ފިނިޕޭޖް

ކޮމްޕޯޒާ ޖޯން ވިލިއަމްސް އަމިއްލަ ރިކޯޑް މުގުރާލައިފި

މިއުޒިކް ކޮމްޕޯޒާ ޖޯން ވިލިއަމްސް އަމިއްލަ އެކަޑަމީ އެވޯޑްގެ ރިކޯޑް މުގުރާލާ، ތާރީހު ބަދަލުކޮށްލައިފި އެވެ.

މިގޮތުން ޖޯން އަކީ ދުނިޔޭގައި ހުރި މިހާތަނަށް އެންމެ ގިނަ އެކަޑަމީ އެވޯޑަށް ނޮމިނޭޓްވެފައި މީހާ އެވެ. އަދި 90 އަހަރުގެ ޖޯން އަކީ ތަފާތު ހަތް ޑެކޭޑް ތެރޭގައި ނޮމިނޭޓްވި ހަމައެކަނި މީހާ އާއި އެކަޑަމީ އެވޯޑަކަށް ނޮމިނޭޓްވި އެންމެ ދުވަސްވީ މީހާ އެވެ.

މިގޮތުން ސްޓީވަން ސްޕީލްބާގްގެ "ދަ ފޭބަލްމަންސް"ގެ މިއުޒިކަށް މިއަހަރުގެ އެކަޑަމީ އެވޯޑްގެ ބެސްޓް އޮރިޖިނަލް ސްކޯ ކެޓަގަރީ އިން ނޮމިނޭޓްވުމާއެކު، ޖޯން ވިލިއަމްސް ވަނީ މުޅިއަކު 53 ފަހަރު އެކަޑަމީ އެވޯޑްސް އަށް ނޮމިނޭޓްވެފަ އެވެ.

ޖޯން އަށް ވުރެ ގިނަ ނޮމިނޭޝަންސް މިހާތަނަށް ލިބިފައިވަނީ ވޯލްޓް ޑިޒްނީ އަށެވެ. އޭނާއަށް ވަނީ 22 އެވޯޑާއި 59 ނޮމިނޭޝަންސް ލިބިފަ އެވެ.

53 ނޮމިނޭޝަންސްގެ ތެރެއިން ޖޯން އަށް ލިބިފައިވަނީ ފަސް އެވޯޑެވެ. އެއީ "ޝިންޑްލާސް ލިސްޓް"، "އީޓީ ދި އެކްސްޓްރާ-ޓެރެސްޓްރިއަލް"، "ސްޓާ ވޯޒް"، "ޖޯޒް" އަދި "ފިޑްލާ އޮން ދަ ރޫފް" އަށެވެ. މީގެ ތެރެއިން "ސްޓާ ވޯޒް" އާއި "ފިޑްލާ އޮން ދަ ރޫފް" ފިޔަވައި ހުރިހާ ފިލްމަކީ ސްޓީވަން ސްޕީލްބާގްގެ ފިލްމުތަކެވެ.

ޖުމްލަކޮށް ސްޓީވަންގެ 27 ފިލްމަކަށް ޖޯން މިއުޒިކް ހަދައި، މީގެ ތެރެއިން ގިނަ ފިލްމްތައް ނޮމިނޭޓްވެފައިވެ އެވެ.

މީގެ އިތުރުން 71 ފަހަރު ގްރެމީ އެވޯޑަށް ޖޯން ނޮމިނޭޓްވެ 25 ފަހަރު އެވޯޑް ލިބިފައިވާއިރު 25 ގޯލްޑަން ގްލޯބް އެވޯޑަށް ނޮމިނޭޓްވެ 4 އެވޯޑް ލިބި، 6 އެމީ އެވޯޑަށް ނޮމިނޭޓްވެ 3 ލިބި، 7 ބްރިޓިޝް އެކަޑަމީ އެވޯޑް ލިބިފައިވެ އެވެ.

ޖޯން މިއުޒިކް ހެދި ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އިންޑިއާނާ ޖޯންސް"ގެ ފިލްމްތައް، "ޖުރޭސިކް ޕާކް"ގެ ފިލްމްތައް، "ހޯމް އަލޯން"، "ސްލީޕާސް"، "ސޭވިން ޕްރައިވެޓް ރަޔާން"، "އަމިސްޓާޑް"، "ހެރި ޕޮޓާ" ފިލްމް ސީރީޒް، "މެމުއާސް އޮފް އަ ގޭޝާ"، "މިއުނިކް" އަދި "ދި އެޑްވެންޗާސް އޮފް ޓިންޓިން" ހިމެނެ އެވެ.