ބޮލީވުޑް

ބިގް ބޮސް 16: ސުމްބުލްއަށް އެކްޓިންގެ ގިނަ ފުރުސަތުތައް

ކަލާޒް ޗެނަލުން މިހާރު ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް 16"ގެ ބައިވެރިޔެއް ކަމަށްވާ ސުމްބުލް ތައުގީރަށް މިހާރުވެސް ފިލްމާއި ސިލްސިލާތައް ކުޅުމުގެ ވަރަށް ގިނަ ފުރުސަތުތަކެއް ލިބެމުންދާ ކަމަށް އޭނާގެ ބައްޕަ ތައުގީރު ހަސަން ޚާން ބުނެފި އެވެ.

ސުމްބުލްގެ ބައްޕަ މިހެން ބުނީ އެކްތާ ކަޕޫރުގެ މަޝްހޫރު ސިލްސިލާ "ނާގިން"ގެ ކުރިއަށް އޮތް ސީޒަންގެ ބަތަލާ ކަންވެސް ސުމްބުލް އަށް ލިބިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނިކޮށެވެ.

ތައުގީރު ބުނީ ބިގް ބޮސްގެ ގޭގައި ތިބި ބައިވެރިންނަށް އެކިއެކި ފިލްމީ އަދި ސިލްސިލާތައް ކުޅުމުގެ ފުރުސަތުތައް ލިބޭ ވާހަކަތައް ދައްކަނީ އެ ތަރިން ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށާއި އެ ވާހަކަތަކުގައި މާބޮޑު ހަގީގަތެއް ނެތް ކަމަށެވެ. ނަމަވެސް ސުމްބުލް އަށް ގިނަ ފުރުސަތުތަކެއް ލިބިފައި ހުރި ކަމަށް އޭނާގެ ބައްޕަ ތަކުރާރުކޮށް ބުންޏެވެ.

"ނާގިން"ގެ އާ ސީޒަންގެ ލީޑް ރޯލު ސުމްބުލް އަށް ލިބިފައިވާ ކަމަށް ބުނެ ވާހަކަ ދައްކަނީ މީގެ ކުރިން "ބިގް ބޮސް"ގެ ޓްރޮފީ ހާސިލްކުރި ތޭޖާސްވީ ޕްރަކާޝް އާއި އަނީތާ ހަސަނަންދާނީ އަދި އަދާ ޚާން ފަދަ ބަތަލާއިންނަށް "ނާގިން"ގެ އެކި ސީޒަންތަކުގައި ލީޑް ރޯލު ކުޅުމުގެ ފުރުސަތު ލިބިފައިވާތީ އެވެ.

ސުމްބުލްގެ ބައްޕަ ބުނި ގޮތުގައި ސުމްބުލް ކުޅޭނެ ފިލްމުތަކާއި ސީރީޒްތަކެއް ނިންމާނީ އޭނާ "ބިގް ބޮސް"ގެ ގެއިން ނުކުތުމަށް ފަހުގައި ކަމަށެވެ.

ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބުގައި މި ޝޯގެ ގްރޭންޑް ފިނާލޭ ބާއްވަން ހަމަޖެހިފައިވާއިރު އޭނާގެ ދަރިފުޅު ސުމްބުލް ފައިނަލްގައި ވާދަކޮށް ތަށި ވެސް ގެންދާނެ ކަމަށް ޔަގީންކުރާ ކަމަށް ތައުގީރު ބުންޏެވެ.

އުމުރުން 19 އަހަރުގެ ސުމްބުލް މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުތީ ޒީ ޓީވީގެ "ޖޯދާ އަކްބަރް" އިން ޗައިލްޑް އާޓިސްޓެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ދެތިން ހަތަރު ސިލްސިލާއެއްގައި މަސައްކަތް ކޮށްފައިވެ އެވެ. އަދި "އާޓިކަލް 15" އިން އަޔުޝްމާން ކުރާނާއާ އެކު ސުމްބުލް ވަނީ ބޮލީވުޑަށް ވެސް ތައާރަފްވެފަ އެވެ.

ސުމްބުލް އަށް އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނީ ސްޓާ ޕްލަސްގެ "އިމްލީ"ގައި އޭނާ ކުޅުނު އިމްލީ އާރްޔަން ސިންގް ރާތޯރުގެ ރޯލުންނެވެ. 2020ގައި ސުމްބުލް "އިމްލީ" ކުޅެން ފެށިއިރު އޭނާއަށް އެންމެ 16 އަހަރެވެ.