ރައީސް މުހައްމަދު ނަޝީދު

ގައިދީންނަށް ދެވަނަ ފުރުސަތު ދޭންޖެހޭ: ނަޝީދު

ކުށްތަކުގައި ޖަލަށްލާފައިވާ ގައިދީންނަށް ދެވަނަ ފުރުސަތެއް އޮންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިރޭ ޒުވާނުންނާ ބައްދަލުކުރެއްވުމަށް ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހަރަކާތެއްގައި އެމަނިކުފާނާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ގައިދީންނަށް ދެވަނަ ފުރުސަތެއް އޮންނަން ޖެހޭނެ ކަމަށާއި އެކަންކުރަން ޖެހޭނެ ކަމަށެވެ.

"މިހާރު ޖަލުގައި މާ ގިނަ ވެއްޖެ ކުދިން، މާ ގިނަ ވެއްޖެ މީހުން. ރައްޔިތުންގެ މަޖިލީހުން ދޭތެރެ ދޭތެރެއިން އެބަދޭ ޖަލު އިންސްޕެކްޓު ކުރުމަށާއި ބަލަން. އެތަނުގެ އާބާދީ ވަރަށް ބޮޑުވެއްޖެ. އަދި އެ ހުރިހާ ކުދިން ގެނެސް ސްކިލްސް، އެމީހުންނަށް އާ ސްކިލްސް ހޯދައިދީ، އިތުރު ހުނަރުތައް އެމީހުންނަށް ދަސްކޮށްދީ އެމީހުން މުޖުތަމައުއަށް ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޒުވާނުންގެ އާބާދީގެ 30 އިންސައްތައަކީ ނެތް ބަޔަކަށް ހަދާފައި ކުރިއަށް ދާން ވަރަށް އުނދަގޫ ވާނެ ކަމަށެވެ. އެކުދިން މުޖުތަމައަށް ގެންނަން ޖެހޭ ކަމަށާއި އެކުދިންނަށް އަޅާލަން ޖެހޭ ކަމުގައިވެސް ވިދާާޅުވި އެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަކީ ބައްޔެއް ކަމަށާއި އެއީ ފަރުވާއެއް ބޭނުންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އެކަމަށް ފަރުވާއެއް ހޯދައިދެވޭތޯ މަސައްކަތް ކުރަން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ބަރާބަރަށް ހިނގާ ދެވަނަ ފުރުސަތު ޕްރޮގްރާމެއް ހިންގަން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ގައިދީންނަށް ދެވަނަ ފުރުސަތެއް ދިނުމުގެ ޕްރޮގްރާމެއް ހިންގާފަ އެވެ. އެގޮތުން މުޖުތަމައަށް ފައިދާ ހުރި ކަންކަން ގައިދީންނަށް ދަސްކޮށްދީ އެމީހުން މުޖުތަމައަށް ނެރެ ވަޒީފާ ހޯދައިދީފައިވެ އެވެ.