ބޮލީވުޑް

"ފާތިމާ" – ޖާޔާ ޕްރަދާގެ އޯޓީޓީ ފުރަތަމަ ޑްރާމާ

ކުރީގެ މަޝްހޫރު ބަތަލާ ޖާޔާ ޕްރަދާ އަނެއްކާވެސް އެކްޓިންގެ މައިދާނަށް ނުކުމެއްޖެ އެވެ. ޖާޔާ މިފަހަރު ކުޅެނީ އޯޓީޓީ ޕްލެޓްފޯމަކުން ދައްކަން ހަމަޖެހިފައިވާ "ފާތިމާ" ކިޔާ ޑްރާމާ އެކެވެ.

މި ޑްރާމާ ސީރީޒްއަކީ ރޭޕް އާއި ބަދަލުހިފުން ފެންނާނެ ވަރަށް ވަރުގަދަ ޑްރާމާއެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

ކުރިން ރާޖްޔާ ސަބާގެ މެމްބަރުކަން ވެސް ކޮށްފައިވާ ޖާޔާ ބުނި ގޮތުގައި "ފާތިމާ"ގެ ވާހަކަ އޭނާއަށް ކިޔައިދިނުމުން އެ ޑްރާމާ ނުކުޅެން ދައްކާނެ އެއްވެސް ބަހަނާއެއް ނުފެނުނު ކަމަށެވެ. އަދި އެކްޓިން އަށް އެނބުރި އަންނަން މިއަށް ވުރެ ރަނގަޅު ޑްރާމާއެއް ދެން ލިބޭނެހެނެއް އޭނާއަކަށް ހިއެއް ނުވެ އެވެ.

"ވަގުތާއެކު އެންޓަޓައިންމަންޓް އިންޑަސްޓްރީގެ ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެއްޖެ. ގިނަ ކަންތައްވީ ރަނގަޅު. އަދި ވާހަކަތަކުގައި ހުންނަން ޖެހޭ ހިތްގައިމުކަން އަދިވެސް އެބަހުރި،" ޖާޔާ ބުންޏެވެ.

ޖާޔާ ބުނި ގޮތުގައި ބޮލީވުޑަކީ އޭނާގެ އަމިއްލަ ތަނެއްގެ ގޮތުގައި އަބަދުވެސް ދެކެ އެވެ. އަދި "ފާތިމާ"ގެ ޝޫޓިންގްގައި ކުރެވިފައިވަނީ ވަރަށް ހިތްހަމަޖެހޭ ތަޖުރިބާ ތަކެކެވެ. އަދި ބެލުންތެރިން މި ޑްރާމާ ބެލުމުގައި ވެސް އުފާވެރި ވަގުތުތަކެއް ހޭދަކުރާނެ ކަމަށް އޭނާ ޔަގީން ކުރެ އެވެ.

ސަންޖީވް ރާއީ ޑައިރެކްޓްކޮށްފައިވާ "ފާތިމާ"ގައި ޓީވީ އެކްޓަރު ހިތެން ތޭޖްވާނީ ވެސް ވަރަށް މުހިއްމު ބައެއް އަދާ ކުރެ އެވެ. މި ޑްރާމާ ދައްކަން ހަމަޖެހިފައިވަނީ އެމްއެކްސް ޕްލެޔާ އިންނެވެ.

ޖާޔާގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު އޭނާ ކައިވެނި ކުރީ ޕްރޮޑިއުސަރެއް ކަމަށްވާ ސްރީކާންތު ނަހާތާ އާއެވެ. މި ކައިވެނި ވެސް ވީ ވަރަށް ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވީ ކަމަކަށެވެ. ސަބަބަކީ ޖާޔާ އާ ކައިވެނި ކުރިއިރުވެސް ސްރީކާންތުގެ އަންބަކާއި ތިން ދަރިން ތިބީމަ އެވެ. ޖާޔާ އާއި ސްރީކާންތަށް ދަރިއަކު ނުލިބެ އެވެ. މިފަހަކުން ޖާޔާ ފެންނަނީ ފިލްމީ މަސައްކަތަށް ވުރެ ސިޔާސީ މައިދާނުންނެވެ.