މޯލްޑިވިއަން

މުއްދަތު ހަމަވެފައިވާ ލިޔުން އެތެރޭގެ ވައިގެ ދަތުރުތަކުގައި އަންނަ މަހު ބޭނުން ނުކުރެވޭނެ

Jan 24, 2023

އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ފެބްރުއަރީ 22ގެ ފަހުން ބަލައިނުގަންނާނެ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

މޯލްޑިވިއަންއިން ބުނި ގޮތުގައި ފެބްރުއަރީ 22 ވަނަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބަލަގަންނާނީ މުއްދަތު ހަމަނުވާ ލިޔުންތަކެވެ. އޭގެ ތެރޭގައި ޕާސްޕޯޓާއި ދިވެހި ރައްޔިތެެއްކަން އަންގައިދޭ ކަޑާއި ވާކް ވިސާ ކާޑުގެ އިތުރުން ލައިސަންސް ކާޑު ހިމެނެ އެވެ.

އޭގެ އިތުރުން އެއާޕޯޓް ސެކިއުރިޓީ ފާހާއި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓީ އަދި އައިޑީކާޑު ނަންބަރު ޖެހި ރަސްމީ ލިޔުންތައް ހިމެނޭ ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

ކޮވިޑް19ގެ ހާލަތާ ގުޅިގެން އާންމުންނަށް ދިމާވި ދަތިތައް ލުއިކުރުމަށް ބައެއް ހިދުމަތްތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުން ބޭނުންކުރެވޭ ގޮތް ހަމަޖެއްސި އެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުން ބޭނުންކުރެވޭ ގޮތް ހެދި އެވެ.

މުއްދަތު ހަމަވެފައި ވީނަމަވެސް އޭގައި ހިމެނޭ މައުލޫމާތު ސާފުކޮށް އެނގޭނަމަ ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަރާތްތަކުން އެއާލައިން ޓިކެޓް ގަތުމަށާއި އެއާލައިނަށް ޗެކް-އިން ކުރުމަށާއި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށް އެ ލިޔުންތައް ބޭނުންކުރެވޭ ގޮތް ހެދި އެވެ.

ޑިފެންސް މިނިސްޓްރީން ނޮވެމްބަރު 21، 2022ގައި ނެރުނު ސާކިއުލާއެއްގައި ވަނީ މުއްދަތު ހަމަވެފައިވާ ލިޔުންތައް ފެބްރުއަރީ 22، 2023ވަނަ ދުވަހުން ފެށިގެން ބޭނުން ނުކުރެވޭނެ ކަމަށާއި އެ ތާރީހުގެ ފަހުން ބަލައިގަންނާނީ މުއްދަތު ހަމަނުވާ ލިޔެކިޔުންތައް ކަމަށް ބުނެފަ އެވެ.