އައްޑޫ ސިޓީ

ޝަންގްރިއްލާ ރިސޯޓް ދިވެހި ކުންފުންޏަކަށް ވިއްކާލަން ނިންމައިފި

ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވަމުން އަންނަ ބޮޑު ދިވެހި ކުންފުންޏަކުން ޝަންގްރިއްލާ ވިލިގިނލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް ގަންނަން ހުށަހެޅުމާއި ގުޅިގެން އެ ރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކާލުމަށް އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި އޮންނަ ޝަންގްރިއްލާ ރިސޯޓް ގަންނަން އެއްބަސްވެފައިވަނީ ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ މަންޓާ އެއާ އާއި ދ. ކުޑަހުވަދޫ އެއާޕޯޓް ހިންގަމުންދާ ރިއޯލޯ މޯލްޑިވްސް ކުންފުނިންނެވެ. ނަމަވެސް އެ ކުންފުނީގެ ބަހެއް މިކަމުގައި އަދި ލިބިފައެއް ނުވެ އެވެ.

މި ރިސޯޓު ވިއްކާލުމުގެ ގޮތުން ޝަންގްރިއްލާ ހިންގާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގައި އޮންނަ ސަރުކާރުގެ 30 އިންސައްތަ ހިއްސާ ވިއްކާލަން އިކޮނޮމިކް ކައުންސިލުން ނިންމާ، އެ މުއާމަލާތް ކުރިއަށް ގެންދަން ފިނޭންސް މިނިސްޓްރީއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

އައްޑޫ އިންވެސްޓްމަންޓް ކުންފުނީގައި އޮތް ދިވެހި ސަރުކާރުގެ ހިއްސާ ވިއްކާލުމަށް ނިންމުމާ ގުޅިގެން މިކުންފުނީގައި އޮންނަ ޝަންގްރިއްލާ ގުރޫޕްގެ ހިއްސާ ވިއްކާލުމަށް އެ ކުންފުނިން ވެސް ވަނީ ނިންމާފަ އެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އައްޑޫ އަށް ކުރައްވާ ދަތުރުފުޅުތަކުގައި އައްޑޫގެ ޓޫރިޒަމްގެ މައްސަލަ ވަކިން ހާއްސަކޮށް ޝަންގްރިލާ ބަންދުކޮށްފައި އޮތް މައްސަލަ އަކީ އިސްކަންދެއްވާ މައްސަލަ އެކެވެ.

ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ޝަންގްރިލާ ހުޅުވަން ސަރުކާރުން މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ޝަންގްރިލާ ރިސޯޓް ހުޅުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އަދި އެކަމަށް ކުރިމަތިވި ގާނޫނީ މައްސަލަތައްވެސް މިހާރު ހައްލުކޮށްފައި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އައްޑޫ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމަނައިގެން އުފައްދާފައިވާ އައްޑޫ އިންވެސްޓްމަންޓުން ހަދާފައިވާ ރިސޯޓެކެވެ. މި ކުންފުނިން ވޯލްޑް ބޭންކުން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައި ސަރުކާރުގެ ފައިސާއާއެކު ޖުމްލަ 150 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ މި ރަށުގައި 132 ވިލާ ހުރެ އެވެ. ގާތްގަނޑަކަށް 50 ހެކްޓަރުގެ ބޮޑު މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނައިރު، ސްޕާ އާއި ދެ ޓެނިސް ކޯޓު ގޮލްފް ކޯހެއް ވެސް މި ރިސޯޓުގައި ހުރެ އެވެ.

މި ރިސޯޓު ފުރަތަމަ ހުޅުވީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި ކޮވިޑާ ގުޅިގެން ޝަންގްރިއްލާ ރިސޯޓް ބަންދުކުރި ފަހުން އެ ރިސޯޓް ހުޅުވާފައި ނުވާތީ އެއީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.