ފިނިޕޭޖް

"ލޯބިވެވިއްޖެ"ގެ އޮފިޝަލް ޕޯސްޓަރާއި ޓްރެއިލާ ލޯންޗްކޮށްފި

އޮލިމްޕަސް އަލުން ހުޅުވުމަށްފަހު އަޅުވާ ދެވަނަ ފިލްމު "ލޯބިވެވިއްޖެ" ގެ އޮފިޝަލް ޕޯސްޓަރާއި ޓްރެއިލާ ލޯންޗްކޮށްފި އެވެ.

އެސް ޕްރޮޑަކްޝަންސް އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ދިވެހި ފިލްމް ''ލޯބިވެވިއްޖެ'' ޕްރިމިއާ ކުރަން ނިންމާފައިވަނީ އަންނަ މެއި މަހުގެ ތިންވަނަ ދުވަހު އެވެ.

ސޮލައިޓް ރެސްޓޯރެންޓުގައި ރޭ ބޭއްވި ހަފްލާއެއްގައި މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ އޮފިޝަލް ޕޯސްޓާއި ޓްރެއިލާ ލޯންޗުކޮށް ދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

ގދ. ތިނަދޫ އާއި މާލެ ސިޓީގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯ އާއި ނޫރަލިއާގައި ޝޫޓް ކޮށްފައިވާ "ލޯބިވެވިއްޖެ"ގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ފިލްމުގެ ޑިރެކްޓަރު ސީޒަންގެ އިތުރުން މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު އީސަ (އާނަންދު) އާއި، އަބްދުﷲ ޝާފިއު (ފުބޫ)، އަހްމަދު ނިމާލްގެ އިތުރުން އިރުފާނާ އިބްރާހީމް (އިރޫ) އަދި އާމިނަތު ނިޝާ (ނިޝްކޮ) ހިމެނެ އެވެ.

ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ ޝޫޓިން ފެށީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގެ ތެރޭގައި ތިނަދޫގަ އެވެ.

މިއީ އަހްމަދު ޒަރީރު ލިޔެ ސްކްރީން ޕްލޭ ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އިބްރާހީމް މޫސާ (ދަބަ) ކެމެރާކޮށް ފަތުހުﷲ ޝަކީލް ހުސައިން ބެކް މިއުޒިކް ތައްޔާރުކޮށް ދީފައިވާ "ލޯބިވެވިއްޖެ" ގައި ޖުމްލަ އަށް ލަވަ ހިމެނެ އެވެ.

ލަވަތައް ކިޔާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އަދި މަރިޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، އައްމަޑޭ، ހަސަން ޖަލާލްގެ އިތުރުން މުމްތާޒު މޫސާ، އަލީފް އަލީ އާއި ނަފްހާ އަދި މޯލްޑިވިއަން އައިޑަލް އިން މަޝްހޫރުކަން ހޯދި ތަރި މުއައްޒިން އެވެ. މި ހުރިހާ ލަވަތަކެއްވެސް މިހާރު އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑުން އަޑުއަހާލެވޭނެ އެވެ.