އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަރުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ އާއި ބައްދަލުކުރައްވައިފި އެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމަގައި އިދިކޮޅުން ވަނީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކޮށްފައިވާ ހުކުމުގެ އިތުރުން މި ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ފާހަގަކޮށްފަ އެވެ.
ބައްދަލުވުން ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި އެއީ ސިޔާސީ ހުކުމެއްކަން އެ ކޯލިޝަނަށް އެނގިފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން މިފަދަ ހުކުމެއް ކުރުމާ ގުޅިގެން އެމްޑީޕީއާ ދޭތެރޭ ބޭރު ގައުމުތަކުގެ ސަފީރުންނާއި ލީޑަރުންގެ އިތުބާރު ގެއްލިފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ހުރިހާ ދޮރެއްގައިވެސް ޓަކިޖަހައި ނުފުރޮޅާނެ ގަލެއް ނުބާއްވާނެ ކަމަށްވެސް އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަދި ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމުން ބައިނައްލުގުވާމީ ދުނިޔެ ވެސް އެކަން ކުށްވެރި ކުރާ ކަމަށެވެ.
"އިންތިހާބަށް ކުރިމަތިލާންވީމާ މިހާ ފިނޑިވެގެން ނުވާނެ ނޫންތޯ ރައީސް ސޯލިހު. ދަނޑަށް ކުޅެން އަރަންވެސް ދޭން ވާނެ ނޫންތޯ. ދެފައިގައި ޖަހާ ދެފައި ބިންދާލައިގެން ނޫންތާ ތިމަންނަ މެޗުން މޮޅުވާން ޖެހޭނީ،" ޖަމީލު ވިދާޅުވި އެވެ.
މްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކުގައި 260 އަށް ވުރެ ގިނަ މީހުން ހިމެނޭއިރު، ސަރުކާރުން އެ އެންމެންގެ މައްސަލަ ކުރިއަށް ނުގެންގޮސް ހަމައެކަނި ރައީސް ޔާމީނަށް އެކަނި ހުކުމް ކުރެއްވީ ކީއްވެގެންތޯ ވެސް ޖަމީލް ސުވާލު އުފެއްދެވި އެވެ.
ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހުކުމް ކުރެއްވީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ.
އެމަނިކުފާނުގެ ވަކީލުން އަންނަނީ މި މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.