ސްވިޑަން އަށާއި ފިންލޭންޑަށް ނޭޓޯ މެންބަރުކަން ދިނުމަށް މަޝްވަރާކުރުމަކީ ވެސް ބޭކާރުކަމެއް ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު މަމްލޫތު ޗަވްސޯލޫ ވިދާޅުވެއްޖެ އެވެ.
ތުރުކީ އާއި ސްވިޑަންއާ ދެމެދު ކުރިން އޮތް ގުޅުން މިހާރު އޮތީ ވަރަށް ބޮޑަށް ކަމީނާވެފަ އެވެ. ސަބަބަކީ ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އަންކާރާގެ އެމްބަސީ ކުރިމަތީގައި -- އެ ތަނަށް ޖަމާވާ މީހުންނަށް ފެންނަ ގޮތަށް ގުރުއާންގެ މުސްހަފެއް އަންދާލުމާ ގުޅިގެންނެވެ.
ސްވިޑަންގައި ހަމައިން ނައްޓާފައި އޮތް ސިޔާސީ ޕާޓީއަކުން ގުރުއާން އެންދުމަށް ހުއްދައަށް އެދި ސަރުކާރުގައި -- ކަމާބެހޭ އިދާރާތަކުގައި އެދުމުން ވަނީ ލަހެއް ފަހެއް ނުކޮށް ހުއްދަ ދީފަ އެވެ. އަދި ތުރުކީ އެމްބަސީ ކުރިމަތީގައި ގުރުއާން އަަންދާފައި ވަނީ ފުލުހުންގެ ހިމާޔަތުގައި -- ސަރުކާރުގެ ތާއީދާ ވެސް އެކުގަ އެވެ.
މި ހާދިސާއާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް ވަނީ ކޯފާވެ ވަޑައިގެން ބަސްވިދާޅުވެފަ އެވެ.
އުރުދުޣާން ވިދާޅުވީ ނޭޓޯގައި ބައިވެރިވާން ސްވިޑަންއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ތުރުކީން ދޭނެ އެއްބާރުލުމެއް ނޯންނާނެ ކަމަށާއި -- ތުރުކީގެ އެހީތެރިކަން ލިބޭނެ ކަމަށް ސްވިޑަން އިން އުންމީދުކޮށްގެން ނުވާނެ ކަމަށެވެ.
ސްވިޑަން އާއި ފިންލޭންޑް ނޭޓޯގައި ބައިވެރިވުމަށް ތުރުކީ އާއެކު ކުރަމުން ގެންދިއަ މަޝްވަރާތައް މިހާރު އޮތީ ހުއްޓާލާފަ އެވެ.
"ސްވިޑަން އަށާއި ފިންލޭންޑަށް ނޭޓޯ މެންބަރުކަން ދިނުމަށް ވާކާލާތު ކުރެވޭނެ ޖާގައެއް މިހާރު ނެތް ކަމަށް ޚާރިޖީ ވަޒީރު މަވްލޫތު ޗަވްސޯލޫ ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ސްވިޑަންގެ އަމަލުތައް ހުރީ މަޝްވަރާއަށް ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.
ނޭޓޯގައި ބައިވެރިވުމަކީ ސްވިޑަން އަށާއި ފިންލޭންޑަށް މުހިންމު ކަމެއް ކަމަށް މި ދެ ގައުމުން ނުދެކޭ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.