ދުނިޔެ

ޓްރަމްޕްގެ ފޭސްބުކް، އިންސްޓާގްރާމް އެކައުންޓްތައް ދޫކޮށްލަނީ

ޓްރަމްޕްގެ ފޭސްބުކް، އިންސްޓާގްރާމް އެކައުންޓްތައް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދޫކޮށްލާނެ ކަމަށް -- މި ދެ ނެޓްވޯކްގް ބެލެނިވެރި ކުންފުނި -- މެޓާ ޕްލެޓްފޯމްސްއިން ބުނެފި އެވެ. ޓްރަމްޕްގެ އެކައުންޓްތައް މެޓާއިން މި ދޫކޮށްލަނީ ބަންދުކޮށް ދެ އަހަރު ވަންދެން ހިފެހެއްޓުމަށް ފަހު އެވެ.

މެޓާގެ ގްލޯބަލް އެފެއާޒްގެ ރައީސް ނިކް ކްލެގް ވިދާޅުވި ގޮތުގައި ޓްރަމްޕްގެ އެކައުންޓައް ދޫކޮށްލަން ކުންފުނީގެ އެގްޒެކެޓިވް ލެވެލްގައި މަޝްވަރާކުރެވުނެވެ. އަދި އެކައުންޓްތައް ހިފެހެއްޓުމާ މެދު މިހާރު އަމަލުކުރެވޭ އުސޫލުތަކަށް ބަދަލުތައް ގެނައުމަށްފަހު ޓްރަމްޕްގެ އެކައުޓްތައް ދޫކޮށްލަން ނިންމެވީ އެވެ.

ނިކް ކެލްގް އަދި ވިދާޅުވީ ޝޯޝަލް ނެޓްވޯކްތައް ބޭނުންކުރުމުގައި މެޓާގެ ގަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވާ ނަމަ އެ އެކައުންޓެއް ބަންދުކުރުމުގެ އިޚުތިޔާރު މެޓާއަށް އޮންނާނެ ކަމަށެވެ.

މެޓާއިން ޓްރަމްޕްގެ ފޭސްބުކާއި އިންސްޓާގްރާމް އެކައުންޓްތައް ބަންދުކުރީ ޖެނުއަރީ 6، 2021 ގައި -- އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

މި ހާދިސާއާ ގުޅިގެން ޓްރަމްޕްގެ ޓްވީޓާ އެކައުންޓް ވެސް ވަނީ ބަންދުކޮށްފަ އެވެ. ޓްވީޓާގެ މެނޭޖްމަންޓާ އީލޮން މަސްކް ހަވާލުވެ ވަޑައިގެން ޓްރަމްޕްގެ އެކައުންޓް މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ޓްރަމްޕްގެ އެކައުންޓްތައް ދޫކޮށްލުމާ ބެހޭ ގޮތުން މެޓާއިން ބުނީ ޓްރަމްޕް އަކީ ވެސް އެ ކުންފުނީގެ ސޯޝަލް ނެޓްވޯކްތައް ބޭނުންކުރާ އެހެން މެމްބަރުން ފަދަައިން -- އެއް ގަވާއިދެއް ހިނގާ މެމްބަރެއް ކަމަށެވެ. ސަރުކާރުގެ ނުފޫޒު ގަދަ މަގާމެއްގައި ހުންނެވި ނަމަވެސް، މެޓާގެ ގަވާއިދުތައް އޭނާގެ މައްޗަށް ހިނގާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެންކަމުން، މެޓާއިން ބުނި ގޮތުގައި ޓްރަމްޕަށް ވެސް އޮތް ގޮތަކީ ކުށް ތަކުރާރު ނުކުރެއްވުމެވެ. އަދި ތަކުރާރުކުރައްވައިފި ނަމަ -- އާންމު އުސޫލުތަކުގެ މަތިން ކުރިއަށް ވުރެ ހަށުކަށި ފިޔަވަޅުތައް ޓްރަމްޕަށް ވެސް އަޅާނެ ކަމަށެެވެ.

ކްލެގް ވިދާޅުވި ގޮތުގައި ޓްރަމްޕް ކުރިން ކުރެއްވި ކަހަލަ ކުށެއް ތަކުރާރު ކުރައްވައިފި ނަމަ އެއްމަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް އެކައުންޓްތައް އަނެއްކާ ވެސް ހިފަހައްޓާނެ އެވެ.

ޓްރަމްޕް ކަހަލަ ސިޔާސީ ލީޑަރެއް އަދި އެމެރިކާގައި ވެރިކަންކުރެއްވި ބޭފުޅެއްގެ ފަރާތުން އެފަދަ އަމަލެއް ފެނިގެން ނުވާނެ ކަމަށް ވެސް މެޓާއިން ބުނެ އެވެ.