދަކަމުން ކުރަން މަޖުބޫރު ކުރާހެން. ނަފްސާނީ ގޮތުން އަޒާބެއް ލިބުމެކޭ އެއްވަރު." ދަރަކްގެ އަޑުގައިވީ ޝަކުވާއެވެ.

"މީ އަހަރެމެންގެ މުސްތަޤުބަލަށް ޓަކައި ކުރާކަމެއް ނޫންތަ؟. އެމީހުން ދަރަކްގެ ގަޔަށް ކަށިތަކެއް ނަހަރައި، ތިން ހަތަރު ޓެސްޓު ހަދަން ޖެހޭނެއެކޭ ނުބުނޭ. ބޭސްތަކެއް ކާން ޖެހޭނެއެކޭ ނުބުނޭ." ލައިލީއަށް ބުނެވުނެވެ. އެހިނދު ދަރަކް ވަގުތުން ހިމޭންވެއްޖެއެވެ.

"ސޮރީ. ލައިއަށް މިކަމުގައި ހުރި ވޭން ވިސްނާނުލެވުނީ. ވަރުބަލިވެފަ ދޯ ތިއިނީ. މިއަދު ދެން ގެއަށް ގޮސް އެއްޗެއް ހަދަން އުޅޭނެކަމެއްނެތް. އަހަރެން ވެސް ދެން މިރޭ އޮފީހަށް ދާނީ. އެހެންވީމަ ހިނގާ ބޭރުން ކާއެއްޗެއް ނަގައިގެން ގެއަށް ދާން." ނިކަން އަވަހަށް ދަރަކްގެ އަޑަށް މަޑުމައިތިރިކަން އެކުލެވިފައިވާ އޯގާތެރިކަމުގެ ރާގު ވެރިވެއްޖެއެވެ.

"ކީއްވެތަ ރުޅި ނާންނަނީ. އެއްވެސް ކަމެއްގައި އަހަންނާ ޖަދަލު ނުކުރަނީ ކީއްވެ؟. އަހަންނަށް ހީވަނީ އަހަރެންނޭ މި ގޯސް ހަދަނީ. ދަރަކް ލޯބިވާއިރު ވެސް އެވަރު ނުވިސްނިގެން އުޅެނީ އަހަންނަށޭ. އަމިއްލަ އެދުން ކުރިޔަށްނެރެ ދަރަކްއަށް މަޖުބޫރުކުރަން ވެސް އަހަރެން ފެށީއޭ. ހަމަ ނޭނގޭތަ އަހަރެން މިހުންނަނީ ކިހާ ރުޅިއައިސްފަކަން. ދަރަކްއާމެދު ކިހާ ހިތްހަމަނުޖެހި ހިތުގައި ޖެހިފައިކަން. ތިހާ އޯގާތެރިކޮށް އަހަންނާމެދު ކަންތައްކުރާއިރު ދަރަކް އަހަންނަށް ބޭވަފާތެރިވާނީއޭ ބުނާނީ ކިހިނެއް؟. ހެއްކަކަށް ވާކަހަލަ ހެއްކެއް ވެސް ނެތް. ޝައްކާއި ވަހުމްތަކުން އަހަރެން ވާހަކަފަށައިފިއްޔާ ވާނީ ދަރަކްގެ ކުށް ހޯދަން އަހަރެން އުޅެނިއްޔޭ. ފިރިމީހާ އެހާ ރަނގަޅު އިރުވެސް ޝަކުރުވެރިވާން ނޭނގޭ އަނތްބެކޭ އަހަންނަކީ. އަހަރެންނަށް ހިޔެއްނުވޭ ދުވަހަކުވެސް އަހަންނަށް ދަރަކްދެކެ ފޫހިވެވިދާނެހެން." ހިމޭންވެފައި ލައިލީ އިނަސް އޭނާގެ ސިކުނޑީގައި އަޑު ގަދައެވެ.

ދެވަނައަށް ޑަކްޓަރަށް ދައްކަން އަންނަން އޮތް ދުވަހު ކުލިނިކަށް ލައިލީ އައީ އެކަންޏެވެ. އޮފީހުގައި ހުރެފައި އަންނަން ޖެހުމުން ދަރަކްއަށް އާދެވޭގޮތް ނުވީއެވެ. ޑަކްޓަރަށް ދައްކާފައި ނުކުންނަން އައި ލައިލީއަށް ކުލިނިކުގެ ކައުންޓަރު ކައިރިން ޔޫން ފެނުނެވެ.

"ޔޫން. ތީނަ މިތާ... އެކަނިތަ؟." އެކުވެރިޔާއަށް ގޮވާލުމާއެކު ލައިލީއަށް އަހާލެވުނެވެ. ނަމަވެސް ޔޫންގެ ހަރަކާތްތައް ހުރީ ވަރަށް އަވަސްއަރުވާލައިފައެވެ. ކުލިނިކުން ޔޫން ނުކުތުމުން އެކުވެރިޔާގެ ފަހަތުން ލައިލީއައެވެ. މަގުމަތިން ޔޫންގެ އަތުގައި ލައިލީ ހިފާލައި އޭނާ ހުއްޓުވިއެވެ.

"ރަނގަޅުތަ ހުރިހާކަމެއް. އަނެއްކާ އަހަރެމެން ތަހުނިޔާ ފޮނުވަންޖެހޭ ކަހަލަ ޚަބަރެއް އޮތީތަ." ލައިލީ ވާހަކަދެއްކީ ހިނިއައިސްފަ ހުރެއެވެ.

"އޯކޭ. އެކަހަލަ ކަމެއްނޫން." ޔޫން ނިކަން އަވަހަށް ބުނެލިއެވެ.

"އެހެންތަ. މިތާގަ ތިބޭ ޑަކްޓަރުން ވަރަށް ރަނގަޅު. އަހަރެން ވެސް އައިސް މިއުޅެނީ ފާޓީލިޓީ ޓެސްޓް ހަދަން. މިހާރު ދެން އެކަމާ ވެސް އުޅެންވެއްޖެތާ ދޯ. މައްސަލައަކީ ހަދަން ޖެހޭ ޓެސްޓުތައް ގިނަކަމުން."

ލައިލީ ވާހަކަދައްކަން ހުއްޓާ ކުލިނިކުގެ ތެރެއިން އެތަނުގެ ސްޓާފަކު ނުކުތެވެ. އޭނާ ވާހަކަދެއްކީ ޔޫންއާއެވެ. ސްކޭން ބާއްވަފައި ޔޫން ނުކުތީމާ އެ ރައްދުކޮށްދޭން އޭނާ އައީއެވެ. ދެވަނަ ސްކޭނަށް އެޕޮއިންމެންޓް ކުރީބައިގަ ނޯޓު ކުރާން އެ އަންހެންކުއްޖާ ޔޫންއަށް ލަފާ ދިނެވެ. އަދި ޑަކްޓަރަށް ސްކޭން ނުދައްކާ ދަނީތޯ އެ އަންހެންކުއްޖާ ޔޫންއާ ސުވާލުކުރިއެވެ. އޭނާގެ ވާހަކަތަކުން ޔޫންއަށް ހުރީ އުނދަގޫވެފައިކަން ސާފުކޮށް އެ މޫނުން ފާޅުވޭވޭ ހުއްޓެވެ.

"ފަހުން ޑަކްޓަރަށް އެޕޮއިންމެންޓް ހައްދާނަން. މިވަގުތު ދާން ޖެހިގެން މިދަނީ." އިތުރު ވާހަކަތަކެއް އެ އަންހެންކުއްޖާ ދެއްކުމުގެ ކުރީން ޔޫން އަވަސްއަވަހަށް ބުނެލިއެވެ. އެއާއެކު އެ އަންހެންކުއްޖާ ހިނިތުންވުމަކާއެކު ބޯޖަހާލާފައި ކުލިނިކުގެ ތެރެއަށް ވަނެވެ. އެއާއެކު ލައިލީ ކައިރީ ވެސް ދަނީއޭ ބުނެ ޔޫން ހަލުވިކޮށް ހިނގައިގަތީއެވެ.

"އެއީ ޕްރެގްނެންސީ ސްކޭނެއް. ކީއްވެބާ ޔޫން ޕްރެގްއެއް ނޫނޭ ބުނީ. މެރީކޮށްފައި އެހާ ގިނަ ދުވަސްނުކޮށް ދަރިއަކު ހޯދަން ބޭނުންވާ ވާހަކަ ޔޫން އަބަދުވެސް ދައްކާނެ. ކުޑަކުދީންނާ ހެދި މޮޔަވެފައި ހުންނާނީ. އަނެއްކާ އިދާންއަކީ ތަނަވަސް މީހެއް. އެމީހުންނަށް ފައިސާގެ ދަތިކަމެއް ނޯންނާނެ... ތަސްއަށް ގުޅާލަންވީ ކަންނޭނގެ. ޔަގީން އޭނާއަށް އެނގިފަކަން އޮންނާނީ." އެކުވެރިޔާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު ލައިލީ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. އެންމެ ފުރަތަމަ ކަމެއް ޚިއްޞާ ކުރާނަމަ ޔޫން އެ ވާހަކައެއް ބުނާނީ ތަސްލީމާ ކައިރީކަން ލައިލީއަށް އެނގެއެވެ.

އެއް ހަފްތާ ފަހެވެ. ލައިލީގެ ހުރިހާ ޓެސްޓުތަކެއް ވަނީ ނިމިފައެވެ. ޑަކްޓަރަށް ދައްކަން އައުމުން ޑަކްޓަރުވަނީ ލައިލީ މައްސަލައެއް ނެތްކަމަށް ބުނެފައެވެ. ނަމަވެސް ދަރަކްއާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޑަކްޓަރު ފާހަގަކުރީ ސްޓްރެސްގެ ސަބަބުން ބައެއް ފަހަރު އެފަދަ މައްސަލަތައް ދިމާވާކަމެވެ. ކުއްޖެއް ހޯދަން މަސައްކަތް ކުރާއިރު ދެމަފިރިން ވެސް ބަލަންވާނީ ވީހާ ވެސް ހާސްކަން ކުޑަ ކުރެވޭތޯކަން ޑަކްޓަރު ބުންޏެވެ. ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެކަމުން ވެސް ދަރިފަންޏަށް އަސަރުކުރާކަން ޑަކްޓަރު ކިޔާދިނެވެ. މިވަގުތު އެއްވެސް ކަމަކާ ކަންބޮޑުނުވުމަށް ޑަކްޓަރު ބުންޏެވެ. ނަމަވެސް ދަރިއެއް ހޯދަން މަސައްކަތް ކުރާތާ އަހަރެއް ވެގެންދާއިރު އިތުރު ފަރުވާ ހޯދަން ޖެހޭނެކަން ޑަކްޓަރު ބުންޏެވެ. ދަރިއަކު ލިބުމުން އުނދަގޫކަން ނިންމާނީ އެހާތަނުންނެވެ. ކެއުން ބުއިމުގައި ގެންގުޅޭ އުސޫލުތަކާއި މެދު ވެސް ޑަކްޓަރު މަޝްވަރާކުރިއެވެ. ލައިލީއާއި ދަރަކްއަށް ވަރަށް ގިނަ މަޢުލޫމާތާއި ލަފާ ޑަކްޓަރު ދިނެވެ.

"އޯވިއުލޭޝަން ޑޭޓްގެ ކުރިން ލައިލީ ދައްކާލަން އަންނަންވާނެ. މިކޮޅުން އެގް ރެޑީވެފައި އިންވަރު ބަލާފައި ބުނީމަ ހަމަ އެދުވަހު ޖެހޭނެ ދެމަފިރިކަމުގެ ގުޅުން ހިންގަން. އޭރުން ޗާންސް ބޮޑުވާނެ ބަލިވެއިނުމުގެ." ޑަކްޓަރު އޮޅުން ފިލުވާ ދިނެވެ.

ޑަކްޓަރުގެ ލަފައާއެކު ލައިލީ ކެއުމަށް ބައެއް ބަދަލުތައް ގަނައެވެ. ޒިންކާއި ފޯލިކް އެސިޑް ހިމެނޭ ބާވަތްތައް ކެއުމުގައި ހިމަނަން ފެށިއެވެ. ނަމަވެސް ލައިލީގެ ކަންބޮޑުވާއި ފިކުރުތައް މަދެއްނުވިއެވެ. ދަރަކްއަށް އޮފީހުން އަވަހަށް އާދެވޭކަމަކަށް ނުވިއެވެ. އުޅޭލެއް އެހާ ބުރައެވެ. އޯވިއުލޭޓްވާން ޖެހޭ ދުވަސް އައިސް ޖެހުނުއިރު ވެސް ދެމަފިރިންގެ ދެމެދުގައި ގުޅުމެއް ނުހިންގެއެވެ. ޑަކްޓަރަށް ދައްކާފައި އައިސް ދަރަކްއަށް ލައިލީ މެސެޖު ކުރިއެވެ. ކޮންމެހެން ވެސް އެކަން ކުރަން ޖެހޭނެކަން އެނގޭތީއެވެ. އެ ދުވަހު ލައިލީ އޯފް ނެގީ މީހާ މާބޮޑަށް ވަރުބަލިވެފައި ހުންނަން ބޭނުންނުވާތީއެވެ. ނަމަވެސް އިރުއޮއްސެން އުޅެނިކޮށް ދަރަކް ގެއަށް އައިސް ފެންވަރާލައިގެން އޮށޯތްތަނާ ނިދުނީއެވެ. ނުވެސް ކައެވެ. ދެން އޭނާއަށް ހޭލެވުނީ ނުވައެއް ޖެހަނިކޮށެވެ. ފޯނުކޯލެއް އަންނަވަރުންނެވެ. ލައިލީ ކަމަކަށް ތައްޔާރުވެގެން ހުރިކަމެއް ހަނދާނެއްނެތެވެ. ތެޅެމުންފޮޅެމުން އޭނާ އަނެއްކާ ގެއިން ނުކުތީ އޮފީހަށް ދާންޖެހޭކަން ބުނެފައެވެ.

(ނުނިމޭ)