ފިނިޕޭޖް

"ޕެނިކް! އެޓް ދަ ޑިސްކޯ" އުވާލައިފި

މިއަދު މިއޮތީ "ޕެނިކް! އެޓް ދަ ޑިސްކޯ"ގެ ފޭނުންނަށް ހިތާމަވެރި ހަބަރެކެވެ. އެ ބޭންޑް އުވާލައިފި އެވެ.

މި ހަބަރު އެ ބޭންޑްގެ އިންސްތަގްރާމް އެކައުންޓްގައި ޕޯސްޓްކޮށްފައިވާއިރު، މި ޕޯސްޓްގެ ލިޔެފައިވަނީ ބޭންޑްގެ ލީޑް ވޯކަލިސްޓް ކަމުގައިވާ 35 އަހަރުގެ ބްރެންޑަން ޔޫރީ އެވެ.

ބްރެންޑަން ބުނީ އެ ބޭންޑާއެކު ވަރަށް ގިނަ ކަންތައްތަކެއް ތަޖުރިބާކޮށް ތަހައްމަލް ކޮށްފައިވާ ކަމަށެވެ. އޭނާގެ ހަޔާތުގައި ދުނިޔޭގެ އެހާ ގިނަ ތަންތަނަށް ދަތުރުކުރަން ފުރުސަތު ލިބި ގިނަ ރަހްމަތްތެރިންތަކެއް ލިބިފައިވާ ކަމަށާއި އެއީ އެއްވެސް ވަރަކަށް ކުރިން ހީކުރެވުނު ކަމެއް ނޫން ކަމަށެވެ. އަދި އާ ފެށުމެއް ފަށަންޖެހޭ ކަމަށް ދޭހަވާ ގޮތަށްވެސް ލިޔެފައިވެ އެވެ.

ބްރެންޑަން އިތުރަށް ހާމަކުރި ގޮތުގައި އޭނާގެ ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭ ކަމަށެވެ. ބްރެންޑަން ބައްޕައަކަށް ވުމާއި އަނބިމީހާ ސޭރާ މަންމައަކަށް ވާތަން ފެނުމަކީ ހިތްތިރިވާ އަދި އެކްސައިޓްވާ ކަމެއް ކަން ފާހަގަކޮށްފައިވެ އެވެ. އަދި އާ އެޑްވެންޗާއަށް ވަރަށް އިންތިޒާރު ކުރަމުންދާ ކަމަށްވެސް ބްރެންޑަން ބުންޏެވެ.

އެހެންކަމުން ބްރެންޑަންގެ ހަޔާތުގެ މި ސޮފްހާ ނިންމާލައި، އާއިލާއަށް ހުރިހާ ހަކަތައެއް ހިއްސާ ކުރުމަށްޓަކައި، "ޕެނިކް! އެޓް ދަ ޑިސްކޯ" ދެން ނޯންނާނެ ކަމަށްވެސް ބުންޏެވެ. އަދި ފޭނުން ދީފައިވާ ހުރިހާ ސަޕޯޓަކަށް ޝުކުރުއަދާކޮށްފައިވެ އެވެ.

ބްރެންޑަން ބުނީ "ޕެނިކް! އެޓް ދަ ޑިސްކޯ" ރަސްމީކޮށް އުވާލުމުގެ ކުރިން އެންމެ ފަހު ޝޯތައް ޔޫރަޕް އަދި އިނގިރޭސިވިލާތުގައި އޮންނާނެ ކަމަށެވެ.

"ޕެނިކް! އެޓް ދަ ޑިސްކޯ" އަކީ 2004 ގައި އުފެދުނު ރޮކް ބޭންޑެކެވެ. މި ބޭންޑް ފުރަތަމަ ވަނީ :"ބްލިންކް -182" ގެ ކަވާތައް ކިޔާފަ އެވެ.

މި ބޭންޑް އުފެއްދިއިރު ބްރެންޑަން ޔޫރީ އާއި، ކޯ ފައުންޑަރުން ކަމަށްވާ ރަޔާން ރޮސް، ސްޕެންސާ ސްމިތް އަދި ބްރެންޓް ވިލްސަން އަކީ ހައި ސްކޫލްގައި އުޅުނު ކިޔަވާ ކުދިންނެވެ. މި ބޭންޑްގެ އޮރިޖިނަލް މެންބަރުންގެ ތެރެއިން ބޭންޑްގައި މިހާރު ހުރީ ބްރެންޑަން އެކަންޏެވެ.

މި ގްރޫޕްގެ ފުރަތަމަ އަލްބަމް، "އަ ފީވާ ޔޫ ކާންޓް ސްވެޓް އައުޓް" ނެރެފައިވަނީ 2005 ގައެވެ. އަދި ފުރަތަމަ ސިންގަލް، "އައި ރައިޓް ސިންސް، ނޮޓް ޓްރެޖެޑީޒް" ވަނީ ބިލްބޯޑް ހޮޓް 100ގެ ހަތްވަނަ އަށް އަރާފަ އެވެ. އެ ލަވައިގެ ވީޑިއޯއަށާއި "ހައި ހޯޕްސް"ގެ ވީޑިއޯއަށް އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް އިން ވީޑިއޯ އޮފް ދަ އިޔާގެ އެވޯޑް ލިބިފައިވެ އެވެ. މީގެ އިތުރުން ޓޭލާ ސްވިފްޓްއާއެކު ކިޔާފައިވާ "މީ!" ވެސް ވަނީ ބެސްޓް ވިޝުއަލް އިފެކްޓްސް އެވޯޑް ހޯދާފަ އެވެ. މި ބޭންޑަށް ތިން ގްރެމީ ނޮމިނޭޝަންސް ލިބިފައި ވެއެވެ.