ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރަހުނަކާ ނުލާ ދޫކުރާ ލޯނާއި ފައިނޭންސިން ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް 1.2 މިލިއަން ރުފިޔާއާ ހަމަޔަށް ލިމިޓް އިތުރުކޮށްފި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިއަދުން ފެށިގެން އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލެވި ލޯނު ދޫކުރަމުންދާނީ "ބީއެމްއެލް ލުއި ލޯނު"ގެ ގޮތުގަ އެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިން ދޫކުރާނެ އެވެ.
މި ބަދަލާއެކު ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި ޕާސަނަލް ފައިނޭންސިން ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީ އަށްވެސް ބަލާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ގެނެވުނު ބަދަލާއެކު ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕޯޓްފޯލިއޯ އަށް މިގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ފަހިވެފަ. ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން." ކާލް ސްޓުމްކަ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ލުއި ލޯނު އަދި ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ އެވެ. އަދި ފަސް ދުވަސް ތެރޭގައި ޕްރޮސެސް ކުރެވޭނެ އެވެ.