އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ޕާޓީން ވަކި ކޮށްފަ ތިބި މީހުންނަށް ވޯޓުލާން ދާން މެސެޖުތައް ލިބޭ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސާ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިނުވާ މީހުންނަށް ވެސް ވޯޓު ލާން ދިއުމަށް އެދި މެސެޖުތައް ފޮނުވަމުން އަންނަ ކަމަށް އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުނެފިއެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީ އިން ވަކި ކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ މީހުންނަށް ހޮނިހިރު ދުވަހު އޮންނަ ޕްރައިމަރީގައި ވޯޓު ލާން އައުމަށް އެދި މެސެޖުތައް ލިބެމުން އަންނަ ކަމަށެވެ.

ނަމަވެސް، ވޯޓު ލެވޭ މީހުންގެ ދަފްތަރުގައި ނަން ނެތް މީހުން އެތަނަށް ދިޔަ ނަމަވެސް، ވޯޓު ނުލެވޭނެކަން އިބްރާހީމް ވަހީދު ހަނދާންކޮށް ދެއްވިއެވެ. އަދި ލިސްޓުގައި ނަން ނެތް މީހުންނަށް ވޯޓު ލާން ދިއުމަށް އެދި މެސެޖު ކުރުން ހުއްޓާލުމަށް ވެސް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ވޯޓު ލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުން އަންނަ ހޮނިހު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 ގެ ނިޔަލަށް ޕްރައިމަރީ އިންތިހާބުގައި ވޯޓު ލުމަށް ދިއުމަށް ވެސް އެޕްޑީޕީގެ އިންތިހާބު ކޮމިޓީއިން ވަނީ އެދިފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެ އެވެ.

އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. މިގޮތުން ދެ ކެނޑިޑޭޓުންގެ ވެސް ކެމްޕެއިނު ނިންމާލުމުގެ ގޮތުން ބާއްވާ ޖަލްސާ މިރޭ އޮންނާނެއެވެ.

ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ ކެމްޕެއިނު ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އައްޑޫ ސިޓީ، ސިޓީ ބާޒާރުގައެވެ. އަދި ނަޝީދުގެ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި މާލެ، އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.