ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ފަހު ޖަލްސާ: ވައުދުތަކާއި މިއުޒިކުން އެންމެން ކައްކުވާލައިފި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގެ ފަހު ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ޒައިން އިބްރާހިމް | އަވަސް
83.3%
0%
16.7%

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކާމީޔާބީ އިއުލާންކުރެއްވުމަށްފަހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޮށްދޭނެ ކަންތައްތަކެއްގެ ވައުދުނާމާ އިން ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޖަލްސާތައް ނިންމާލައިފި އެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާ މިރޭ އާޓިފިޝަލް ބީޗްގައި ލަވައާއި މިއުޒިކުން ފެށުމަށްފަހު ޤުރުއާން ކިޔެވުމަށްފަހު ޖަލްސާގައި ވާހަކަ ދެއްކެވީ ވެސް ހަމައެކަނި ރައީސް ނަޝީދު އެވެ. އެމަނިކުފާނުގެ ވާހަކަ ކުރިއަށް ގެންދެވީ ގަދައަށް މިއުޒިކް ޖަހާފައިވާ މާހައުލެއްގައި ވައުދުތަކުގެ ލިސްޓެއް އިއްވަވަމުން މުޅި އޯޑިއަންސް "ކިކް" ޖައްސަވަމުންނެވެ.

ރައީސް ނަޝީދު ކޮންމެ ވައުދެއް ވިދާޅުވުމުން މިއުޒިކްގެ އަޑު ބާރުކޮށްލުމަށްފަހު އެމަނިކުފާނާ އެކު އެންމެން ގެންދެވީ އަތްތިލަ ބަޑިޖަހަމުންނެވެ. ފުރި ބާރުވެފައިވާ އާޓިފިޝަލް ބީޗް ސަރަހައްދުގައި ތިބި ހުރިހާ އެންމެންގެ އަޑު ރައީސް ނަޝީދުގެ ކޮންމެ ވައުދުފުޅަކާއި އެކު ގަދައަށް ގުގުމާލަ އެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ ކުރައްވާނެ ކަންކަމުގެ ލިސްޓް އިއްވަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ތަކެތީގެ އަގު ކުޑަކޮށްދީ ޓެކްސްތައް ކުޑަކޮށްލާނެ ކަމަށެވެ.

ރައީސް ނަޝީދުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގެ ފަހު ޖަލްސާގައި ބައިވެރިވި މީހުން އެމަނިކުފާނު ހުންނެވި ސްޓޭޖް ވަށާލައިގެން. -- ފޮޓޯ: ޒައިން އިބްރާހިމް | އަވަސް

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދީ ރައްޔިތުންގެ ޖީބަށް ވަންނަ ވަރު ދެން އެމަނިކުފާނުގެ ވެރިކަމެއްގައި ދެގުނަ ކޮށްދޭނެ ކަމަށެވެ. އަދި ދަރިވަރުންގެ ލޯންތައް އަލުން އެކުލަވާލާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މަސްވެރިންނަށް ހާއްސަކޮށްގެން ވެސް ރައީސް ނަޝީދު ވަނީ މުހިއްމު ވައުދުތަކެއްވެވަޑައިގެންފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިހާރު 17 ރުފިޔާއަށް ހުރި މަސް ކިލޯއެއް 25 ރުފިޔާއަށް ބޮޑުކޮށްދޭނެ ކަމަށާއި މަސްވެރިންގެ އާމްދަނީ އިތުރުކޮށްދޭނެ ކަމަށެވެ.

"ރޮލާ މަސް ބޭރުކުރުން ހުއްޓުވާދޭނަން. މަސް ޕްރޮސެސް ކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވައުދުނާމާ އިއްވިއިރު އެކަން ކުރައްވާނެ ގޮތުގެ އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ނަޝީދުގެ ފަހު ހަރަކާތް އޮންނާނީ މާދަމާ ހަވީރު އެވެ. އެއީ އެމަނިކުފާނަށް ތާއިދު ކުރާ މީހުންނާއެކު ބާއްވާ ހިނގާލުމެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910