ފިނިޕޭޖް

ޖޯ، "ފޯލް އައުޓް ބޯއި" އިން ބްރޭކެއް ނަގަނީ

"ފޯލް އައުޓް ބޯއި"ގެ ކޯ ފައުންޑާ އަދި މެންބަރު ޖޯ ޓްރޯމަން ބްރޭކެއް ނަގައި، އެ ބޭންޑުން ވަގުތީ ގޮތުން ދުރަށްޖެހިލަނީ ކަމަށް ބުނެފި އެވެ.

އުމުރުން 38 އަހަރުގެ ޖޯ ބުނީ މާބޮޑު ތަފްސީލަކަށް ނުގޮސް، އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަށްޓަކައި ވަގުތީގޮތުން ބޭންޑުން ދުރަށްޖެހިލާނެ ކަމަށެވެ.

ޖޯ ވަނީ މީގެ ކުރިންވެސް އޭނާގެ ޑިޕްރެޝަން އާއި އޯސީޑީގެ ވާހަކަ އޭނާ މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒްކުރި މެމޮއާ "ނަން އޮފް ދިސް ރޮކްސް" ގައި ވެސް ދައްކާފަ އެވެ. އަދި އޭނާގެ ކުރީގެ އަހްލާގާ މެދު ހިތާމަ ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

ޖޯގެ މެސެޖުގެ ގަޑިއިރުތަކެއް ކުރިން "ފޯލް އައުޓް ބޯއި" އިން ވަނީ އާ އަލްބަމެއް ކަމުގައިވާ "ސޯ މަޗް (ފޯ) ސްޓާޑަސްޓް" މިއަހަރުގެ މާޗް 24 ވަނަ ދުވަހު ނެރޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

މިފަދަ ވަގުތެއްގައި ބްރޭކެއް ނެގުމަކީ ވަރަށް ހިތްދަތިވާ ކަމެއް ކަމަށާއި އެހެން ނަމަވެސް އޭނާ ރަނގަޅުވުމަށްޓަކައި ނަފްސާނީ ސިއްހަތަށް އިސްކަން ދޭންޖެހޭ ކަމަށް ޖޯ ބުންޏެވެ.

ޖޯގެ މެސެޖުގައި އޭނާގެ ބްރޭކަކީ ވަގުތީ ބްރޭކެއް ކަމަށް ޔަގީންކަން ދެމުން ޖޯ އޭނާގެ ބޭންޑް މޭޓުންނަށާއި އާއިލާއަށާއި އެންމެނަށް ޝުކުރު އަދާކުރި އެވެ.

ޕަންކް ރޮކް ބޭންޑެއް ކަމުގައިވާ "ފޯލް އައުޓް ބޯއި" އުފެދިފައިވަނީ 2001 ގައެވެ. އަދި ޖޯއަކީ އެ ބޭންޑުގެ ލީޑް ގިޓަރިސްޓް އަދި ބެކިން ވޯކަލިސްޓެވެ.