ޏ. ފުވައްމުލަކުގައި ރިސޯޓެއް ހެދުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފައްޓަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިއަދު ފުވައްމުލަކަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާއި ބައްދަލު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ފުވައްމުލަކު އެއާޕޯޓު ތަރައްގީ ކުރުމަށްފަހު އެމްޑީޕީން ހުށަހެޅީ އެއާޕޯޓުން މޫދާވީ ސަރަހައްދު ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ އެތަނުގައި ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ ސަރަހައްދު ވަކިކޮށްފައިވަނީ 2007 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަން ފެށުނު އިރުވެސް އެކަން އޮތީ އެހެން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި އެ ސަރަހައްދުގައި ރިސޯޓެއް ހަދާ ވާހަކަ ވަރަށް ބޮޑަށް ދައްކާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ފަސް އަހަރު ނިމިގެން ދާއިރުވެސް އެކަން ނުކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަހުގައި އެ ތަނުގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ފެށޭނެ." ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މުޅި ދުނިޔެއަށް ފުވައްމުލަކު ތައާރަފް ވެގެން ދިޔައީ ފުވައްމުލަކު ރައްޔިތުންގެ އަމިއްލަ ތަނަވަސް ވިސްނުމުން ކަމަށެވެ. ފުވައްމުލަކު ދުނިޔެއަށް މަޝްހޫރު ވަނީ ގުދުރަތީ ވަސީލަތްތަކެއް ހުރި ތަނެއް ކަމާއި ދިރޭތަކެތީގެ ނަސްލު ގިނަކަމާއި ކަނޑުގެ މުއްސަނދިކަން ބޮޑު ތަނެއްގެ ގޮތުގައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގައި އާޓިފިޝަލް ބީޗުގަ އެވެ. އަދި އެމަނިކުފާނުގެ އެންމެ ފަހުގެ ކެމްޕޭން ހަރަކާތް އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 16:30 ގައެވެ. އެއީ މާލޭގައި ބާއްވާ ހިނގާލުމެކެވެ.