( 24 ޖެނުއަރީ 2023 އާ ގުޅޭ )
އިރުއޮއްސެން އުޅެނިކޮށް ދަރަކް ގެއަށް އައިސް ފެންވަރާލައިގެން އޮށޯތްތަނާ ނިދުނީއެވެ. ނުވެސް ކައެވެ. ދެން އޭނާއަށް ހޭލެވުނީ ނުވައެއް ޖެހަނިކޮށެވެ. ފޯނުކޯލެއް އަންނަވަރުންނެވެ. ލައިލީ ކަމަކަށް ތައްޔާރުވެގެން ހުރިކަމެއް ހަނދާނެއްނެތެވެ. ތެޅެމުންފޮޅެމުން އޭނާ އަނެއްކާ ގެއިން ނުކުތީ އޮފީހަށް ދާންޖެހޭކަން ބުނެފައެވެ.
ދަރަކްއަށް އައިސް އޮފީހަށް ވަދެވުނު އިރު ސެކްޝަން އެންމެން މީޓިންރޫމަށް ވަންނަނީއެވެ. ދަރަކް ފެނުމާއެކު އަފްރާހުގެ އަތުގައި އޮތް ޕެންޑްރައިވާއި ފައިލު ދައްކާލިއެވެ. ދަރަކް ބޯޖަހާލަމުން އޭނާ އަންނަނީކަން އަންގާލިއެވެ. ދަރަކްގެ މޭޒު ކައިރިއަށް އައިސް މޭޒުމަތިން ގަލަމަކާއި ވަތްގަނޑުގައި އޮތް އޮފީހުގެ ކަންކަން ނޯޓުކުރަން ގެންގުޅޭ ފޮތް ނެގިއެވެ. އަދި މީޓިންރޫމާ ދިމާއަށް ހަލުވި ހިނގުމުގައި އޭނާ އައެވެ. މީޓިންރޫމަށް ވަނުމުގެ ކުރީން ފޯނުގެ ރިންގު ކަނޑާލަން ފޯނު ނެގި ހިނދު އޭނާގެ ފިޔަވަޅު މަޑުޖެހުނެވެ.
"ލައި..." ދަރަކްއަށް އަނބިމީހާގެ ނަން ކިޔާލެވުނެވެ. ލައިލީ ފޮނުވާފައި އޮތް މެސެޖުގެ މަތިން އޭނާ ހަނދާންވީ ދެނެވެ. ޖީބަށް ފޯނު ކޮށްޕާލާފައި އޭނާއަށް ދެ ލޯ މަރާލެވުނެވެ. ދެން ލޯ ހުޅުވާލި ގޮތަށް މީޓިން ރޫމުގެ ދޮރާ ދިމާއަށް ބަލާލެވުނެވެ. އެއަށްފަހު އެނބުރި އޮފީހަށް ވަދެގެން އައި ދޮރާ ދިމާއަށް ބަލާލިއެވެ. ދެ ޚިޔާލެއްގައި ހުރި ކަހަލައެވެ. ކަނދުރާއިން ފެށިގެން ތުނބުޅީގެ ކޮޅަށް ދަރަކްގެ ކަނާއަތް ހިންގާލެވުނެވެ. އޭނާގެ ދެބުމަ ކައިރިވެލައި ނިތަށް ރޫގިނަވެލިއެވެ. ތިރީތުންފަތުގައި ދަތްއަޅާލައިގެން ހުރެ އޭނާ އެނބުރުނު ގޮތަށް އައިސް މީޓިންރޫމުގެ ދޮރުގެ ތަޅުގައި ހިފާލައި ހުޅުވާލީއެވެ.
* * * * *
ޖެހި ބުދެއްހެން ސޯފާގައި ލައިލީ އިނެވެ. ހުޅުވާފައި ހުރި ޓީވީއިން މަންޒަރުތައް ފެނުނަސް އަޑެއް ނީވެއެވެ. އެޕާޓްމެންޓް ތެރެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ދަރަކް ގެއިން ނުކުތީއްސުރެ ލައިލީ ސޯފާގައި އެ އިންނަނީ ހަރަކާތެއްކޮށްނުލައެވެ. މީހާ ހުއްޓުން އަރާފައި އިން ފަދައެވެ. ވިސްނަންވީ ކިހިނެއްކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ސިކުނޑިވަނީ ހުސްކަމެއްގައެވެ. އެހެން އިންދާ އޭނާއަށް ދިރުން ގެނުވީ ކޮފީމޭޒު މަތީ އޮތް ފޯނެވެ. ހަށިގަނޑު ކުރިއަށް ޖައްސާލުމާއެކު ކުރިމަތީ ހުރި ކޮފީމޭޒު މަތިން ލައިލީ ފޯނު ނެގިއެވެ.
"އައި އޭމް ރިއަލީ ސޮރީ ލައި. ހަނދާންއެބަހުރި. އެކަމަކު މިރޭގެ މީޓިން ވެސް ވަރަށް މުހިންމު. ދިހައެއް ޖަހާއިރު މީޓިން ނިންމާފައި ގެއަށް ދާނަން."
ދަރަކް ކޮށްފައި އޮތް މެސެޖު ލައިލީ ކިޔާލިއެވެ. ހިނިތުންވުމެއް ވެރިވާން އުޅުނު ފަދައިން ލައިލީގެ ތުންފަތް ހަރަކާތްކޮށްލާފައި ވެސް ތުންފިއްތާލިއެވެ. ދެ ލޯ ފެންކަޅިވާން އުޅުމުން ލައިލީ އަވަހަށް ދެ ލޯ މަރާ ބާރުކޮށްލައިފިއެވެ. ހަށިފުރާ ފުން ނޭވާތަކެއް ކައިރި ކައިރީގައި ދޫކޮށްލިއެވެ. ދަރަކްގެ މެސެޖުން އުފާވާންވީކަމެއް ނޫނީ އެކަމުން ލައިލީގެ ހިތުގައިވީ ރިހުން އިތުރުވީކަމެއް ބުނާން އޭނާއަކަށް ނޭނގުނެވެ. މިވަގުތު އިޙްސާސްވާންވީ ކިހިނެއްކަމެއް ލައިލީއަށް ނޭނގުނީއެވެ. މީ ދުވަހަކުވެސް އޭނާއަށް ވީގޮތެއް ނޫނެވެ. ކުރެވޭ އިޙްސާސްތައް ދެނެގަންނަން ނޭނގޭ ހިސާބަށް މީގެ ކުރީން އޭނާގެ ވިސްނުމާއި ފިކުރު ގޮސްފައި ނުވާތީއެވެ.
"އަންނާނަމޭ ބުންޏަސް އެހާއިރަށް އާދެވޭނެތަ." އަމިއްލަ ޟަމީރުގެ ކައިރީ ލައިލީއަށް އަހާލެވުނެވެ. ރައްދު އަޑެއްގެ އިންތިޒާރުގައި ލައިލީއަށް އިނދެވުނެވެ. އެގޮތުގައި އިރުގަނޑެއް ފާއިތުވީ ފަހުން ލައިލީއަށް އެ އަޑު އިވުނެވެ. ދުރުން ފަނޑުކޮށް ނަމަވެސް އިވިއްޖެއެވެ. މާޔޫސްވެ ވަރުބަލިވެފައިވީ ނަމަވެސް ހިތްވަރު ދޫކޮށްލަން އަދިނުވާކަން އެ އަޑު ލައިލީއަށް ބުންޏެވެ. އެ އަޑާއި އެއްބަސްވާ ފަދައިން މަޑުމަޑުން ލައިލީއަށް ބޯޖަހާލެވުނެވެ.
އަތުގައި އޮތް ފޯނުން ލައިލީ ގަޑި ބަލާލިއެވެ. ޑަކްޓަރު ބުނެފައިވާ ގަޑީގައި ދެމަފިރިންނަށް ވަގުތު ހޯދަން ދަތިވެއްޖެނަމަ އެންމެ ފަހު ވަގުތަކަށް ދިނީ ރޭގަނޑު އެގާރައެވެ. އެހެންވީމަ އަދި ވަގުތު އެބައޮތެވެ. ސޯފާއިން ތެދުވި ގޮތަށް ލައިލީ އައީ ކޮޓަރިއަށެވެ. އަވަހަށް ފާޚާނާއަށް ވަނީ ދަރަކް އަންނަންވާއިރަށް ތާޒާވެލާށެވެ. އިސްތަށިފިލުވާ ކުރީމްގެ އެހީގައި ކޮޅުއުފުއްލިފައި ހުރި އިސްތަށިތައް ހަށިގަނޑުން ދުއްވާލައި ހަންގަނޑު އޮމާންކޮށްލިއެވެ. ފެންވަރާ ނިންމާލާފައި ލައިލީ ދަތް އުނގުޅިއެވެ. އެވަރުން ނުވެ އޭނާ ކޯދޮންނަ ފުޅިން އަނގަތެރެ ދޮވުނެވެ. ފާޚާނާއިން ނުކުމެ ލައިލީ އިސްތަށިގަނޑު ހިއްކަން ފެށިއެވެ. ކުރިއާ ހިލާފަށް އިސްތަށިގަނޑު ކޮށާލާފައި އޮތުމުން ހިއްކަން ފަސޭހަވިއެވެ. ގައިގާ އޮޅާލާފައިވާ ތުވާލި ނައްޓާލައި އަލަމާރި ކައިރީ ހުރި ހަރުގަނޑުގައި ހިއްކަން އަޅުވާލިއެވެ. ދެން އޭނާ ކަބަޑު ހާވަން ފެށިއެވެ. ހެދުމުގެ އެތެރެއިންލާ އެއްޗެހި ބަލަންފެށިއެވެ. އެއީ ލައިލީ ޚާއްޞަކަމެއް ދޭ ބައެކެވެ. ލާ ހެދުމާއި ބޭނުންކުރާ އެހެން ސަމާނު ބްރޭންޑެޑް ނުވިޔަސް އެތެރެއިން ލައިގެން ހުންނަ ސަމާނަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްގެ ފަރުމާއަކަށް ވާން ލައިލީއަށް ލާޒިމުވެއެވެ. ވަޒީފާއަކަށް ގޮސް އަމިއްލަ މީހާއަށް ފައިސާ ލިބެންފެށި ހިސާބުން އެންމެ ފުރަތަމަ ވެސް ލައިލީ ބަދަލުގެނައި ކަމަކީ އެއީއެވެ. ވަތްގަނޑު ތެރޭ ކުދިކުދިކޮށް އޮޅާލާފައި ކުލައެއްގޮތްވާހެން ތަރުތީބު ކުރެވިފައިވާ ޖަންގިޔާތަކުން ލައިލީ ނެގީ ވިކްޓޯރިއާ ސީކްރެޓްގެ އަސުރުމާ ކުލައިގެ ލޭސް ޖަންގިޔަލެކެވެ. އެ ލައިގެން ގޮސް ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. ތިރީތުންފަތުގައި ދަތް އަޅައިލައިގެން ލޯގަނޑަށް ނަޒަރު ހުއްޓާލައިގެން ހުރި ލައިލީގެ ހިތް އަމިއްލަ ނަފްސަށް ތާރީފުކުރިއެވެ. ފިރިމީހާގެ ލޯބިކުރުންތަކާއި ސަމާސާ ބީހުންތައް ހުންނާނީ ކިހިނެއްކަން ލައިލީއަށް އެނގެއެވެ. ނަމަވެސް އެ ޚިޔާލުތަކާއެކު ލައިލީގެ މޫނުން ކުލަ ފަނޑުވެލިއެވެ.
"އެ ބީހުންތަކުގެ އިހްސާސް ނުކުރެވޭތާ މިވީ ކިހާ ދުވަހެއް. އަހަރެން ދަރަކްއަށް ބޭނުންވޭ. އެކަމަކު ދަރަކް ހިޔެއްނުވޭ އަހަންނަށް ބޭނުންވާހެން... ބޭކާރު ވިސްނުންތަކެއް އެއީ. މިވަގުތު އަހަންނަށް މުހިންމީ ޕްރެގްވުން. ވީހާ ވެސް އަވަހަކަށް ދަރަކްގެ ދަރިއަކަށް އަހަރެން ބަލި އިނުން." ލައިލީގެ މޫޑު އޯފްވުމުގެ ކުރީން އަމިއްލަ ނަފްސަށް މިރޭގެ މަޤްޞަދު ހަނދާންކޮށްދިނެވެ.
ދޮރުމަތީ ހުރެފައި ދަރަކް އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ރޭގަނޑު ދިހަގަޑި ސޯޅައެވެ. ނިތަށް ގިނަވެފައިވާ ރޫތަކުން އޭނާ ކަމަކާ މާޔޫސްވެފައި ހުރި ކަހަލައެވެ. އެހެންނަމަވެސް ދެ ލޯ މަރާލައި ފުންނޭވާއެއް ދޫކޮށްލައި ނަފްސު ހަމައަކަށް އަޅުވާލައިފިއެވެ. ދޫކޮށްލި ނޭވާއާއެކު މޫނުމަތިން ފާޅުވޭވޭ ހުރި ނުތަނަވަސްކަން ވެސް ގެއްލުނީއެވެ. ހިނިތުންވުމަކާއެކު ދަރަކް އެޕާޓްމެންޓުގެ ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ.
"ލައި ނިދީތަ؟." ދަރަކްއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.
އަނބިމީހާ ފެންނަން ނެތުމުން އެވާނީ ކޮޓަރީގައިކަން ދަރަކްއަށް ޔަގީންވެއެވެ. އޭނާ ބޫޓު ނަގައި ކަބަޑަށް ލާފައި މަޑު ހިނގުމެއްގައި އައިސް ކޮޓަރިއަށް ވަނެވެ. ފަނޑުކޮށްލެވިފައި އަލީގެ ތެރެއިން ލައިލީ ފެނުނު ހިނދުން ދަރަކްގެ ފިޔަވަޅު ހުއްޓުމަކަށް އައެވެ. ފިޔާތޮށި ކުލައިގެ ކުރުކުރު ސެޓިން ނައިޓީއެއްގައި ލައިލީ އިނީ އެނދުގައި އިށީނދެލައިގެންނެވެ. ދެކޮނޑާއި އަތުގެ އިތުރުން ފައިގެ ފަލަމަސްގަނޑުގެ ބޮޑުބަޔަކުން ފެށިގެން އޮތީ ނުހަނު ހާމަކަން ބޮޑުކޮށެވެ. އަނބިމީހާގެ ރީތިކަމަކީ ދަރަކް ދެކޮޅު ހެދޭނޭ ކަމަކަށް ނުވެއެވެ. ލައިލީ އެ އިނީ އޭނާއަށް ޓަކައި ތައްޔާރުވެ އިންތިޒާރުގައިކަން ދަރަކްއަށް އެނގެއެވެ.
"ސޮރީ އިނގޭ ލަސްވީމަ. އެބަ އަންނަން ފާޚާނާއަށް ވަދެލާފައި." ދަރަކް ވާހަކަދެއްކިއެވެ. ލައިލީ ހަމައެކަނި ބޯޖަހާލިއެވެ.
ފާޚާނާއިން ނުކުމެގެން އައިސް ދަރަކް އެނދަށް އެރިއެވެ. ލައިލީގެ ގާތުގައި އޭނާ އިށީނެވެ. ދަރަކް ހަރަކާތެއްނުކޮށް އިންނާތީ ލައިލީ ހައިރާންވިއެވެ. ދަރަކްގެ ފައިމަތީ ބާއްވާލެވިފައި އޮތް އަތްމަތީ ލައިލީގެ އަތްތިލަ ބާއްވާލިއެވެ. އެއާއެކު ދަރަކްގެ ނަޒަރު ލައިލީއަށް ހުއްޓާލިއެވެ. މަޑުމަޑުން ލައިލީއާ ދިމާއަށް އެނބުރިލިއެވެ. ލައިލީގެ ކޮނޑުގައި އޭނާ ވަސްގަނެލިއެވެ. އެއަށްފަހު ލުއިލުއި ލަސް ބޮސްދިނުންތަކުން ލައިލީއާ ގާތްވަމުން ދަރަކް ދިޔައެވެ. ފިރިމީހާގެ ބީހުންތަކުން މަސްތުވަމުން ދިޔަ ލައިލީގެ އަޑު ކޮޓަރިތެރެއިން އިވެންފެށިއެވެ. ނޭވާ ކުރުވެ އަވަސްވެފައިވަމުން ދާވަރަކަށް ލައިލީގެ ދުލުން ދަރަކްއަށް ގޮވާލެވެއެވެ.
"ދަރަކް... ޕްލީޒް... އައި އޭމް ރެޑީ." ލައިލީ އާދޭސްކޮށްލިއެވެ. ހަށިގަނޑު އެދެމެދުންދިޔަ މަރުހަލާއަށް ދަރަކް ވާސިލުވާން ގިނައިރު ނެގުންވީ ލައިލީގެ ކެތްތެރިކަން ކޮޅުންލީ ސަބަބެވެ.
އަނބިމީހާއަށް ބަލާލާފައި ދަރަކް ދުރަށް ޖެހުނެވެ. މަޑުމަޑުން ތެދުވެ އެނދުގެ އަރިމަތީ އިށީނދެއްޖެއެވެ. ދަރަކްގެ މި ޢަމަލް ދެނެގަންނަން ނޭނގި ފިރިމީހާއާއެކު ލައިލީއަށް ވެސް ތެދުވެވުނީއެވެ.
"އައި އޭމް ސޮރީ. އަހަރެން... އަހަރެން ރެޑީއެއްނޫން." ދަރަކް އިސްއޮބާލިއެވެ. ފަރުވާތެރިކަމާއެކު ދަރަކްއަށް ލައިލީ ބަލާލިއެވެ. އެދުންވެރިކަމަށް ހޭލައިފައިވަނީ ލައިލީގެ ހަށިގަނޑު އެކަނިކަން އެނގުނީ އެހިނދުއެވެ. ދަރަކްގެ ހަށިގަނޑަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. ދަރަކް މަޑުމަޑުން ރަޖާގަނޑު ދަމާލައި އުނގުމަތީ އަޅައި ފޮރުވާލިތަން ލައިލީއަށް ފެނުނެވެ.
"ލެޓް ޑޫ އިޓް." ލައިލީ ބުނެލިއެވެ. އަދި އެނދުން ފައިބައިގެން އައިސް ދަރަކްގެ ކުރިމަތީ ދެ ކަކޫ ޖަހާލިއެވެ. ދެ ލޯ ބޮޑުކޮށްލާފައި ދަރަކްއަށް ބަލާލެވުނެވެ. ދަރަކްގެ އުނގުމަތިން ރަޖާގަނޑު ދަމައިގަނެ ލައިލީ ކުރިއަށް ޖެހިލިއެވެ. އެހިނދު ލައިލީގެ ބޮލުގައި ދަރަކް ވަގުތުން ހިފެހެއްޓިއެވެ.
"ސްޓޮޕް... އިޓްސް ނޮޓް ގޮއިން ޓު ވޯކް." ދަރަކް ބުނެލިއެވެ.
ލައިލީއަށް އެއްޗެއް ބުނަން ނޭނގިފައި އިންދާ ދަރަކް ތެދުވެއްޖެއެވެ. އެނދުކައިރިން އޭނާގެ ބޮކްސާ ނަގައި ލާންފެށިއެވެ. ދަރަކްގެ ހަރަކާތްތައް ފެނުމުން ލައިލީ އޭނާއަށް ގޮވާލިއެވެ.
"އައި އޭމް ސޮރީ، އަހަންނަކަށް ނުވާނެ." ކޮޓަރީގެ ދޮރާދިމާއަށް ދަރަކް ހިނގައިގަތެވެ.
"އެކަމަކު ޑަކްޓަރަށް ދައްކަން ދާން ޖެހޭނެއެއްނު." ލައިލީއަށް ބުނެވުނެވެ. އޭނާ އެނދުކައިރިން ތެދުވެ ދަރަކްއާ ކުރިމަތިލިއެވެ.
"މިފަހަރު ކެންސަލް ކޮށްލާ." ދަރަކް ބުންޏެވެ.
"މިހާވަރަށް ރެޑީވެފައި ހުއްޓާލަންތަ ދަރަކް ބޭނުންވަނީ. މިކަމަށް ޓަކައި ކިތައް ޓެސްޓް އަހަރެން ހަދައިފިން. ކިހާ ލާރިއެއް ޚަރަދުވެއްޖެ." ލައިލީއަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ.
"ލައިލީ. ސީރިއަސްކޮށް މިބުނީ. މިރޭ... މިރޭ ނުވާނެ. އައި އޭމް ސޮރީ." ދަރަކް ނިތްކުރީގައި ހިފަހައްޓާލިއެވެ. އޭނާ ކޮޓަރިން ނުކުންނަން ދޮރުފަތް ހުޅުވާލި ވަގުތު ލައިލީ ވާހަކަދެއްކިއެވެ.
"ދަރަކް ގަޔާވާ ގޮތެއް މިހާރު އަހަރެންގެ ނެތީ ދޯ." ލައިލީއަށް މަޑުމަޑުން ބުނެވުނެވެ.
"ވަޓް." ކުއްލިއަކަށް ދަރަކް އެނބުރި ލައިލީއަށް ބަލާލިއެވެ. އެނދުމަތިން ރަޖާގެނެސް ލައިލީ ހަށިގަނޑު ފޮރުވަންފެށީއެވެ.
"އަހަރެން ބާވީ. ދަރަކްއަށް މިހަށިގަނޑު ކަމުނުދަނީ. ފީލްއެއް ނުވަނީ އެހެންވެ..." ލައިލީގެ ވާހަކަތައް ނިކަން އަވަހަށް ދަރަކް ހުއްޓުވިއެވެ.
"އެހެނެއްނޫން. މިކަމުގައި ލައިގެ ކުށެއްނެތް... އަހަންނަށް ލައި ކަމުނުގޮސްގެން ނޫޅެން. އަސްލު އަހަރެން މިކަމަށް ރެޑީއެއްނޫން. ކުއްލިއަކަށް ވަރަށް އަވަސްއަރުވާލާފައި މިކަމުގައި މިއުޅެނީ. މައްސަލައަކީ މިދުވަސްކޮޅުގެ ގޮތުން. އަހަރެން ވެސް އެހާ ބިޒީ. އަނެއްކޮޅުން ޑަކްޓަރު ބުނާއިރަށް އައިސް އެކަން ކުރަން ޖޭހެނެކަމާއި ކާމިޔާބު ނަތީޖާއެއް ނެރުމާ... މީ ވަރަށް ޕްރެޝާ. އައި ޓްރައިޑް... ސްޓިލް އައި ކާންޓް. އައި ކާންޓް ޑޫ އިޓް. ސޮރީ ލައި. ދިސް އިޒް ޓޫ މަޗް ޕްރެޝަރ." ދަރަކް ބުންޏެވެ. އޭނާއަށް އިތުރަށް ލައިލީގެ ކުރިމަތީ ހުންނަން އުނދަގޫވީއެވެ. ހަލުވިކޮށް އައިސް ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ.
"ޕްރެޝަރޭ... ކީކޭ ދަރަކް ތިކިޔަނީ. ދަރަކް އެހެން ގުޅުމެއް ހިންގަނީ. މިހާރު އަހަރެންގެ ބޭނުމެއް ދަރަކްއަށް ނެތޭ ބުނުމެކޭ އެއްފަދައިން ކަންތައް ތިކުރީ. އެނގޭތަ ތި ބަސްތަކުން އަހަރެންގެ ހިތަށް ކުރާ އަސަރު. އަހަރެންގެ އަމިއްލަ ނަފްސުގެ އެއްވެސް އަގެއްނެތް ކަހަލަ... ދަރަކްއަށް ނޭނގޭތަ ތި މަރާލީ އަހަރެންގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ޔަގީންކަން. ބޭނުންވަނީ ހުރިހާ ގޮތަކުން އަހަރެން ނިކަމެތިކޮށްލަންތަ... އަހަރެންގެ ހިތް މުޅީން ހަލާކުކޮށްލައި ނަފްސުގެ ނިޝާން ވެސް ފުހެލަންތަ." ދެއަތަށް ބޮނޑިކޮށްލެވިފައިވާ ރަޖާގަނޑު ތެރޭ މޫނުފޮރުވައިގެން އިނދެ ލައިލީ ރޮމުންދިޔައެވެ. އިންތިހާއަށް ހިތުގައި ޖެހިފައި އިނދެ ގިސްލަމުންނެވެ.
(ނުނިމޭ)