ބޮލީވުޑް

އެމްއެމް ކީރަވާނީ މާޔޫސްވެގެން މިއުޒިކް އުފެއްދުން ހުއްޓާލަން އުޅުނު

ސައުތު އިންޑިޔާގެ މިއުޒިކް ޑައިރެކްޓަރު އެމް.އެމް. ކީރަވާނީގެ "ނާޓޫ ނާޓޫ" ވަނީ މިއަހަރުގެ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ ކެޓަގަރީން އޮސްކާ އަށް ނޮމިނޭޓް ވެފަ އެވެ. އަދި ގޯލްޑަން ގްލޯބް އެވޯޑް ވެސް މިފަހަރު ލިބިފައިވަނީ އޭނާގެ މި ލަވަ އަށެވެ.

އޭނާގެ މި ކާމިޔާބީތައް ފާހަގަކޮށް އިންޑިޔާ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށްދޭ ވަރަށް ފަހުރުވެރި އެވޯޑެއް ކަމަށްވާ ޕަދްމާ ޝްރީ ވެސް އޭނާއަށް ދީފައި ވެއެވެ.

ނަމަވެސް ކީރަވާނީ އަށް ހައްގު ކާމިޔާބީ އޭނާއަށް ލިބިފައިވަނީ މިއުޒިކް އުފެއްދުމުގެ މަސައްކަތްކުރާތާ އެތައް ޒަމާނަކަށް ފަހުގަ އެވެ. އޭނާގެ މަސައްކަތް މީހުން ބަލައިނުގަންނާތީ މާޔޫސްވެގެން މިއުޒިކް އުފެއްދުން ހުއްޓާލަން ވެސް އޭނާ ހިޔާލު ކުރި ކަމަށް އޭނާގެ އެކުވެރިޔާ އަދި ދެ އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އޭ އާރް ރަހްމާން ބުނެފައި ވެއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އޭ.އާރް.ރަހްމާން ބުނީ ކީރަވާނީ އަކީ އެފަދަ ދެވަނަ އެއް ނެތް ވަރުގެ ކޮމްޕޯސާ އެކެވެ. އަދި އޭނާގެ މޮޅުކަން މީހުންނަށް ވަޒަން ނުކުރެވުނު މީހެކެވެ.

"އޭނާއަށް އެކަށީގެންވާ ކާމިޔާބެއް ނުލިބި މާޔޫސްވެގެން 2015ގައި އޭނާ މިއުޒިކް އުފެއްދުން ހުއްޓާލައި ރިޓަޔާ ވާން ގަސްތުކުރި. ގާތްގަނޑަކަށް އެހާތަނުން އޭނާގެ ކެރިއަރަށް ކުރިއެރުން ލިބެން ފެށީ،" ރަހްމާން ބުންޏެވެ.

ރަހްމާން ބުނި ގޮތުގައި ކުރާ މަސައްކަތުން ކާމިޔާބު ނުލިބި މާޔޫސްވެފައިވާ އެންމެން ވެސް ކީރަވާނީގެ ހަޔާތުން އިބުރަތް ލިބިގަންނަން ޖެހެ އެވެ.

"އަހަރެން ދަރިން ކައިރީގައި ވެސް ބުނަން 35 އަހަރު ވަންދެން މަސައްކަތް ކުރިއިރުވެސް އެއްވެސް ކާމިޔާބެއް ނުލިބި ރިޓަޔާ ކުރަން ނިންމި ފަހުން ކުއްލިއަކަށް ކީރަވާނީ އަށް އެ ލިބުނު ކާމިޔާބަކީ އެންމެން ވެސް ދަސްކުރަންޖެހޭ ވަރަށް ބޮޑު އިބުރަތްތެރި ފިލާވަޅެކޭ،" ރަހްމާން ބުންޏެވެ.

ކީރަވާނީގެ "ނާޓޫ ނާޓޫ" އަކީ އޭނާ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަށް އުފައްދައިދިން ލަވަތަކުގެ ތެރެއިން ލަވަ އެކެވެ. ކީރަވާނީ އާއި ރާޖަމޯލީ އަކީ ދެބެންގެ ދެދަރި ދެބެންނެވެ.

ޚުދް ރާޖަމޯލީ ވެސް ގަބޫލުކުރާ ގޮތުގައި ކީރަވާނީ އަށް ހައްގު ކާމިޔާބު އޭނާއަށް މި ލިބުނީ ވަރަށް ލަހުންނެވެ.

ބޮލީވުޑް ފިލްމު ބަލާ މީހުންނަށް ވެސް ކީރަވާނީ އެނގުނީ އަދި ކިރިޔާ އެވެ. ގޯލްޑަން ގްލޯބް ލިބި އޮސްކާ އަށް ނޮމިނޭޓް ވީމަ އެވެ. ނަމަވެސް ބޮލީވުޑްގެ ފިލްމުތަކަށް ވެސް ކީރަވާނީ ވަނީ ވަރަށް ރީތި ލަވަތަކެއް ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި 2002ގައި ރިލީޒްކުރި "ޖިސްމް"ގެ އެންމެ ރީތި އެއް ލަވަ 'ޖާދޫ ހެ ނަޝާ ހޭ" އާއި ހަމަ އެ ފިލްމުގެ "އާވާރާޕަން ބަންޖާރާޕަން"، 2003ގައި ރިލީޒްކުރި "ސާޔާ"ގެ "އޯ ސާތިޔާ"، 2005 ގައި ރިލީޒްކުރި "ޕެހޭލީ"ގެ 'ދީރޭ ޖަލްނާ" ފަދަ ލަވަތައް ހިމެނެ އެވެ. ނަމަވެސް އެ ލަވަތައް ރީތިގެން އަޑު އަހާ އަހާ ފޫހިވިއިރުވެސް އެ ލަވަ އުފެއްދީ ކާކުކަން އޮތީ ނޭނގި ފައެވެ.