ފިނިޕޭޖް

ޖަސްޓިން ބީބާގެ ލަވަތައް 200 މިލިއަން ޑޮލަރަށް ވިއްކާލައިފި

ލަވަކިޔުންތެރިޔާ އަދި ރެޕާ ޖަސްޓިން ބީބާ، ހިޕްޖިނޮސިސް ސޯންގްސް ކެޕިޓަލްއަށް އޭނާގެ ލަވަތައް ވިއްކާލައިފި އެވެ.

މިގޮތުން 31 ޑިސެމްބަރު 2021 އާ ހަމައަށް 28 އަހަރުގެ ޖަސްޓިން އެކަނި ކިޔާފައިވާ ލަވަތަކާއި ހިއްސާވާ ލަވަތަކުގެ 290 ލަވަ ކެޓަލޮގް ހިޕްޖިނޮސިސް ސޯންގްސް ކެޕިޓަލްއަށް ވިއްކާލާފައިވެ އެވެ. އަދި ޖަސްޓިންގެ އޮރިޖިނަލް މާސްޓާ ރިކޯޑިންގްތައްވެސް ވަނީ މި ޑީލްގައި ހިމަނާފަ އެވެ.

މި ޑީލްގެ ތަފްސީލް ހިޕްޖިނޮސިސް ސޯންގްސް ކެޕިޓަލްއިން ހާމަކޮށްފައި ނުވި ނަމަވެސް ގާތް އިތުބާރު ހުރި ފަރާތަކުން އޭއެފްޕީ އަށް ދިން ބަޔާނެއްގައި ބުނީ ޖަސްޓިން ލަވަތައް ވިއްކާލީ 200 މިލިއަން ޑޮލަރަށް ކަމަށެވެ.

މި ޑީލްގެ ސަބަބުން އެއްވެސް ފަރާތަކުން ޖަސްޓިންގެ މި 290 ލަވަ ޓީވީ، ރޭޑިއޯ އަދި ފިލްމެއްގައި ބޭނުންކުރާ އަދި ސްޓްރީމް ކުރާ ކޮންމެ ފަހަރަކު ހިޕްޖިނޮސިސް ސޯންގްސް ކެޕިޓަލްއަށް ފައިސާ ލިބޭނެ އެވެ.

ޖަސްޓިން ބީބާ އަކީ މިފަދައިން ހިޕްޖިނޮސިސް ސޯންގްސް ކެޕިޓަލްއަށް ލަވަތައް ވިއްކި ގިނަ ލަވަކިޔުންތެރިންގެ ތެރެއިން އެކަކެވެ.

މީގެ ތެރޭގައި ޖަސްޓިން ޓިމްބާލޭކް، އެލީޝިއާ ކީޒް، ނެލީ ފަޓާޑޯ، ކްރިސް ކޯނެލް، ރެޑް ހޮޓް ޗިލީ ޕެޕާސް، ބޮބް ޑިލަން، ބްރޫސް ސްޕްރިންގްސްޓީން، ސްޓިން ހިމެނެ އެވެ. މިއީ އާންމުކޮށް ގިނަ ދުވަސްވި ލަވަކިޔުންތެރިން ކުރާ ކަމެކެވެ.

ހިޕްޖިނޮސިސް ސޯންގްސް ކެޕިޓަލް އަކީ ބްލެކްސްޓޯން އާއި އިނގިރޭސިވިލާތުގެ ހިޕްޖިނޮސިސް ސޯންގް މެނޭޖްމަންޓްގެ 1 ބިލިއަން ޑޮލަރުގެ ވެންޗާއެކެވެ.