ދުނިޔެ

ޑޮނަލްޑް ޓްރަމްޕް އަލުން ފޭސްބުކް ބޭނުންކުރައްވަން ފައްޓަވައިފި

އެމެރިކާގައި 2020ގައި އޮތް ރިޔާސީ އިންތިޚާބާ ގުޅިގެން ހިނގައިދިޔަ ހާދިސާތަކުގައި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރުފުޅު ހައްދަވައި ސަޕޯޓަރުންނަށް އޮޅުވާލެއްވި މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ.

މިހެން ކަން އޮއްވައި ޖެނުއަރީ 6، 2021 ގައި އެމެރިކާގެ ގާނޫންހަދާ މަޖިލީހަށް ޓްރަމްގެ ސަޕޯޓަރުން ވަދެގަނެ ދައުލަތުގެ މުދަލަށް ގެއްލުންދިނީ ވެސް ޓްރަމްޕް ވިދާޅުވެގެންކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

މި ހުރިހާ ސަބަބުތަކާ ހެދި ފޭސްބުކާއި ޓްވިޓާއިން ޓްރަމްޕްގެ އެކައުންޓްތައް އޮތީ ބަންދުކޮށްފަ އެވެ. އެހެން ނަމަވެސް، ޓްވީޓާގެ މެނޭޖްމަންޓް ބަދަލުވުމާ ގުޅިގެން ޓްވީޓާ ބޭނުންކުރެއްވުމަށް ޓްރަމްޕަށް މިހާރު ވަނީ ފުރުސަތުދެއްވާފަ އެވެ. އެހެން ނަމަވެސް، ޖެނުއަރީ 8، 2021 އަށް ފަހު ޓްރަމްޕްގެ ޓްވީޓާ އެކައުންޓުން މެސެޖެއް ނުކުރެ އެވެ.

ފޭސްބުކުން ވެސް ވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޓްރަމްޕަަށް ފުރުސަތު އަލުން ދީފަ އެވެ.

ފޭސްބުކަށް އަލުން ނުކުމެ ވަޑައިގެން ޓްރަމްޕް ފުރަތަމަ ވެސް ވިދާޅުވީ "އަޅުގަނޑު އެނބުރި އަތުވެއްޖައިން!" މިހެންނެވެ.

ޓްރަމްޕަަށް ފޭސްބުކުން ހުއްދަ ދިން ނަމަވެސް، ކުރިން ކުރެއްވި ކަހަލަ މެސެޖްތައް -- ގައުމުގެ މަސްލަހަތު ގެއްލުވާލައި ހަމަނުޖެހުން ހިންގުމަށް ޓްރަމްޕް ބާރުއަޅުއްވާ ނަމަ، ފޭސްބުކްގެ ހިޔާވަހިކަމުގައި ހިންގާ ހުރިހާ ނެޓްވޯކަކުން ޓްރަމްޕް ބަންދުކުރާނެ ކަމަށް ފޭސްބުކުން ވަނީ ބުނެފަ އެވެ.

ޖެނުއަރީ ހައެއްގެ ހާލަތާ ގުޅިގެން ޓްރަމްޕަށް ބަންދުކުރި ސޯޝަލް ނެޓްވޯކްތައް އަލުން ހުޅުވަމުން ދާއިރު، އޭނާ ހައްޔަރުކުރަން އުޅޭ ވާހަކަތައް ވަނީ އިތުރުވެފަ އެވެ. މިއީ ބައެއް މީހުންގެ ނަޒަރުގައި ސިޔާސީ ގޮތުން އޭނާ ދައްކަވާ ވާހަކަތަކެވެ.

ފޭސްބުކުގެ އިތުރުން ޔޫޓިއުބް އަދި ގޫގުލް ނެޓްވޯކްތައް ޓްރަމްޕަށް ހުޅުވާލާނެ ކަމަށް އަލްފާބެޓުން ވަނި ބުނެފަ އެވެ. މި ކުންފުނިތަކުގެ މެނޭޖްމަންޓަށް އަންނަމުންދާ ބަދަލުތަކާ އެކު ޚިޔާލު ފާޅުކުރުމަށް ހުރަހެއް އޮވެގެން ނުވާނެ ކަމަށް ދަނީ ބުނަމުންނެވެ.