ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އޭޓީއެމް ހިދުމަތް މަތިވެރީގައި ފަށައިފި

Jan 25, 2023

ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އއ. މަތިވެރީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

މި އިންވެސްޓްމަންޓާއެކު މިވަގުތު އއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ރަސްދޫގައި ބީއެމްއެލްގެ ބްރާންޗެއް ގާއިމުކުރުމުގެ އިތުރުން ތޮއްޑޫ، އުކުޅަސް އަދި މަތިވެރީގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް މިހާރު ވަނީ ގާއިމުކުރެވިފަ އެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އަލަށް ހުޅުވުނު ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް މަތިވެރި ރައްޔިތުންނަށް އެހީތެރިކަން ފޯރިކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ ބީއެމްއެލްގެ ޓީމަށް ލިބޭ އުފަލެއް ކަމަށެވެ.

"މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެންމެ ކައިރީ ބްރާންޗަށް ދަތުރުނުކޮށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބިގެންދާނެ. އެންމެ ބޮޑު ބޭންކިން ވިއުގަ އާއި އެކު މިހާރު މުޅި ރާއްޖޭގައި އަޅުގަނޑުމެންގެ 140 އޭޓީއެމް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެވޭ ކަމަކީ އަޅުގަނޑުމެން ފަހަރުވެރިވާ ކަމެއް،" ކާލް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 35 ބްރާންޗް، 83 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 141 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.