އިންޑިއާގެ އާގްރާގެ ފުލުހުން މިދިޔަ އަންގާރަ ދުވަހު ވަނީ 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އެ ފިރިހެންމީހާ ހައްޔަރުކުރީ އޭނާގެ ހަތަރު ދަރިން 30 ފޫޓު އުސް ބްރިޖެއް މަތިން އޮއިދެމޭ ކޯރަކަށް އެއްލާލިކަމުގެ ތުހުމަތުގަ އެވެ. މި ފިރިހެންމީހާ އޭނާގެ ހަތަރު ދަރިން ކޯރަށް އެއްލާލީ އަންހެނުންނާ ޒުވާބުކުރުމަށްފަހު އައިސްފައި ހުރި ރުޅީގަ އެވެ.
ކޯރަށް އެއްލާލި ކުދިން ތެރެއިން އެއް ކުއްޖަކީ ޕްރަބާ ނަމަކަށް ކިޔާ 12 އަހަރުގެ އަންހެން ކުއްޖެކެވެ. މިއީ ހަތަރު ކުދިންގެ ތެރެއިން ދެ ވަނަ އަށް އެންމެ ދޮށީ ކުއްޖާ އެވެ. އެންމެ ބޮޑީ 13 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވާ ސޯނޫ އެވެ. ޕްރަބާގެ ހަގަށް ތިބީ އަށް އަހަރުގެ ކާޖަލް އާއި ފަސް އަހަރުގެ ހެމްލަތާ އެވެ.
ހުރިހާ ކުދިން ކޯރަށް އެއްލާލުމުން ޕްރަބާ ވަނީ ވަރަށް ހިތްވަރާއެކު ފަތާފައި ގޮސް އޭނާގެ 13 އަހަރުގެ ބޭބެ ސޯނޫ އާއި އަށް އަހަރުގެ ކޮއްކޮ ކާޖަލް ސަލާމަތް ކޮށްފަ އެވެ. ނަމަވެސް ހަތަރު ކުދިންގެ ތެރެއިން އެންމެ ހަގު ފަސް އަހަރު ކުއްޖާ އަދިވެސް ނުފެނެ އެވެ.
އެ ސަރަހައްދުގެ ފުލުހުން ބުނެފައިވާ ގޮތުގައި ޕުޝްޕެންދުރަ ކުމާރު ނަމަކަށްކިޔާ މި މީހާ އޭނާގެ ދަރިންތައް ކޯރަށް އުކާލީ އެ ކުދިންގެ މަންމަ ދެކެ އައި ރުޅީގަ އެވެ. އަދި އެ ވަގުތު ފިރިހެންމީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ފިރިހެންމީހާ ފުރަތަމަ ކުރި ކަމަކީ އެމީހުން ދިރިއުޅޭ އަވަށާ 15 ކިލޯ މީޓަރު ދުރުގައިވާ އަންހެނުންގެ މައިންބަފައިންގެ ގެއަށް އަންހެނުން ގެންގޮސް ލީއެވެ. އަދި ކާނިވަލަކަށް ދާން ހިނގާށޭ ކިޔާފައި ކުދިން ގޮވައިގެން ގޮސް ބްރިޖް މަތިން ފަހަރަކު ކުއްޖަކު ކޮއްޕާ ވައްޓާލީ އެވެ.
ދެން ފެނިގެން ދިޔައީ 12 އަހަރުގެ ޕްރަބާގެ ހިތްވަރުގަދަކަމުގެ ލާމަސީލު މަންޒަރު ތަކެކެވެ. އެއްބަނޑު އެއްބަފާ ކުދިން ސަލާމަތްކުރަން މި ކުޑަ އަންހެންކުއްޖާ ކުރި އާދަޔާހިލާފު ތައުރީފުކުރުން ހައްގު މަސައްކަތެވެ. އަދި ޕްރަބާގެ ވިސްނުން ތޫނުކަން ވެސް އޭނާގެ ބޭބެ އާއި ކޮއްކޮ ސަލާމަތްކުރުމުގައި ފާހަގަ ކުރެވުނެވެ.
ޕްރަބާ އަމިއްލަ ފުރާނަޔައިގެން ސަލާމަތްވުމުގެ ބަދަލުގައި އޭނާ ބެލީ އެއްބަނޑު އެއްބަފާ ކުދިން ސަލާމަތް ކުރާށެވެ. ފުރަތަމަ އޭނާ ހިފީ އަށް އަހަރުގެ ކާޖަލްގެ އަތުގަ އެވެ. އަދި އަތުގައި ހިފާ އޭނާ އެއްގަމަށް އަރުވަން ގެންދިޔައިރު 13 އަހަރުގެ ބޭބެ ސޯނޫ ގެނބޭތަން އޭނާއަށް ފެނުނެވެ. ބްރިޖުގެ ތަނބުގައި ހިފަހައްޓައިގެން އޭނާ ދަންދެން އޮންނާށޭ ކިޔާފައި ޕްރަބާ އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން އޭނާގެ ބޭބެއަށް ގޮވަމުން ދިޔަ އެވެ. އަދި ކޮއްކޮ އެއްގަމަށް އަރުވާފައި ގޮސް ބޭބެ ސަލާމަތްކުރީ ވެސް ޕްރަބާ އެވެ. ޕްރަބާ ހަޅޭއްލަވާ އަޑަށް އެހިސާބުން ދިޔަ އެތައް ބަޔަކު ވެސް އެތަނަށް އެއްވި އެވެ.
މި ކުދިން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީ މިހާރު ވަނީ ދޫކޮށްލާފަ އެވެ. ފަސް އަހަރުގެ ހެމްލަތާ ހޯދުމުގެ މަސައްކަތް ޑައިވަރުން އަދިވެސް ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގާ ދިޔަ ގޮތް ކިޔައިދެމުން ސޯނޫ ބުނީ ބައްޕަ އެމީހުން ކާނިވަލަށް ގެންދާށޭ ކިޔާފައި ބްރިޖް މައްޗަށް އަރުވާފައި ބްރިޖްގެ ފާރު ދަގަނޑު ރެއިލިންމަތީ އެކުދިން ބޭތިއްބީ އެވެ. ބައްޕަ ކައިރީގައި ކޯރުގެ ފުންމިން ކިހާވަރެއް ވާނެހޭ ސޯނޫ އެހި ކަމަށާއި އެހެން ހަމަ އެހުމާއެކު ބައްޕަ އޭނާ ކޮއްޕާ ކޯރު ތެރެއަށް ވައްޓާލީ ކަމަށް ސޯނޫ ބުންޏެވެ. އަދި ވަރަށް ކުޑަ ކުޑަ ވަގުތުކޮޅެއް ތެރޭ ހަތަރު ކުދިން ކޯރަށް ވައްޓާލީ ކަމަށް ވެއެވެ.