ދުނިޔެ

ޓްރަމްޕްގެ ފޭސްބުކާއި އިންސްޓާގްރާމް އެކައުންޓް ދޫކޮށްލަނީ

ފޭސްބުކާއި އިންސްޓާގްރާމްގެ ބެލެނިވެރި ކުންފުނި -- މެޓާ ޕްލެޓްފޯމްސް އިން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓްތަކަށް އަޅާފައި ހުރި ހުރިހާ ހުރަހެއް ނައްތާލަނީ އެވެ.

ޓްރަމްޕްގެ ފޭސްބުކް އެކައުންޓާއި އިންސްޓާގްރާމް އެކައުންޓް ބަންދުކުރަން ޖެހުނީ ޖެނުއަރީ 6، 2021 ގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު ވެއްޓި، އެމެރިކާގެ ވެރިކަން ޖޯ ބައިޑަންއަށް ލިބިވަޑައިގަތުމާ ގުޅިގެން ސިޔާސީ މަސްރަހަށް އައި މި ބަދަލު، ޓްރަމްޕަށް ބަލައެއް ނުގަނެވުނެވެ. އަދި ވެރިކަމުގައި ހުންނެވުމުގެ ގަސްދުގައި ގައުމުގައި ހަމަނުޖެހުން އުފައްދައި، ސަޕޯޓަރުން ލައްވާ ގާނޫނު ހަދާ މަޖިލީޙުގައިވެސް ވަނީ ގަޑުބަޑު އުފައްދާފަ އެވެ.

ޑޮނަލްޑް ޓްރަމްޕަށް ތާއިދުކުރާ މީހުންނަނަކީ އެމެރިކާއަށް ހުރި ނުރައްކަލެއް ކަމަށް ނިންމައި، ގާނޫނު ހަދާ މަޖިލީހަށް ވަދެގަން މީހުންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށް ވަނީ އަދަބުވެސް ދީފަ އެވެ.

ތަހުގީގީ އަދި ތަންފީޒީ އިދާރާތަކުން ބުނާ ގޮތުން އާންމުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް ޑޮނަލްޑް ޓްރަމްޕް ވަނީ ފޭސްބުކާއި އިންސްޓާގްރާމް އަދި ޓްވިޓާ ވަރަށް ބޮޑަށް ބޭނުންކުރައްވާފަ އެވެ.

މިކަމަށް އަދަބެއް ގޮތުގައި ޓްރަމްޕްގެ ޓްވިޓާ އެކައުންޓްވެސް އޭރު ބަންދުކުރި އެވެ. އެކަމަކު މިހާރު -- އީލޮން މަސްކް ޓްވިޓާ ބައްލަވައިގެން، އެކްސްއަށް ނަން ބަދަލުކުރެއްވުމަށްފަހު ޓްރަމްޕްގެ އެކައުންޓް ވަނީ ދޫކޮށްލާފަ އެވެ.

އެކްސްއަށްފަހު ފޭސްބުކާއި، އިންސްޓާގްރާމް އަދި ވަޓްސްއެޕް ފަދަ ސޯޝަލް ޕްލެޓްފޯމްތަކުންވެސް ޓްރަމްޕަށް ލުއިދެއްވި އެވެ.

މެޓާއިން ބުނާ ގޮތުން އެ ކުންފުނީގެ ހިޔާވަހިކަމުގައި ހިންގާ ހުރިހާ ނެޓްވޯކެއް، ޑޮނަލްޑް ޓްރަމްޕަށް ހުޅުވާލާނެ އެވެ. އެއީ އެމެރިކާގައި މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި އެއް އުސޫލަކުން އަމަލުކުރުމަށް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޓްރަމްޕްގެ އެކްސް އެކައުންޓް ދޫކޮށްލި ނަމަވެސް އޭނާގެ ހަރަކާތްތައް އަދިވެސް އެކްސްއަށް ރުޖޫއައެއް ނުވެ އެވެ. ފޭސްބުކާއި އިންސްޓާގްރާމް އަދި ވަޓްސްއެޕް ދޫކޮށްލި ނަމަވެސް އެ ހިދުމަތްތަކަށް ޓްރަމްޕް އަވަސްވެނުގަންނާނެ ކަމަށް ބެލެވެ އެވެ.