ފިނިޕޭޖް

ރީބާ މެކްއެންޓާޔާގެ ބޫޓުތައް

ކަންޓްރީ ލަވަކިއުންތެރިޔާ އަދި އެކްޓްރެސް ރީބާ މެކްއެންޓާޔާ އަކީ ރެޑް ކާޕެޓް އިވެންޓްތަކަށް ވަރަށް ނަލަ ވެފައި، އެންމެ ކުރީގައި އުޅޭ ޑިޒައިނަރުންގެ ގައުން ލައިގެން ހުންނަތަން ފެންނަ ތަރިއެކެވެ.

އެހެންނަމަވެސް ރީބާގެ ކްލޯސެޓް ބަލާލުމުން އޭނާގެ 85 ވެސްޓަން ބޫޓު ކަލެކްޝަން ލާން ހަދާފައިވާ ކަސްޓަމް ސްޓޯރެޖް ރެކް ފެނި، "ގްލެމާ"ގެ ބަދަލުގައި "ކަންޓްރީ" އިމޭޖެއް ސިފަ ވެގެންދާނެ އެވެ.

ރީބާ ކައުގާލް ބޫޓް ދެކެ ވާ ލޯބިން އޭނާ ވަނީ ޖަސްޓިން ފުޓްވެއާ އާ ގުޅިގެން ފުޓްވެއާ ޑިޒައިންކޮށް، މިދިޔަ ޑިސެމްބަރު ހިސާބުގައި ލޯންޗުކޮށްފަ އެވެ. އަދި ރީބާގެ ކްލޯސެޓްގައި އޭނާ ޑިޒައިންކޮށްފައިވާ ބައެއް ބޫޓު ހިމެނެ އެވެ.

ރީބާ ބުނީ މި ޖަސްޓިން ފުޓްވެއާގެ ރީބާގެ ޑިޒައިން ކަލެކްޝަންގައި ތަފާތު ބޫޓު ހިމެނޭނެ ކަމަށެވެ. އެގޮތުން ސްޓޭޖްގައި ލަވަކިޔާއިރު އަރާ ކަހަލަ ކަށިމަތި ނޫނީ ކަކުލާ ހަމަވާ ބޫޓާއި ބެރަލް ރަން ކުރުމަށް އަރާކަހަލަ ބޫޓަކާއި އަސް ލޯޑުކުރުމަށް އަރާނެ ސްނީކާސް ބޫޓަކާ އަދި ޓެނިސް ޝޫޒް ހިމެނޭ ކަމަށް ރީބާ ބުންޏެވެ.

"އަހަރެން ބޫޓުތައް ޑިޒައިން ކުރީ އަހަރެންނަށް ބޭނުންވާ އަދި ކަމުދާ ގޮތަށް، އުއްމީދަކީ އެއީ ފޭނުންނަށްވެސް ކަމުދާނެ ބޫޓުތަކެއް ކަމަށް،" ރީބާ މެކްއެންޓާޔާ ބުންޏެވެ.

އުމުރުން 67 އަހަރުގެ ރީބާ ބުނީ އޭނާ ފުރަތަމަ ފަހަރަށް އަމިއްލަ ބޫޓެއް ގަތީ ވަރަށް ބޮޑަށް ބާވެފައިވާ މީހެއްގެ ބޫޓަކަށް އަރައިގެން މުބާރަތެއްގައި ވާދަކޮށް، ތިންވަނަ ލިބުމަށްފަހުގައި ކަމަށެވެ.

ރީބާ ބުނީ އޭނާ ޑިޒައިންކޮށްފައިވާ ބޫޓުތަކަކީ އަރާމު ބޫޓުތަކެއް ކަމަށާއި ރީބާވެސް މަސައްކަތްކުރާއިރު އެ ކަލެކްޝަންގެ ބޫޓަށް އަރާ ކަމަށެވެ. އަދި އަރާމު ބޫޓަކަށް އެރުން މުހިއްމު ކަމަށާއި އެހެން ނުވާނަމަ އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަށްވާ ކަމަށެވެ.

ބޫޓުގެ އިތުރުން ރީބާ ބުނީ އޭނާއަކީ ޖީންސް ލުމަށް ލޯބިކުރާ ތަރިއެއް ކަމަށާއި އޭނާގެ ކްލޯސެޓްގައި 100 އަށް ވުރެ ގިނަ ޖީންސް ވެސް ހުރި ކަމަށެވެ. އެހާ ގިނަ ޖީންސް ގެންގުޅޭ ސަބަބަކީ އޭނާގެ ބަރުދަން މައްޗަށްގޮސް ތިރިވާތީ އެކި ދުވަސްވަރަށް ފިޓްވާ ޖީންސް ބަހައްޓަން ބޭނުންވާތީ ކަމަށެވެ.

ރީބާ އަކީ ލަވަކިޔުމުގެ ދާއިރާ އިން ގިނަ އަދަދެއްގެ އެވޯޑް ހާސިލްކޮށްފައިވާ ތަރިއެކެވެ.