ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރުމުގައި އިންތިހާއަށް އިހްމާލުވެފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ރައީސް ސޯލިހްގެ ވާދަވެރިޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭން ނިންމާ ދުވަހާ ދިމާކޮށް ޓްވިޓާގައި އާންމުކުރެއްވި ލިޔުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ އަބަދުވެސް ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ސިޔާސަތުތަކެއް ތަންފީޒުކުރުމުގެ ފުރުސަތުތައް އުފައްދައިދިނުން ކަމަށެވެ.
އެކަމަކު "ނިމެން މިދާ" ރައީސް ސޯލިހްގެ ކޯލިޝަން ސަރުކާރުގެ ދައުރުގައި އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރުމުގައި އިންތިހާއަށް އިހްމާލުވެފައިވާ ކަމަށެވެ. ވެރިކަމުގައި އެމްޑީޕީގެ ހިއްސާ ގަޑުބަޑުކޮށް ކޯލިޝަން ޕާޓްނަރުންގެ ސިޔާސަތުތަކަށް ސަރުކާރު ވަނީ ދީލާލާފައި ކަމަށްވެސް ވިދާޅުވި އެެވެ.
"2023 ވަނަ އަހަރުގެ އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ވުމަށް އަޅުގަނޑު ވާދަމިކުރަނީ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާއި އަދި އާމްދަނީ އިތުރުވާނެ ސިޔާސަތުތަކެއް އެކުލަވާލައި ތަންފީޒުކުރުމަށެވެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ހުށަހަޅުއްވާ ބައެއް ސިޔާސަތުތައް
* ދިގުނުދަންމާ ގޯތިކަނޑާފައި ދިނުން
* ފުދުންތެރިކަން ނެތް އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން - އާމްދަނީގެ 60 ޕަސަންޓަށް ވުރެ ބޮޑު އަދަދެއް ކުއްޔަށް ހަރަދުކުރާކަށް ނުޖެހޭނެ
* ގޯތި ބިނާކުރުމަށް ފައިނޭންސް ކުރާނެ ގޮތް ހަމަޖެއްސުން
- މަހުގެ އަގު މަތިކުރުމާއި ރޮލާ މަސް ބޭރުކުރުމުގެ ބަދަލުގައި މަސް ފައްކާކޮށް އަގު މަތިކުރެވޭނެ ގޮތްތައް ހޯދުން
- ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް މި ވިޔަފާރި ހިންގާ ރަށްތަކުގެ އާމްދަނީ ވަސީލަތްތައް އަވަސްކުރުން
- ސަރުކާރުން ވިޔަފާރީގެ ތެރެއަށް ހައްދެއް ނެތި ވަނުން ހުއްޓުވައި، އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ފަހިކުރުން
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި 2008 ވަނަ އަހަރު ތަންފީޒު ކުރި ސިޔާސަތުގެ ސަބަބުން ދިވެހި ދައުލަތުގެ އާމްދަނީ މިއަދު 10 ގުނަ ކުރެވިފައިވާ ކަމަށެވެ. މި ނިސްބަތުން ރައްޔިތުންގެ އާމްދަނީ ވެސް އިތުރުކުރެވެން ޖެހޭ ކަމަށާއި އަދި އިތުރު ކުރެވެން ވެސް އެބައޮތް ކަމަށެވެ.
"އަޅުގަނޑު އެދެނީ އެމްޑީޕީގެ އެންމެ މެންބަރުން އަޅުގަނޑު ބޮޑު ވޯޓެއް ދެއްވުމެވެ. އަދި އަޅުގަނޑާ އެކު އެމްޑީޕީގެ ސިޔާސަތު ހިންގުމުގައި ދެމިތިއްބެވުމެވެ." ނަޝީދުގެ ލިޔުމުގައި ވިދާޅުވެފައިވެ އެވެ.